ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ރާއްޖޭން މާދަމާރޭ ކުޅޭ އެކުވެރިކަމުގެ މެޗަށް އެކުލަވާލި ސްކޮޑުގައި ދަގަނޑޭއެއް ނުހިމެނެއެވެ. އެކަމަކު އެ ސްކޮޑުގައި ދަގަނޑޭ ނުހިމެނީ މި ފަހުން އޭނާ މެޗުތައް ނުކުޅޭތީ އެންމެ ފިޓް ނޫންވީމާ ދަގަނޑޭ އަމިއްލައަށް އެދިގެން ކަމަށް ކޯޗު މޮރިއޭރޯ ބުންޏެވެ. ކޯޗު ބުނީ ދަގަނޑޭއާ އޭނާ އަބަދުވެސް ވާހަކަ ދައްކަމުން އަންނަކަމަށެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗަކީ ގައުމީ ކޯޗު މޮރިއޭރޯގެ އިރުޝާފުގެ ދަށުން ދިވެހި ޓީމު މާލޭގައި ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނީ ލަންކާގައި ކުޅުނު ތިން މެޗެވެ. އެއިން އެއްވެސް މެޗަކުން ރާއްޖެ މޮޅުވެފައެއް ނުވެއެވެ. ލަންކާއާ ސީޝެލްސްއާ ދެކޮޅަށް އެއްވަރުވީ އިރު ބަންގްލަދޭޝް އަތުން ރާއްޖެވީ ބައްޔެވެ.