ads
ޕީޕީއެމް އިން ކުރިޔަށްގެންދިޔަ ނޭވާހޮޅި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ދެ ނައިބްރައީސުން ދޫނިދޫއަށް ގެންގޮސްފި
އިދިކޮޅުން ބޭއްވި "ނޭވާހޮޅި" ހަރަކާތުން ހައްޔަރުކުރި ޕީޕީއެމް/ޕީއެންސީގެ ދެ ނައިބްރައީސުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޕާޓީން މިއަދު ކާނިވާ ސަރަަހައްދުގައި ބޭއްވި ހަރަކާތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ދެ ނައިބްރައީސުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހުމަށްފަހު، މަޖިލިސް މެންބަރުން ހައްޔަރު ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާ ހިލާފަށް ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. 

މީގެއިތުރުން، މަޖިލިސް ދެ މެންބަރުންގެ އިތުރުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއެކު، ހަރަކާތުން މިއަދު ހައްޔަރުކޮށްފައިވާ އެންމެންވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށްވާތީ، އެ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށްވެސް ޕީޕީއެމް އިން ބުނެއެވެ. 

"ރެލީގައި ބައިވެރިވުމަށް ދިޔަ އާންމު ރައްޔިތުންނަށް ހުރަސްއަޅާ، ކާނިވަލަށް ވަންނަން ދިޔަ އާންމު ރައްޔިތުންގެ ލޮލަށާއި، މޫނަށް ޕެޕާ ސްޕްރޭ ވަނީ ޖަހާފައި. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން" ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އިން ބުނީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 އަދި 32 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގަށް އަރައިގަނެ، އެ ހައްގު ހަނިކޮށް އެ ކޯލިޝަންގެ ރެލީ ކުރިޔަށް ގެންދެވޭނީ ކާނިވަލުގައިކަން އެންގުމާއެކު، ކާނިވަލުގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުގެ ފަރާތުން ފުލުހުންގެ މައްޗަށް ގައިރު ގާނޫނީ އަމުރުކޮށް، އަދި އެ ގައިރު ގާނޫނީ އަމުރު ކުރުމުގައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާވެ، ހޮސްޕިޓަލުން ފަރުވާވެސް ވަނީ ދީފައި ކަމަށެވެ. 

އިންޑިއާ އެންބަސީންނާއި، ސަރުކާރުން އަންގާ ގައިރު ގާނޫނީ އެންގުންތަކަށް ތަބާނުވުމަށާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އަރައި ނުގަތުމަށް ދިވެހި ފުލުހުންނަށް ޕީޕީއެމްއިން އިލްތިމާސްކޮށްފައިވާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން ކުރިޔަށް ގެންދާ ސުލްހަވެރި ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ މަގު ފަހިކޮށްދިނުމަށްވެސް އެ ޕާޓީން ވަނީ ފުލުހުންނަށް ގޮވާލާފައެވެ. 

ޕީޕީއެމް އިން މިއަދު ބޭއްވި ހަރަކާތް ކުރިޔަށް ނުގެންދިޔުމަށާއި، އެ ހަރަކާތަކީ ގާނޫނާ ގަވައިދާ ހިލާފު އެއްވުމެއް ކަމަށް ބުނެ ފުލުހުން ވަނީ ކުރިން އިންޒާރުވެސް ދީފައެވެ. އަދި ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާނެކަން ދުރާލާ އަންގާވެސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް