އެޗްޕީއޭ އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މި އަހަރުގެ ޓީބީ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަކީ: "Invest to End TB. Save Lives"
ނަމަވެސް ރާއްޖޭގެ ހާލަތާއި ގުޅުވައިގެން ރާއްޖޭގައި އާންމުކޮށް މިއަހަރުވެސް ބޭނުން ކުރާ ޝިއާރަކީ:
"End TB in the Maldives”
މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ، ދުނިޔެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް ފާހަގަކޮށް ހިތްވަރުދީ، ޓީބީ ބައްޔާ ގުޅޭ މައުލޫމާތު މީހުންގެ ސަމާލުކަމަށް ގެނައުމެވެ.
2030 އާއި ހަމައަށް ދުނިޔެއިން ޓީބީ ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާގައި ހިމެނި، ލަނޑުދަނޑި 3( ފުރިހަމަ ސިއްޙަތާއި ދުޅަހެޔޮކަން) ގައި ހިމެނޭ ކަމެކެވެ. ރާއްޖެއިން ޓީބީ ނައްތާލުމަށް ކަނޑައެޅިފައިވަނީ 2025 ގެ ނިޔަލަށެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއެކު، ސްޓްރެޓެޖިކް ޕްލޭނެއް ވަނީ އެކުލަވާލެވިފައެވެ.
މި ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު 3 ދާއިރާއެއްގެ މައްޗަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން ބަލިމީހުންގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއް ޓީ.ބީ އިން ރައްކާތެރިވުމަށާއި ފަރުވާ ކުރުމަށް ފޯރުކޮށްދިނުން.
ޓީބީ އިން ރައްކާތެރިކުރުމާއި ޓީބީ ފަރުވާ ދިނުމާއި ގުޅުންހުރި ސިއްހީ އަދި އިޖްތިމާއި ސިޔާސަތުތައް ހަރުދަނާ ކުރުން.
ބަލި ދެނެގަތުމާއި ފަރުވާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅުންހުރި ދިރާސާތައް އިތުރުކޮށް، ހަލުވި ކުރުން.
މި ދާއިރާތަކުން ޚިދުމަތްތައް ކުރިއަރުވާ ފުޅާ ކުރުމުގައި ސަރުކާރުތަކުން އިސްނަގައި ޤައުމީ ފެންވަރުގައި މަސައްކަތްތައް ހިންގައި މޮނިޓާ ކުރުމާއި އަމިއްލަ ޖަމްޢިއްޔާތަކާއި މުޖުތަމައުގެ ބައިވެރިވުން ހޯދުމަށާއި އިންސާނި ހައްޤުތައް ރައްކާތެރިކުރުމާއެކު، ޚިދުމަތް ދިނުމުގައި ހަމަހަމަ ކަމާއި، އެހެނިހެން އިޖްތިމާއީ މިންގަނޑުތަކަށް ބެލުމަށް މި ސްޓްރެޓެޖިކް ޕްލޭންގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަކީ ޓީބީ ނައްތާލުމަށް ޤައުމީފެންވަރުގައި އަހައްމިޔަތުކަން ދިނުމުގައި ނަމޫނާ ޤައުމެކެވެ. މިގޮތުން ފެބްރުއަރީ 2018 ގައި ވަނީ 2022 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތައް ކަނޑައެޅިފައިވާ ނެޝަނަލް ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފައިއެވެ. މިއާއެކު ރާއްޖެ ވެގެންދިޔައީ މިސަރަހައްދުން މިފަދަ ލަނޑުދަނޑިއެއް އިއުލާންކުރި ފުރަތަމަ ޤައުމުކަމުގައިއެވެ. އެގޮތުން، ޓީބީ އަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާ ކުރިޔަށް ގެންދިއުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖީން އެކްސްޕާޓްގެ ޙިދުމަތް ދަނީދެވެމުންނެވެ.
މިހިނގާ 2022 ވަނަ އަހަރު ސަރުކާރުގެ ސިއްޙީ ސިޔާސަތުތަކުގެ ތެރެއިން ރާއްޖެއިން ޓީބީ ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ހަރަކާތް ތަކެއް ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރު ޓީބީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޅ އަތޮޅަކީ ޓީބީ ނައްތާލެވިފައިވާ އަތޮޅެއްކަމުގައި ކަނޑަ އެޅުމަށް ބޭނުންވާ މަސައްކަތްތައް ފެށިގެންދާނެއެވެ. އަދި ޅ އަތޮޅަކީ ޓީބީ ނައްތާލެވިފައިވާ ފުރަތަމަ އަތޮޅުކަމުގައި ކަނޑައެޅިގެންދާނެއެވެ.
ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތަށް ލަފާ ދިނުމަށް މިނިސްޓާ އޮފް ހެލްތު ވަނީ ހައިލެވެލް ނެޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައްވައިފައެވެ. މި ކޮމެޓީގެ މެންބަރުންގެ ލަފާގެ ދަށުން ލޭޓެން ޓީބީ އިންފެކްޝަން އަށް ބޭސް ގެނެވި، މި އަހަރުން ފެށިގެން ފަރުވާ ދަނީ ފޯރުކޮށްދެވެމުންނެވެ. ޓީބީ އާއި ބެހޭ މަޢުލޫމާތު ފަތުރައި، ގިނަ އަދަދެއްގެ ބަޔަކު ޓީބީ އަށް ސްކްރީންކޮށް، އަދި ފަރުވާ ދިނުން ހިމެނޭގޮތަށް ކުރިޔަށް ގެންދާ ޤައުމީ ކެމްޕޭންގެ އަމަލީ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ޓީބީ އަކީ، އެބަލިން ރައްކާތެރިކޮށް އަދި ބަލިޖެހޭ މީހުން އަވަހަށް ދެނެގަނެ، ފުރިހަމަ ފަރުވާ ދެވިއްޖެ ނަމަ، އެކަމަށް ޚަރަދުކުރާ ކޮންމެ ޔޫއެސް ޑޮލަރަކަށް، ރިޓާން އޮން އިންވެސްޓްމެންޓް ނުވަތަ ފައިދާގެ ގޮތުގައި 43 ޔޫއެސްޑީ ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ، ރާއްޖެއިން ޓީބީ ނައްތާލުމަށް މިކުރެވޭ މަސައްކަތް ކާމިޔާބު ވެއްޖެނަމަ، މިއީ ހަމައެކަނި ސިއްހީ ގޮތުން ލިބޭ ކުރިއެރުމެއްގެ އިތުރަށް، ގިނަގުނަ އިޤްތިސާދީ ފައިދާވެސް ލިބިގެން ދާނެ ކަމެކެވެ.
އެހެންނަމަވެސް މިކަން ކާމިޔާބު ކުރުމުގައި އެކި ދާއިރާތަކާއި، އަމިއްލަ ޖަމްއިއްޔާ ތަކާއި، ކުންފުނިތަކާއި، ވަކި ވަކި ފަރުދުންގެ އެއްބާރުލުމާއި އެހީތެރިކަން ސިއްޙީ ދާއިރާއަށް ވަރަށް ބޭނުންވެއެވެ.
ޓީބީ ގެ ތަފާސް ހިސާބު
އެޗް.އައި.ވީ/އެއިޑްސް ފިޔަވައި ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔަކީ ޓީބީ އެވެ. 2020 ވަނަ އަހަރުގެ ގްލޯބަލް ޓީބީ ރިޕޯޓުން ދައްކާ ގޮތުގައި 2020ވަނަ އަހަރު 10 މިލިއަން މީހުން ޓީބީ ތަހައްމަލު ކުރާނެ ކަމަށް ކުރެވިފައިވާއިރު 15 މިލިއަން މީހުން މި ބަލީގައި މަރުވެފައިވެއެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދަކީ މުޅި ދުނިޔޭގައި އަހަރަކު ފެންނަ ޓީބީ ބަލިމީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނަ މީހުން ފެންނަ އެއް ސަރަހައްދެކެވެ.
ދިވެހިރާއްޖެއަކީ ޓީބީ ބަލި ޖެހިފާއިވާ މީހުން ނިސްބަތުން މަދު ގައުމަކެވެ. 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 87 މީހަކު ވަނީ ޓީބީ ބަލި ޖެހިގެން ފަރުވާ ކުރުމަށްޓަކައި ރެޖިސްޓްރީ ކުރެވިފައެވެ. އޭގެ ތެރެއިން 36 މީހުންނަކީ ކުޅުން ޓީބީ ބަލީގެ ޖަރާސީމު ފެނި، ފުއްޕާމެއަށް ޓީބީ ޖެހިފައިވާމީހުންނެވެ. އަނެއް 51 މިހުންނަކީ ކުޅުން ޓީބީ ބަލީގެ ޖަރާސީމު ނުފެންނަ އެހެންނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޓީބީ ބަލިޖެހިފައިވާ މީހުންނެވެ. އަދި މީގެ އިތުރުން 11 މީހުންނަކީ ކުޅުން ޓީބީ ބަލީގެ ޖަރާސީމު ނުފެނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާމީހުންނެވެ.
ޓީބީ އިންފެކްޝަން އަދި ޓީބީ ބަލި
ޓީބީ ނުވަތަ ޓިއުބާކިއުލޯސިސް އަކީ މައިކޯބެކްޓީރިއަމް ޓިއުބާކިއުލޯސިސް ކިއާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. ޓީބީ އިންފެކްޝަން އަކީ ހަށިގަނޑުގައި ހަރަކާތްތެރި ނޫން ޓީބީ ބެކްޓީރިއާ ނުވަތަ ޖަރާސީމު ހުރުމެވެ. ހަރަކާތްތެރި ނޫން ޖަރާސީމު ހަށިގަނޑުގައި ހުރުމުގެ ސަބަބުން، ބަލިނުވެދާނެ، އަދި ތިބާގެ ފަރާތުން އެހެން މީހަކަށް މި ބަލި ނުޖެހިވެސް ހުރެދާނެއެވެ. ނަމަވެސް ޓީބީ ޖަރާސީމުތައް ހަރަކާތްތެރި ވާން ފަށާ ހިސާބުން ބަލިވެ، ނުވަތަ ބަލި ހުރި މީހެއްގެ ފަރާތުން އެހެން މީހުންނަށް މި ބަލިޖެހުމުގެ ފުރުޞަތު އޮވެއެވެ.
މިއަށް ކިޔަނީ ޓީބީ ބައްޔެވެ. ޓީބީ އާއްމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެއެވެ. މިގޮތުން ގޮހޮރަށް، މައި ބަދަޔަށް، ކަށްޓަށް އަދި ލިމްފް ނޯޑްތަކަށްވެސް ޓީބީ ޖެހިދާނެއެވެ. މި ބައްޔަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ.
ބޭހަށް ނުގުޑާ ޓިބީ (އެމް.ޑީ.އާރ ޓީބީ) އަކީ އާއްމުކޮށް ޓީބީ އަށް ދޭ ބޭސްތަކުގެ ތެރެއިން ބައެއް ބޭހުގެ އަސަރު ނުކުރާ ވައްތަރެކެވެ. ބޭހަށް ނުގުޑާ ޓިބީ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ރަނގަޅަށް ފަރުވާ ފުރިހަމަ ނުކުރުން، ފަރުވާ މެދު ކެނޑުން ހިމެނެއެވެ.
ޓީބީ ފެތުރޭ ގޮތް
ޓީބީ ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން، ކުޅުގައި ޖަރާސީމު ހުންނަ ބަލިމީހުންގެ ފަރާތުންނެވެ. ކުޅުގައި ޓީބީ ގެ ޖަރާސީމު ހުރި މީހުން ކެއްސާ، ކިނބިހި އަޅާ ނުވަތަ ކުޅު ޖެހުމުން ވައިގެ ޒަރީއާއިން ކުޅުގައިވާ ޖަރާސީމު އެހެން މީހުންނަށް ވާސިލްވެއެވެ. ޓީބީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާސިލްވާ އެންމެނަށް ބަލީގެ އަސަރު ނުކުރުން އެކަށީގެންވެއެވެ. މިފަދަ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލީގެ ޖަރާސީމު ވާސިލެއް ނުވާނެއެވެ. މީގެ ތެރެއިން ބަލީގެ އަސަރުތައް ފެންނަނީ 10 އިންސައްތަ މީހުންގެއެވެ. އެހެން ނަމަވެސް މިފަދަ މީހުންގެ ތެރެއިން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން، ހަކުރު ބަލި ޖެހިފައިވާ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން، އަދި ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރާ މީހުންނަށް ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑުވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޓިބީ ބަލި ޖެހުމަށް އަދި މިބަލީގައި ފުރާނަ ދިއުމަށް މެދުވެރިވާ މުހިއްމު އެއް ސަބަބެވެ. ދުނިޔޭގައި ފެންނަ ޓީބީ ގެ ހުރިހާ ކޭސް ތަކުގެ ތެރެއިން 20 އިންސައްތަ އަކީ ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޓީބީ އަށް މަގުފަހިވެ، ބަލިޖެހިފައިވާ މީހުންނެވެ.
ޓީބީ ބަލި ހުރިކަން ދެނެގަތުން
ޓީބީ ބަލި ޖެހޭ ގުނަވަނެއްގެ ގޮތުން މިބަލީގެ އަލާމާތްތައް ތަފާތުވެއެވެ. ޓީބީ ޖެހޭ މީހުންގެ ކިބައިން އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ގިނަ ދުވަހު ކެއްސުން (ފުއްޕާ މޭގެ ޓީބީ ގެ އަލާމާތެއް)، ހުން އައުން، އާދަޔާ ޚިލާފަށް ރޭގަނޑު ދާ ހިއްލުން، ބަރުދަން ލުއިވުން، ކާ ހިތް ނުވުން ހިމެނެއެވެ.
ބަލީގެ ފުރަތަމަކޮޅު، މި އަލާމާތްތައް ހުންނަނީ ވަރަށް އާދައިގެ މިންވަރަކަށެވެ. އެހެންކަމުން ފަރުވާ ނުހޯދާ ގިނަ ދުވަސްވެ، ބަލި އިތުރަށް ގޯސްވާ ގޮތް މެދުވެރިވެއެވެ. ޓީބީ ބަލި ޖެހިފައިވޭތޯ ބަލަނީ ކުޅުގައި ޖަރާސީމު ހުރިތޯ ކުރާ ޓެސްޓް ތަކުންނާއި އެކްސްރޭ އިންނެވެ. ނަމަވެސް ފުއްޕާމޭ ނޫން އެހެން ގުނަވަނަކަށް ޓީބީ ޖެހިފައިވާ ނަމަ، އެހެނިހެން ޓެސްޓްވެސް ހަދަން ޖެހިދާނެއެވެ.
ޓީބީގެ ފަރުވާ
ޓީބީ އަކީ އަވަހަށް ދެނެގަނެ، ޤަވާޢިދުން ފަރުވާ ކުރެވިއްޖެ ނަމަ މުޅިން ފަސޭހަވާ ބައްޔެކެވެ. މުޅި ދުނިޔޭގައިވެސް ޓީބީގެ ފަރުވާއަށް ދެވެނީ އެއް ބޭހެކެވެ. ޢާއްމުކޮށް ޓީބީ ގެ ފަރުވާ ދެނީ 6 މަސް ދުވަހުއެވެ. ނަމަވެސް ބައެއް ކަހަލަ ޓީބީ އަށް މިއަށްވުރެ ގިނަ ދުވަހު ފަރުވާ ކުރަންޖެހިދާނެއެވެ. ޓީބީ އަކީ 'ސީދާ ބެލުމުގެ ދަށުން' ފަރުވާ (DOTS ނުވަތަ ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް ޝޯޓްކޯޒް) ދެވޭ ބައްޔެކެވެ.
މީގެ މާނައަކީ ޓީބީގެ ބޭސް ބަލިމީހާ ކޮންމެ ދުވަހަކު ކާނީ ސިއްހީ އެހީތެރިއެއްގެ ނުވަތަ ޒިންމާދާރު އެހެން ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. މީގެ ބޭނުމަކީ ޤަވާއިދުން ބަލިމީހުން ބޭސް ކާކަން ޔަޤީން ކުރުމާއި، ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަމާއި، މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ބޭސް މެދުކެނޑުން މަދު ކުރެވުމުން، ބޭހަށް ނުގުޑާ ޓީބީއަށް ބަދަލުވުމުގެ ފުރުސަތު ކުޑަވެއެވެ. 1994 ވަނަ އަހަރު ރާއްޖޭގައި މިގޮތަށް ސީދާ ބެލުމުގެ ދަށުން ފަރުވާ ދެވެން ފެށިފަހުން ޓީބީ ބަލި ޖެހޭމީހުން ރަގަޅު ވަމުންދާ ނިސްބަތް ވަރަށް ބޮޑުތަން އިތުރުވެ އަލަށް ބަލިމީހުން ފެންނަމުންދާ ނިސްބަތް ވަރަށް ބޮޑުތަން ކުޑަ ވެފައިވާކަމަށް ޓީބީ ޕްރޮގްރާމްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ބައެއް ފަރާތްތަކުން ރާއްޖޭގައި ޑޮކްޓަރުން ޓީބީ ބަލި ހުރިކަމަށް ޝައްކުވާކަމަށް ބުނުމުން ރާއްޖޭން ބޭރަށް ފަރުވާ ކުރުމަށް ދެއެވެ. ކޮންމެ ޤައުމެއްގައިވެސް ޓީބީއަށް ދެނީ އެއް ބޭހެއް، އެއް ފަރުވައެއްކަން ދެނެގަތުމަކީ މުހިއްމު ކަމެކެވެ. ރާއްޖޭގައި، ޕްރޮގްރާމެއްގައި ރަޖިސްޓްރީ ވެގެން ފަރުވާ ލިބިގަތުމުގެ ފައިދާއަކީ ފެންވަރު ރަނގަޅު ބޭސް ލިބުމާއި، އިތުރަށް ހަދަންޖެހޭ ޓެސްޓްތަކާއި ލިބެންޖެހޭ މައުލޫމާތާއި އެހީތެރިކަން ލިބުމެވެ. މީގެ އިތުރުން، ކުޅުގައި ޖަރާސީމު ހުންނަ ފުއްޕާމޭގެ ޓީބީގެ ބަލިމީހެއްނަމަ، އޭނާ އާއެކު އުޅޭ މީހުންގެ ސްކްރީނިން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބި، އިތުރު ފަރާތްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެގެން ދިޔުމެވެ.
ބަލިން ރައްކާތެރިވުން
ކުޅުގައި ޖަރާސީމު ހުރި ޓީބީ ގެ ބަލިމީހަކު ޑައިގްނޯސް ކުރެވުމުން، އޭނާއާއި އެއްކޮށް އުޅޭ މީހުންވެސް ޓީބީ އަށް ޓެސްޓް ކުރެވޭނެއެވެ. މީގެ ތެރޭގައި އެއް ގެއެއްގައި ނުވަތަ އެއް ތަނެއްގައި ދިރިއުޅޭ ފަރާތްތައް، އެއް ތަނެއްގައި ވަޒީފާ އަދާ ކުރާ ފަރާތްތައް ނުވަތަ އެއް ކްލާހުގައި ކިޔަވާ ކުދިން ހިމެނެއެވެ.
މިގޮތަށް ސްކްރީން ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް މާންޓޯ ޓެސްޓް ކިޔާ ޓެސްޓެއް ހެދެއެވެ. މިގޮތަށް ހެދޭ ޓެސްޓްތަކުން އިތުރު މީހުންނަށް ބަލި ޖެހިފައި ހުރިތޯ އަވަހަށް ދެނެގަނެ، ބަލި ހުރިނަމަ ފަރުވާ ފެށޭނެއެވެ. މިގޮތަށް ބަލިމީހުންނާއެކު އުޅޭ މީހުން ޓެސްޓް ކުރުމަކީ އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
މީގެ އިތުރުން ބަލި ހުރިތޯ ގިނަ އަދަދެއްގެ މިހުން ސްކްރީން ކުރެވޭ އެހެން ހާލަތްތައްވެސް ހުރެއެވެ. ޓީބީ ބަލި އެބައެއްގެ ތެރޭގައި ފެތުރުމުގެ ނުރައްކާ ބޮޑު ފަރާތްތައް، މިސާލަކަށް ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅޭ ބިދޭސީން، އެކި ކަހަލަ މަރުކަޒު ތަކުގައި ބަންދުވެފައި ތިބޭ މީހުން، ޓީބީ ހުރިތޯ އެއްފަހަރާ ސްކްރީން ކުރެވެއެވެ.
ޅަފަތުގައި ދެވޭ ބީ.ސީ.ޖީ ވެކްސިނަކީ މިއުމުރުގެ ކުދިންނަށްޖެހޭ ޓީބީގެ ބައެއް ނުރައްކާތެރި ވައްތަރުތަކުން (ޓީބީ މެނިންޖައިޓިސް ނުވަތަ ސިކުނޑީގެ ބޭރު ފަށަލަތަކަށް ޖެހޭ ޓީބީ) ރައްކާތެރިކުރުމަށް ދެވޭ ވެކްސިނެކެވެ. އެކި މީހުން މި ވެކްސިންގެ ޒަރީޢާއިން ޓީބީ އިން ރައްކާތެރިވާ މުއްދަތު ތަފާތެވެ. އެހެންކަމުން ޅަފަތުގައި ބީ.ސީ.ޖީ ވެކްސިން ޖެހި ކަމުގައި ވިޔަސް އެއަށްވުރެ އުމުރުން ދުވަސް ވުމުން ޓީބީ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
ނަމަވެސް ޅަފަތުގައި ޖެހޭ ޓީބީ ގެ ނުރައްކާތެރި ވައްތަރުތަކުން ސަލާމަތްކުރުމަށް ވިހެއުމާއެކު ބީ.ސީ.ޖީ ވެކްސިން ދިނުން މުހިއްމެވެ. ޓީބީ ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅުތަކަކީ ބަލި ހުރިތޯ ދެނެގަނެ، ޓެސްޓްކޮށް ޤަވާޢިދުން ފަރުވާ ކުރުމާއި، ޅަފަތުގައި ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމެވެ.
ޓީބީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތައް
ޓީބީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު އާބާދީ ތަކުގެ ތެރޭގައި ހިމެނޭ އެއް ބައެއް ކަމަށްވާ ބިދޭސީންނަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރާ ބައެކެވެ. ރާއްޖޭގައި ގާތްގަޑަކަށް 50000 އާއި 60000 އާ ދެމެދުގެ އަދަދެއްގެ ބިދޭސީން އުޅޭކަމަށް ލަފާކުރެވެއެވެ. އަދި ބިދޭސީންގެ މިހާ ބޮޑު އާބާދީއެއް ރާއްޖޭގައި ދިރިއުޅެމުންދާއިރު މިހާރަކަށް އައިސް މީގެ ތެރެއިން ގިނަ ބައެއްގެ ގައިން ޓީބީ ބަލި ފެންނަމުންދާކަމަށް ނެޝެނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މި ސަރަހައްދުގެ އެންމެ ގިނައިން ޓީބީ ފެންނަ ގައުމުތަކުން ކަމަށް ވާއިރު، ރާއްޖޭގައި ޓީބީ ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު ކަމެއްދީގެން ސްކްރީންކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި މި އާބާދީގެ މީހުން ހިމެނެއެވެ. އެހެންނަމަވެސް ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ، ޤަވާޢިދާ ޚިލާފާށް އުޅޭ ބިދޭސީންނަށް ވުމުން، ސިއްހީ ޚިދުމަތް ލިބިގަތުމަށް ފަސްޖެހޭ އަދި ސިއްހީ ޚިދުމަތްތައް އެމީހުންނާ ހަމައަށް ވާސިލްކުރުމަށް އުނދަގޫ ފަރާތްތަކެވެ. މީގެ އިތުރުން ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި، އެމީހުންގެ މެޑިކަލް ހަދާ ބައެއް ފަރާތްތަކުންވެސް މިކަމަށް ދޭންވާ ވަރަށް ސަމާލުކަން ނުދޭކަން ހިތާމައާއެކު ފާހަގަ ކުރަމެވެ.
ބަންދުކުރެވިފައިވާ ތަންތަނުގައި ތިބޭ ފަރާތްތައް، ނުވަތަ އެހެންވެސް ގިނަ މީހުން ދިރިއުޅޭ ސެންޓަރުތަކަކީވެސް އެތަނުގައި ޓީބީގެ ޖަރާސީމު ފަތުރާ މީހަކު ހުރެއްޖެނަމަ، އެތަށް ބަޔަކަށް އޭގެ ނުރައްކާ ވާނޭ ކަމެކެވެ. އެހެންކަމުން މިފަދަ މަރުކަޒުތަކުގައިވެސް ޤަވާއިދުން ސްކްރީން ކުރުމާއި، ޚާއްސަކޮށް ކުޅުގައި ބަލީގެ ޖަރާސީމު ހުރި މީހަކު ފެނިއްޖެ ނަމަ އެމީހަކާ އެއް ތަނެއްގައި އުޅޭ މީހުން ސްކްރީން ކޮށް ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ. އަދި މިފަދަ ބަލި މީހުންނަށް ޤަވާއިދުން ފަރުވާދީ، ފުރިހަމަ ކުރުމަކީ ވެސް އުނދަގޫ، އެހެންނަމަވެސް މުހިއްމު ކަމެކެވެ.
ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމް
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގެ ދަށުން ހިނގަމުންދާ ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ޓީބީ އަށް ފަރުވާ ކުރުމާއި ބަލި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭން މިބަލި މަދުކުރުމަށް މަސައްކަތްކުރާ، މައި ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މަސައްކަތްތަކުގެ ތެރޭގައި:
ދިވެހިރާއްޖޭގައި ޓީބީ ފެތުރޭ މިންވަރު ދެނެގަތުން
ބަލިމީހުން ދެނެގަތުމާއި އެމީހުންގެ ފަރުވާގެ އިންތިޒާމު ހަމަޖައްސައިދިނުން
ބޭސް ހޯދާ، ބަލިމީހުންނަށް ހިލޭ ބޭސް ފޯރުކޮށްދިނުން
އާއްމުންނަށް ބައްޔާ ބެހޭ ގޮތުން މައުލުމާތު ފޯރުކޮށްދިނުން
ޓީބީގެ ސްކްރީނިންގެ ގެ ކަންތައްތައް ކުރިއަށް ގެންދިއުން
ޓީބީ ދެނެގަތުމާއި ފަރުވާ ކުރުމާއި، ތަހުލީލު ކުރުމާބެހޭ ގޮތުން ސިއްހި ޚިދުމަތްދޭ ފަރާތްތައް ތަމްރީނު ކުރުން
ޓީބީ ކޮންޓްރޯލްކޮށް މިބަލި ރާއްޖެއިން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒު ކުރުން
ރާއްޖޭގައި ޓީބީ ބަލި ހުރިކަމަށް ޑައިގްނޯސް ކުރެވޭ ކޮންމެ މީހަކު، ބަލިމީހެއް ގޮތަށް ރަޖިސްޓްރީވެ، އެމީހަކަށް ބޭނުންވާ ޓެސްޓްތަކާއި ބޭނުންވާ ބޭސް ހިލޭ، ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވެއެވެ.
ނެޝަނަލް ޓީބީ ޕްރޮގްރާމުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރޭގައި ބަލި މީހުންނަށް ދޭ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއިން ޓީބީ ނައްތާލުމުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ރާވައި، ހިންގުމެވެ. ކޯވިޑް 19 ގެ މި ދަތި ދަނޑިވަޅުގައިވެސް ދިމާވާ އެކިއެކި ގޮންޖެހުން ތަކާއި އެކުވެސް ރާއްޖެއަކީ ޓީބީ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ދަނީ ގިނަގުނަ މަސައްކަތްތައް ކުރެވެމުންނެވެ.
ޓީބީ އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ، މިބަލި ޖެހިފައިވާކަން ނުވަތަ ނޫންކަން ދެނެގަނެ، ބަލިޖެހިފައިވާނަމަ ބަލީގެ ކުރީކޮޅު ބައްޔަށް ފަރުވާކުރާން ފެށުމެވެ. ޓީބީ އަދި އެހެންވެސް ބައްޔެއް ޖެހޭ މީހާ މުޖުތަމައު އިން މުޅިން އެކަހެރިކުރުމަކީ އާއްމު ޞިއްހަތުގެ އުޞޫލްތަކާ ތަޢާރަޒް ވާ ކަންކަމެވެ.
އެހެންކަމުން މިފަދަ ބަލިޖެހޭ މީހުން ބަލިތަކަށް ފަރުވާހޯދަން ފަސްޖެހުން ކުޑަކުރުމާއި ދެވޭ ފަރުވާ ކަޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތަށް ޤަވާޢިދުން ބޭނުންކުރުމަށް ހިތްވަރުދިނުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދޭންވާނެއެވެ. ޓީބީ އަކީ އެބަލީގެ ފަރުވާ އެކަށީގެންވާ ގޮތުގައި ލިބިގެން ބަލިމުޅިން ފަސޭހަކުރެވޭ ބައްޔެކެވެ.