ads
ޓީބީ ދުވަސް ރާއްޖޭގައިދަނީ ފާހަގަ ކުރަމުން
ޅ. އަތޮޅަކީ ޓީބީ ނައްތާލެވިފައިވާ އަތޮޅެއްކަމަށް ކަނޑައަޅަނީ
މިއަހަރު ޓީބީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޅ އަތޮޅަކީ ޓީބީ ނައްތާލެވިފައިވާ އަތޮޅެއްކަމުގައި ކަނޑަ އެޅުމަށް ބޭނުންވާ މަސައްކަތްތައް ފަށާނެ ކަމަށާއި، އަދި އެ އަތޮޅަކީ ޓީބީ ނައްތާލެވިފައިވާ ފުރަތަމަ އަތޮޅުކަމުގައި ކަނޑައެޅިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
Advertisement

މިހިނގާ 2022 ވަނަ އަހަރު ސަރުކާރުގެ ސިއްޙީ ސިޔާސަތުތަކުގެ ތެރެއިން ރާއްޖެއިން ޓީބީ ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ހަރަކާތް ތަކެއް ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 

ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތަށް ލަފާ ދިނުމަށް ހެލްތު މިނިސްޓަރު ވަނީ ހައިލެވެލް ނެޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައްވައިފައެވެ. މި ކޮމެޓީގެ މެންބަރުންގެ ލަފާގެ ދަށުން ލޭޓެން ޓީބީ އިންފެކްޝަން އަށް ބޭސް ގެނެވި، މި އަހަރުން ފެށިގެން ފަރުވާ ދަނީ ފޯރުކޮށްދެވެމުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.  

މީގެއިތުރުން ޓީބީ އާއި ބެހޭ މަޢުލޫމާތު ފަތުރައި، ގިނަ އަދަދެއްގެ ބަޔަކު ޓީބީ އަށް ސްކްރީންކޮށް، އަދި ފަރުވާ ދިނުން ހިމެނޭގޮތަށް ކުރިޔަށް ގެންދާ ޤައުމީ ކެމްޕޭންގެ އަމަލީ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި އެޗްޕީއޭ އިން ބުނެފައިވަނީ، ޓީބީ ބަލިން ރައްކާތެރިކޮށް އަދި ބަލިޖެހޭ މީހުން އަވަހަށް ދެނެގަނެ، ފުރިހަމަ ފަރުވާ ދެވިއްޖެ ނަމަ، އެކަމަށް ޚަރަދުކުރާ ކޮންމެ ޔޫއެސް ޑޮލަރަކަށް، ރިޓާން އޮން އިންވެސްޓްމެންޓް ނުވަތަ ފައިދާގެ ގޮތުގައި 43 ޔޫއެސްޑީ ޖެހޭ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

2030 އާއި ހަމައަށް ދުނިޔެއިން ޓީބީ ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާގެ ލަނޑުދަނޑި 3( ފުރިހަމަ ސިއްޙަތާއި ދުޅަހެޔޮކަން) ގައި ހިމެނޭ ކަމެކެވެ. ރާއްޖެއިން ޓީބީ ނައްތާލުމަށް ކަނޑައެޅިފައިވަނީ 2025 ގެ ނިޔަލަށެވެ. މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއެކު، ސްޓްރެޓެޖިކް ޕްލޭނެއް ވަނީ އެކުލަވާލެވިފައެވެ.

މި ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު 3 ދާއިރާއެއްގެ މައްޗަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން ބަލިމީހުންގެ ބޭނުންތަކަށް: ރިޢާޔަތްކުރެވިގެން ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއް ޓީބީ އިން ރައްކާތެރިވުމަށާއި ފަރުވާ ކުރުމަށް ފޯރުކޮށްދިނުމާއި، ޓީބީ އިން ރައްކާތެރިކުރުމާއި ޓީބީ ފަރުވާ ދިނުމާއި ގުޅުންހުރި ސިއްހީ އަދި އިޖްތިމާއި ސިޔާސަތުތައް ހަރުދަނާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން ދެނެގަތުމާއި ފަރުވާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅުންހުރި ދިރާސާތައް އިތުރުކޮށް، ހަލުވި ކުރުން ހިމެނެއެވެ.

މި ދާއިރާތަކުން ޚިދުމަތްތައް ކުރިއަރުވާ ފުޅާ ކުރުމުގައި ސަރުކާރުތަކުން އިސްނަގައި ޤައުމީ ފެންވަރުގައި މަސައްކަތްތައް ހިންގައި މޮނިޓާ ކުރުމާއި އަމިއްލަ ޖަމްޢިއްޔާތަކާއި މުޖުތަމައުގެ ބައިވެރިވުން ހޯދުމަށާއި އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއެކު، ޚިދުމަތް ދިނުމުގައި ހަމަހަމަކަމާއި، އެހެނިހެން އިޖްތިމާއީ މިންގަނޑުތަކަށް ބެލުމަށް މި ސްޓްރެޓެޖިކް ޕްލޭންގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ ޓީބީ ނައްތާލުމަށް ޤައުމީ ފެންވަރުގައި އަހައްމިޔަތުކަން ދިނުމުގައި ނަމޫނާ ޤައުމެކެވެ. މިގޮތުން ފެބްރުއަރީ 2018 ގައި ވަނީ 2022 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތައް ކަނޑައެޅިފައިވާ ނެޝަނަލް ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފައެވެ. މިއާއެކު ރާއްޖެ ވެގެންދިޔައީ މި ސަރަހައްދުން މިފަދަ ލަނޑުދަނޑިއެއް އިއުލާންކުރި ފުރަތަމަ ޤައުމު ކަމުގައިއެވެ. އެގޮތުން، ޓީބީ އަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާ ކުރިޔަށް ގެންދިއުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖީން އެކްސްޕާޓްގެ ޙިދުމަތް ދަނީ ދެވެމުންނެވެ.

މިއަދަކީ ދުނިޔޭގެ ޓީބީ ދުވަހަށް ވާއިރު، މިއަދުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަކީ:  

"Invest to End TB. Save Lives”

ނަމަވެސް ރާއްޖޭގެ ހާލަތާއި ގުޅުވައިގެން ރާއްޖޭގައި އާންމުކޮށް މިއަހަރުވެސް ބޭނުން ކުރާ ޝިއާރަކީ:

                    "End TB in the Maldives”                   

މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ، ދުނިޔެއިން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް ފާހަގަކޮށް ހިތްވަރުދީ، ޓީބީ ބައްޔާ ގުޅޭ މައުލޫމާތު މީހުންގެ ސަމާލުކަމަށް ގެނައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް