މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމާއި, ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހު އިންތިހާބު ކާމިޔާބުކޮށްފައި މިވަނީ 49 ވޯޓުގެ ތަފާތަކުންނެވެ.
މި އިންތިހާބުގައި ކުރެންދޫގައި ދެ ފޮށި ބެހެއްޓިއިރު, މާލޭގައި އެއް ފޮށި ބެހެއްޓިއެވެ. ކުރެންދޫގައި ބެހެއްޓި ދެ ފޮށިން ޕީޕީއެމްގެ ކެންޑިޑޭޓް 380 ވޯޓު ހޯއްދެވިއިރު, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިލެއްވީ 366 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ޕީޕީއެމްގެ ކެންޑިޑޭޓް 235 ވޯޓު ހޯއްދެވިއިރު, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިލެއްވީ 200 ވޯޓެވެ.
ކުރެންދޫ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އެމްޑީޕީ މެންބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމުންނެވެ.
ޕީޕީއެމްއިން ކާމިޔާބު ހޯދާފައި މިވަނީ ސަރުކާާރުން އިންތިހާބަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށެވެ. މި އިންތިހާބަށް ފަސްދުވަހަށްވެފައި އޮއްވާ ސަރުކާރުން ވަނީ ކުރެންދުއަށް ހައުސިން މަޝްރޫއުއެއް ވެސް އިއުލާނުކޮށްފައެވެ.
އެ ގޮތުން 22 މާޗުގައި ފިނޭންސް މިނިސްޓްރީން ވަނީ އެ ރަށުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލާފައެވެ.