ads
އަލީ ޒާހިރު. ފޮޓޯ ރައީސް އޮފީސް
އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓު ހެކްކުުރިކަމަށް ބުނާ މައްސަލަ ބަލަނީ
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓު ހެކްކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުން އިއްޔެ ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ހުތުރު ބަހުން ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. 

އަލީ ޒާހިރު ރިޕްލައިކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕޭނުގެ ހަރަކާތްތަކުގައި ސޯޝަލް މީޑިއާގައި އިސްކޮށް އުޅުއްވާ ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ޝަމްއޫން ޖަލީލް (ލޫކަސް) ގެ ޓުވީޓަކަށެވެ. ލޫކަސްގެ ޓުވީޓަކީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭނު ހަރަކާތްތަކަށް އަމާޒުކޮށް ކުރައްވާފައިވާ ޓުވީޓެކެވެ.

''ކޮންކަމެއް ނުވެގެންބާ އެ އުޅެނީ. ވަޒީރުކަމުގައި ވެސް ހުރީ އެމްޑީޕީ ލީޑާރޝިޕުން މަސައްކަތްތަކެއްކޮށް އިންތިހާބުތަކެއް ކާމިޔާބުކުރީނަ ނޫންތޯ. 16 އަހަރު ޕާޓީ ނުހިނގައޭ ބުނާއިރު އެމްޑީޕީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެ ގިނަ އިންތިހާބުތަކެއް ނެގީ. ނަގަމުންދަނީ ނުހިނގާތީ؟'' ލޫކަސްގެ ޓުވީޓުގައިވެއެވެ.

މި ވާހަކައަށް ރައްދު ދެއްވައި އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓުގައި ވިދާޅުވެފައިވަނީ ''ތިޔަ ބުނާ ވަޒީރު ވެސް އެކަމުގައި ގޭނުނު''  ކަމަށެވެ. އަދި އެމްޑީޕީ މި ހިސާބަށް އައީ ރައީސް ނަޝީދު ކުރި މަސައްކަތުން އެކަނިތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ.

''ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތް އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މި ހިސާބަށް އައީ. ރައީސް އިބޫ ވާ ކެތްގަދަ. މި ކަހަލަ ...... ވެސް ލައިގެންވިއްޔާ އަދިވެސް އެ އިންނަވަނީ.'' އަލީ ޒާހިރުގެ އެކައުންޓުން ކުރެއްވި ޓުވީޓުގައިވެއެވެ.

މި ޓުވީޓު ކުރެއްވިތާ އިރުކޮޅެއް ތެރޭވަނީ ޑިލީޓް ކުރައްވާފައެވެ. މި ޓުވީޓާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން އަލީ ޒާހިރު ވިދާޅުވީ  ރައީސް ނަޝީދަށް ފާޑުވިދާޅުވެ އޭނާގެ އެކައުންޓުން ޓުވީޓެއް ކުރީ އެމްޑީޕީގެ އެެތެރޭގެ އިންތިހާބުގައި އޭނާގެ ދައުރެއް އޮތްކަން ދެއްކުމަށް ކަމަށާއި, އެއީ އެކައުންޓު ހެކްކޮށްގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އެ ގޮތުން އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސީއެންއެމްއަށް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް