ads
ނިޒާމީ ނުކުތާ: އިޖްތިމާއީ ޚިދުމަތްތައް ފޯރުކުރަން ބަޖެޓު ނެތިގެން އުޅެނީ ކީއްވެ؟
ލިޔުނީ: ހުމައިދާ އަބްދުލްޢަފޫރް

ރާއްޖޭގެ ކުޑަކުދިންނާއި ދެކޮޅަށް ކުރަމުންދާ ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އެންމެހާ އަނިޔާތަކުން ރައްކާތެރި ކުރުމަށް ހެދިފައިވާ ޤާނޫނީ އޮނިގަނޑާއި އިޖްތިމާއީ ޚިދުމަތްދިނުމުގެ ނިޒާމަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް ރަމްޒީ ގޮތެއްގައި ހިންގަމުންދާ އެއްޗެކެވެ. މީގެ އާޚިރު ނަތީޖާއަކީ ރާއްޖޭގައި އެންމެނިކަމެތިވާ ކުޑަކުދިންނަކީ އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާއޮތް ބޮޑެތިމީހުންގެ ޝިކާރައަކަށް އަބަދުވެސް ވެފައިވާ އަދި ވަމުންދާ ބައެއްކަމެވެ. އަދި ރާއްޖޭގައި އެންމެ ނިކަމެތި ހާލަތު ދިމާވާ މީހުން އިތުރަށް ނިކަމެތިވެގެންދާ ކަމެކެވެ.

މިޚިޔާލަކީ މާ ބޮޑު ތާއީދެއް ލިބޭނެ އެއްޗަކަށް ނުވުން އެކަށީގެން ވެއެވެ. ނަމަވެސް މިކަން މިހެންވެގެން އުޅޭ ބައެއްސަބަބާ ދޭތެރޭ ފިކުރު ހިންގާލާނަމެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ކޮންމެ މެމްބަރެއްގެ މުސާރައަށް އަހަރަކު ގާތްގަނޑަކަށް 1 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މީގެ އިތުރުން އެ މެމްބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ވެސް ދެއެވެ. ނުވިތާކަށް އިނާޔަތުގެ މަންފާ އާއިލާއަށް ވެސް ފޯރުވެގެން ދެއެވެ. އެ މެމްބަރުން މަސައްކަތް ކުރަމުން އަންނަނީ އަހަރެއްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދުވަހު، ދިގު ޗުއްޓީތަކެއް ލިބިގެންނެވެ. އެމީހުން މަޖްލިހުގައި ތިބޭއިރު މަސައްކަތުގެ ބޭރުން ކުރަމުންދާ ވިޔަފާރިތައް ބަރާބަރަށް ކުރުމުގެ މަގު ފަހިވެފައި އޮވެއެވެ. އެހެންކަމުން ރާއްޖޭގެ މަޖިލިސް ވަނީ ވިޔަފާރިވެރިންގެ މަޖިލިހަކަށް ވެސް ވެފައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ހުރިހާ ރަށްތަކަކަށް އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދޭ އަތޮޅު މަރުކަޒަކަށް ހަމަޖެހިފައިވާ ބަޖެޓަކީވެސް ގާތްގަނޑަކަށް 1 މިލިޔަން ރުފިޔާއެވެ. މިއީ ތަން ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށާއި އެކުއެވެ. މަރުކަޒެއްގެ ކޭސްވާވަކަރަކަށް ލިބެނީ އެންމެ ބޮޑުވެގެން މަހަކު 12،000 ރުފިޔާ އެވެ. މިއީ 5،000 ރުފިޔާގެ އަސާސީ މުސާރައަކާއެކު އިތުރު އެތައް އެލަވަންސްތަކެއް ލައިގެން މި އަދަދު މަތިވާ އެންމެ ބޮޑު މިންވަރެވެ. އަހަރަކު ލިބޭ އެންމެ ބޮޑު މުސާރައަށް ޖެހެނީ 144،000 ރުފިޔާ އެވެ. އެމީހުންގެ ގިނަ ބަޔަކު މަސައްކަތް ކުރަން ޖެހެނީ 24 ގަޑިއިރުގެ ޚިދުމަތުގައި ތިބެން ޖެހޭ ހާލަތުގައެވެ. އެކިބާވަތުގެ ބޮޑެތި އަނިޔާތަކާއި އާއިލީ މައްސަލަތަކުގެ ހަމަނުޖެހުންތަކުން އުފެދޭ ނަފްސާނީ ނުތަނަވަސްކަމުގެ ބުރަ ތާއަބަދު އުފުލުމަކީ އެމީހުންގެ މަސައްކަތުގެ މައިގަނޑު އެއްބައެވެ. މި ޙަޤީގަތަކީ ވަޒީފާދޭ ފަރާތުން އެކަމަށް އަޅާލަންޖެހޭ ކަމެއް ނަމަވެސް މިއީ އެއްވެސް ފަރާތަކުން ފާހަގަކުރާ ކަމެއް ނޫނެވެ. އެމީހުންނަކީ އިތުރު އިނާޔަތްތަކެއް ލިބޭ ބައެއް ނޫނެވެ. އަދި އެމީހުންނަކީ އިތުރު މަސައްކަތް ކުރުމުގެ ވަގުތު އަދި މަގުވެސް ފަހިވެފައިވާ ބައެއް ނޫނެވެ.

ރާއްޖޭގައި އިޖްތިމާއީ ޚިދުމަތް ފޯރުކުރުމަށް އޮންނަ ނިޒާމުގެ މައްސަލަތައް ފެންނަނީ ހަމައެކަނި ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވޭތީ އެއް ނޫނެވެ. މާލޭގެ މަގުމަތިން ސަލާންޖަހަން އަތްދިއްކުރާ ބޮޑެތި މީހުންނަކީވެސް އެނިޒާމުގެ ބާގަނޑެއްކަން ވަރަށް ސާފެވެ. ދާދި އިހަކަށް ދުވަހު މިފަދަ މީހަކާ މަގުމަތިން ދިމާވިއެވެ. އޭނާގެ ހާލަތަކީ ބަލިވެގެން ފަރުވާހޯދަން ދިގު މުއްދަތަކަށް މާލެ އައިސް އުޅެން ޖެހިފައިވާ ހާލަތެކެވެ. ފަރުވާއަށް އާސަންދަ ލިބެއެވެ. ރައްޓެއްސެއް ގާތުގައި ދަތި ހާލުގައި ހިލޭ ހުރެވޭނެ ގޮތް ހަމަޖެހުނު ނަމަވެސް ކައިބޮއި އުޅެން ޖެހެނީ އަމިއްލަ ޚަރަދުގައެވެ. އަތުގައޮތް ފައިސާކޮޅު ހުސްވީމާ ކެވެން އޮތީ މަގުމަތީގައި ސަލާން ޖަހައިގެންނެވެ. މި ހާލަތަށް ވެއްޓޭ މީހުންގެ އަދަދު ދެނެގަނެވޭނީ އެކަންކަން ބަލާ ހޯދައިގެންނެވެ. މީ ސަރުކާރުން ކުރާ ކަމެއްކަން އެނގިފައެއް ނުވެއެވެ. ސަލާން ޖެހި މީހާ ބުނީ މިހާލަތުގައި އެހީ ހޯދަން ގުޅެން އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަށް ކަމަށެވެ. ނަމަވެސް އޭނާގެ ފަރާތުން އިޖާބައެއް ނުލިބެއެވެ.

ރާއްޖެއަކީ ކޮންމެ 5000 މީހެއް ތަމްސީލުކުރަން ރައްޔިތުންގެ މަޖިލިހުގައި މެމްބަރެއް ކަނޑައަޅާފައިވާ ޤައުމެކެވެ. މިކަމަކީ ރައްޔިތުންނަށް ނުކަތާވަރުގެ ބޮޑު ޚަރަދެއް ދާ ކަމަކަށްވާއިރު މިކަން މިގޮތަށް ފަރުމާކޮށްފައިވާ ސަބަބެއް އޮންނާނެތާއެވެ. ރައްޔިތުންގެ މަޖިލިހުގައި މުޅިންހެންވެސް ތިބެނީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކެވެ. އެ މަޖިލިހުން ކަންކަން ނިމިގެންދާއިރު ފެންނަނީ ސިޔާސީ ބޭނުންތައް ފުއްދުމައް ޚަރަދު ބޮޑު ބޮޑެތި ނިންމުންތަކާއި އެކަންކަމަށް ދާ ޚަރަދުގެ ބަޖެޓު ހަމަޖެހިގެން ދާތަނެވެ. ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބޭ އަދަދާއި ގުޅުވައި ޕާޓީތައް ހިންގުމަށް ދައުލަތުގެ ޚަޒާނާއިން ފައިސާ ކަނޑައެޅީވެސް އެ މަޖިލިހުންނެވެ. އެ މަޖިލިހުގެ މެމްބަރުންގެ މުސާރަ އާއި ކޮމިޓީ އެލަވަންސާއި އިތުރު އިނާޔަތްތައް ވެސް ކަނޑައަޅަނީ ހަމަ އެ މަޖިލީހުންނެވެ. ރަށު ކައުންސިލު އިންތިޚާބު ކުޑަތަން ވެފައިވާ އިރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވީމާ ފާސްކުރާނީ ވެސް ހަމަ އެމަޖިލިހުންނެވެ. މިކަންކަން ހިންގަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނަމުގައެވެ. ނަމަވެސް އެންމެ އަސާސީ ޚިދުމަތްތަކުގެ ހާލަތަށް ނަޒަރު ހިންގާލުމުން ފެންނަނީ ބަޖެޓު ނެތިގެން ކަންނުވެގެން އުޅޭ މަންޒަރެވެ. ކުޑަކުދިންނަށް ދޭންޖެހޭ އަސާސީ ރައްކާތެރިކަން ފޯރުކޮށް ދެވޭނެ ގޮތެއް ނެތެވެ. އާސަންދަ އަކީ ހުސްނުވާނެ އެއްޗެއް ކަމަށް ނަންދީފައި އޮތަސް، ބަލި ހާލަތުގެ ސަބަބުން ސަލާން ޖަހާ ހިސާބުން ރައްޔިތުންނަށް އަރައިގަނެވޭނެ ގޮތެއް ނެތެވެ.

ރާއްޖޭގައި އަސާސީ ބޭނުންތަކަށް ސަލާންޖެހުމުގެ ޒަމާންވީ ސަގާފަތެއް ފިސާރި ވަރުގަދައަށް ބިނާކޮށްފައިވާކަން އެއީ އެންމެންވެސް ދަންނާނެ ކަމެކެވެ. ރާއްޖޭގެ ސަގާފަތުގައި "ވެރިން" ވެރިންނަށް ވެވެނީ އަނެކާގެ މައްޗަށް މާލީ ގޮތުންނާއި އަދި ދައުލަތުގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ފޯރުކޮށްގެނެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދާއިރާގެ ރައްޔިތުންނަށް ކޮށްދޭ ޙިދުމަތަކަށް ވެފައި އޮންނަނީ ވަކިވަކި ފަރުދުންނަށް މާލީ އަދި މާއްދީ އެހެނިހެން އެދުންތައް ފުއްދައިދިނުމެވެ. އަދި މިކަމުގެ އާޚިރު ނަތީޖާ އަކީ މެމްބަރު ކައިރިއަށް ދާއިރާގެ ރައްޔިތުން ސަލާންޖަހަން ދިއުމުގެ ނުރަސްމީ ނިޒާމުގައި މޫލާ ވަރުގަދަވުމެވެ. މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމަކީ މި ނޭއްގާނީ ނުރަސްމީ ނިޒާމު އާންމުވެ ފުޅާވެ، ޤާނޫނީ ގޮތުން މުޅި މުޖުތަމައުގެ މަންފާއާއި ހަމަޖެހުމަށް އުފައްދާފައިވާ ޚިދުމަތުގެ ނިޒާމުތައް ހީނަރުވެ، "ބަޖެޓު ނެތިގެން" ނުހިންގުމެވެ.

މަޖިހިލިހުގެ މެމްބަރުން އެމީހުންގެ ބޮޑު މުސާރަ ޙައްޤުވާކަމަށް ދެކެނީ އެއީ ދާއިރާގެ މީހުނަށް ބަހަން ބޭނުންކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ސިފަކޮށްގެނެވެ. ސަލާން ޖަހަންޖެހިފައިވާ އެތައް ފަރާތަކަށް ސާފުވާ ޙަޤީޤަތަކީ މިކަމަކީ ކުރެވޭ ވެސް ކަމެއް ނޫންކަމެވެ. މަޖިލިހުގެ ވިޔަފާރިވެރިންނަކީ ފާޅުގައި އަދި ވަންހަނާކޮށްވެސް އެހީ" އާއި "ހަދިޔާ" ބަހަމުންދާ ބައެއްކަން ދިވެހިން ދަނެއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި "މިރަށުގައި ފައިސާ އިން ފެންވެރީ" ކަމުގެ ވާހަކަ ރަށެއްގެ މީހަކު ސިފަކުރާނީ ވަރަށް ފައިސާގެ ހަދިޔާ ބެހީތީ ތާއެވެ. އުފެދޭ ސުވާލަކީ މީކޮންތާކުން އެމީހުން ހޯދާ ފައިސާއެއްބާއެވެ؟ ހިތާމައަކީ ރާއްޖޭގައި ވޯޓަކީ ފައިސާއަށް ވިއްކާ އެއްޗަކަށް ހަދާފައިވާ ކަމެވެ. ނަމަވެސް ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް ނުފޫޒުފޯރުވާ ފަރާތްތަކުން ވޯޓަކީ ތިމާމީހާގެ ފަރުދީ ފުދުންތައް ހޯދުމަށް ވަކިމީހަކަށް ވިއްކާ އެއްޗަކަށް ހަދާފައިވަނީ، މުޅި ރައްޔިތުން ނިކަމެތިކޮށް، ޚިދުމަތުގެ ނިޒާމުތަށް ހީނަރުކޮށް، މަދު ސިޔާސީ "ވެރިން" ކޮޅެއްގެ އަތްދަށުގައި ރާއްޖޭގެ ރައުސުލްމާލު ބޭއްވުމަށެވެ.  

ކޮންމެ ސިޔާސީ "ވެރި" އަކީ ދައުލަތް ހިންގުމުގެ ނިޒާމެއް ނޫނެވެ. ކޮންމެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކީވެސް އެފަދަ ނިޒާމެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ހާލަތަކީ ސިޔާސީ މަގާމުގައި ހުންނަ މީހާއަކީ މުވައްޒަފެއްގެ ބަދަލުގައި، ހިންގުމުގެ ނިޒާމު ކަމަށް ހަދައި، ޤާނޫނީ ގޮތުން ޤާއިމުކުރެވިފައިވާ ޚިދުމަތުގެ ނިޒާމަށްވުރެ ސިޔާސީ މަގާމުގައި ތިބޭ ވަކިފަރުދުން އިސްކޮށް، ދައުލަތް ހިންގުމުގެ ނިޒާމުތަށް ބަލިކަށި ކުރުމެވެ. ޤާނޫނުތައް ނުކުޅެދުންތެރިކޮށް ބޭކާރު ކުރުމެވެ. ރައްޔިތުންގެ ހަމަޖެހުމާއި އިޖްތިމާއީ ދުޅަހެއުކަން ޤާއިމުކުރުމުގެ ނިޒާމުތަށް ވީރާނާ ކުރުމެވެ. އަދި މުޖުތަމައުގައި އިސްކަންދީގެން ރައްކާތެރި ކުރަންޖެހޭ ކުޑަކުދިންނަށާއި އެކިހާލަތާއި ސަބަބުތަކާއި ހުރެ ނިކަމެތިވާ ފަރާތްތަކަށް ބޮޑުތަނުން އިހުމާލުވުމެވެ. އިޖްތިމާއީ ބޮޑެތި ބަލިމަޑު ކަންކަމަށް ޖާގަދިނުމެވެ. މިނޫން ދުވަހެއް ފެންނާނީ ދައުލަތުގެ ޚަރަދުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ އޮނިގަނޑާއި ނިޒާމުތަށް "ވެރިން" ނަށްވުރެ އިސްކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒުކޮށް، ނިކަމެތިން ނިކަމެތި ކުރުމުގެ ޒަމާންވީ ސަގާފަތުން އަރައިގަތުމުންނެވެ. މިކަންކަން ކުރުމުގެ މަސައްކަތްތަކާއި ހަވާލުވެ ތިބޭ އެކި ގިންތީގެ މުވައްޒަފުން މަސައްކަތްކުރޭތޯ ބެލުމުންނެވެ. ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހަރުދަނާ ކުރެވުމުންވެ. އަދި ވޯޓުގެ ޒިންމާ އަށް އިހުމާލުވެ ވޯޓު ގަނެވިއްކާ، ދައުލަތް ހިންގުމުގެ ވަޒީފާތަކުގައި ތިބޭ އެންމެހާ "ވެރިން" ގެ ފައިބުޑަށް ރައްޔިތުން ވެއްޓިގަތުމުގެ ސަގާފަތް ތާރީޚުގެ ތެރެއަށް ދޫކޮށްލައިގެންނެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް