ads
ައަހްމަދު މޫސާ (އައްމަޓީ)
އައްމަޓީ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ހުޅުމާލޭގައި ފްލެޓް އަޅައިދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާ އުފުލައި ގޭބަންދަށް ދޫކޮށްލާފައި ހުރި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
Advertisement

ޕްރޮސެކިއުޓަރު ޖެނެރަލް އޮފީސް (ޕީޖީއޯ) އިން މިއަދު ބުނީ އައްމަޓީ ދޫކޮށްލި މައްސަލަ މިދިޔަ ހޯމަ ދުވަހު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

މިއީ ކްރިމިނަލް ކޯޓުން އަންމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރު ކަމަށްވާއިރު، މީގެކުރިން އައްމަޓީ ބަންދުން ދޫކޮށްލި ދެ ފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.

ބޭރަށް ފުރައިގެން ނުދެވޭނެ ގޮތަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ގޭބަންދަށް ދޫކޮށްލީ ދައްތައަކާއި އަންހެން ކޮއްކޮއަކު ޖާމިނުކޮށް ޝަރުތުތަކަކާއެކު އެވެ. އެއީ ހެކިންނަށް ނުފޫޒު ނުފޯރުވުމަށާއި، ރަށުން ބޭރަށް ނުދިއުމަށާއި، އަދި ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމަށް އޭނާ އަށް ޝަރުތު ކޮށްފަ އެވެ.

ބަންދު މުރާޖާކުރަން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ފިލާފައިވާތީ ދެންވެސް ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އޮތުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. 

ނަމަވެސް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި މިހާރު އައްމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ، ފިލައިގެން އުޅުނު ކަމަށް ދައުލަތުން ބުނަނީ އައްމަޓީ އޭނާގެ އަންހެނުންނާއި އާއިލާ ގާތަށް ސްރީލަންކާގައި ގޮސްހުރި ދުވަސްވަރު ކަމަށެވެ. 

އަދި މިވަގުތު އޭނާގެ އަތުގައި ޕާސްޕޯޓެއް ނެތުމުން ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ފާހަގަކުރައްވާ ނިހާޔަތު ވިދާޅުވީ، އެވަރުން ވެސް ފިލާނެ ކަމަށް ހީވާނަމަ އެ ބިރު ފިލުވާލުމަށްޓަކައި އައްމަޓީގެ ގޭގެ ބޭރުގައި ޑިއުޓީއަށް ފުލުހުން ބޭތިއްބުން ނުވަތަ އޭނާ ސަވައިލެންސްގައި ބެހެއްޓުންފަދަ ދައުލަތުން ބޭނުން ކޮންމެ ޝަރުތެއް ކޮށްފައި ނަމަވެސް މިވަގުތު ދޫކޮށްލުން އެދޭ ކަމަށެވެ. 

އޭނާ ވިދާޅުވީ، އައްމަޓީ ދޫކޮށްލުން މިވަގުތު މުހިންމު ވަނީ އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ގޯސްވުމުންނާއި، އައްމަޓީގެ އޮޕަރޭޝަނެއް ކުރަން ޖެހޭވަރަށް އައްމަޓީގެ ސިއްހީ ހާލަތުވެސް ގޯސްވުމުން ކަމަށެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 ދައުވާއަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާއެކެވެ. އެ ހުރިޙާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފައެވެ. 

އޭގަފަހުން ބާކީ އޮތް އަޑުއެހުންތައް އިއްވުމަށް މިމަހުގެ 13 ވަނަދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާތައް އިއްވާ ނިންމާލުމުން އެ ހުރިހާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރާ މި 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އައްމަޓީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީއެވެ. 

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަން ފޮނުވައި، އޭނާ ބަންދުގައި އެފަހަރު ބަހެއްޓީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން ޖޫން މަހުގެ 17ވަނަ ދުވަހު ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އަންމަޓީއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމާ އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.

އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން ކޯޓަށް ހުށަހެޅަމުން ޝަރުތަކެއް މަތިކޮށްފައި އޮކްޓޫބަރު މަހު ގޭބަންދަށް ދޫކޮށްލިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް