ads
މަރާލާފައި އޮއްވާ ފެނުނު އަލީ އަބްދުﷲ. ފޮޓޯ: ސޯޝަލް މީޑިއާ
މީހަކު މެރުމުގައި ބައިވެރިވިކަން ސާބިތުވިއިރު, ތަންފީޒުކުރާނެ ހުކުމެއް ނެތް
މީގެ ހަ އަހަރުކުރިން އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިޔަކު މަރާލި މައްސަލައިގައި ދައުވާ ލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
Advertisement

އައްޑޫ ސިޓީ ހިތަދޫ ބުރުނީގޭ އަލީ އަބްދުﷲ ގެ ކަރުގައި ވާފަށެއް އޮޅާލައި އެ ވާފަށަށް ބާރުކޮށްގެން އޭނާ މަރާލައި ޗަސް ބިމަކަށް އެއްލާލައިފައި އޮއްވާ ފެނުނު މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލީ އެ ރަށު ނަޝީދީގޭ މުހައްމަދު ޝިފާޒުގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި  ދައުވާ ކުރި ސަބަބަކީ އަލީ އަބްދުﷲ މަރާލުމުގެ ކުށް ސާބިތުވެފައިވާ އައްޑޫ ސިޓީ ހިތަދޫ/ހެޕީފިއުޗަރ އަހްމަދު އިބްރާހިމްދީދީ އެދުމުގެ މަތިން 2016 ވަނަ އަހަރުގެ މާޗުމަހުގެ ދެވަނަ ދުވަހުގެ ދަންވަރު އެ ރަށު ސްކޫލު ކައިރިއަށް އަލީ އަބްދުﷲ ގެންގޮސްފައިވާތީއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން ޝިފާޒާއި ދައުލަތާމެދު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު, އޭގެ ކުރިން ތަހްގީގުގައި  ޝިފާޒް ވަނީ ކުށަށް އިއުތިރާފުވެ, ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީ ތަހްގީގަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނަމަވެސް ޝިފާޒު ބުނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި, ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އެ ގޮތުން އެ އެއްބަސްވުން ޝަރީއަތަށް ބަލައި ނުގަންނަން ނިންމިއެވެ. އެއަށްފަހު ޝަރީއަތް ކުރިއަށް ގެންދިޔައީ ދެ ފަރާތުން ވެސް ހެކި ހުށަހަޅައިގެންނެވެ.

މި މައްސަލައިގައި ޝިފާޒާއި ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއިރު, ދައުލަތުން ޝަރީއަތުގައި ބުނެފައިވަނީ އަހްމަދު އިބްރާހިމްދީދީ އެދުުނު ގޮތަށް މީހުން ނޫޅޭ ފަޅު ހިސާބަކަށް އަލީ އަބްދުﷲ ގެންގޮސްދިނުމަށް ޝިފާޒަށް 30,000 ރުފިޔާ ހުށަހެޅި ކަމަށެވެ. ނަމަވެސް އޭނާ އެކަން ކޮށްދިނީ ބައިލައްކަ ރުފިޔާ ދޭން ބުނުމުން ކަމަށެވެ. އެ ގޮތުން ޝިފާޒްގެ ކިބައިގައި ކުށްކުރުމުގެ ނިޔަތް އޮތްކަން ހާމަވާކަމަށް ޝަރީއަތުގައި ދައުުލަތުން ބުނެފައިވެއެވެ.

މި މައްސަލަ ބެއްލެވި ގާޒީ ބަދަލުވެ, މައްސަލަ ކުރިއަށް ނުގޮސް އޮންނަތާ އެތައް ދުވަހެއް ފަހުން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު އިއްޔެ ހުކުމް ކުރެއްވީ ޝިފާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ ކުށުގެ އަދަބެއްގެ ގޮތުން ހަ އަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް ތަހްގީގު މަރުހަލާއިން ފެށިގެން ޝިފާޒް ހުރީ ބަންދުގައިިކަމަށްވާތީ, ގާޒީ ސަފްއަތު ކަނޑައެޅުއްވީ ޝިފާޒުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް