ގާނޫނީ ވަކީލުންނަށް މިއަދު ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދު ފޮނުއްވި އީމޭލެއްގައި ވާގޮތުން، އިމްތިހާނުގައި ބައިވެރިވާނެކަމަށް އަންދާޒާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދަށް ބަލާއިރު ބޮލަކަށް 20،000 ރުފިޔާ ފީގެ ގޮތުގައި ޖެހެއެވެ. ނަމަވެސް މިއީ ރާއްޖޭގައި މި އިމްތިހާނު ހަދާ ފުރަތަމަ ފަހަރަށް ވާތީ ފީގެ 50 އިންސައްތާގައި ކައުންސިލުން ހިފުމުން، އެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ދައްކަން ޖެހޭނީ 10،000 ރުފިޔާ ކަމަށް އެ ލިއުމުގައި ވެއެވެ.
ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އިމްތިހާނު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވެ އިމްތިހާން ލަސްވަމުން ދާތީ، ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ.
އެގޮތުން މިދިޔަ އަހަރު، އެ ތަމްރީން ފުރިހަމަ ކުރި 283 ވަކީލުންނަށް ވަނީ ވަގުތީ ލައިސަންސެއް ދޫކޮށްފައެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން އެ ދަރިވަރުން ވެސް މިފަހަރު އިމްތިހާނުގައި އިށީންނަން ޖެހޭނެއެވެ. އެފަހަރު ވަގުތީ ސެޓްފިކެޓެއް ދިނީ 1000 ރުފިޔާގެ ފީއަކަށް ކަމަށްވާއިރު، އަލުން ބާ އެގްޒާމަށް 10،000 ރުފިޔާ ނަގަން ބާ ކައުންސިލުން ނިންމާފައިވާތީ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ބައިތައް
- މޯލްޑިވިއަން ލީގަލް ސިސްޓަމް
- ކްރިމިނަލް ޕްރޮސީޖާ
- ސިވިލް ޕްރޮސީޖާ
- ޕްރޮފެޝަނަލް އެތިކްސް
- ޑްރާފްޓިން
- ދިވެހި ބަސް