ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާއި ގުޅިގެން މި މަހުގެ 20 ވަނަ ދުވަހުގެރޭ މާލޭގައި ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު, މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އޭގެތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި, ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. ދިވެހި ދެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާއަކީ މާލެއަށް ނިސްބަތްވާ މީހެކެވެ. 32 އަހަރުގެ މީހާއަކީ މާލެ ހިންމަފުށްޓަށް ނިސްބަތްވާ މީހެކެވެ.
އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޯޓަށް ހާޒިރުކުރުމުން ދިވެހި ދެ މީހުންގެ ބަންދަށް ދިނީ ފަސް ދުވަހެވެ. ބަންގްލަަދޭޝްގެ ދެ މީހުންގެ ބަންދަށް ދިނީ 15 ދުވަހެވެ.
ދިވެހި ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ހަވާލުވާން ގޮސް ތިއްބައެވެ. ނަމަވެސް 27 އަހަރުގެ މީހާ ބުނީ މަސްތުވާތަކެތި އަތުލައިގަތް ސަރަހައްދަށް އޭނާ ދިޔައީ މީހަކާއި ބައްދަލު ކުރުމަށް ކަމަށާއި, އެ ސަރަހައްދުގައި ހިނގަހިނގާ ހުއްޓާ ހައްޔަރުކުރީ ކަމަށެވެ. ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ ސޯސަންމަގާއި ރަތްވިލާމަގު ގުޅޭ ކަންމަތިންނެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ދެ މީހުންނަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކުގެ ރެކޯޑު ގިނަ އަދަަދަކަށް އޮތް ދެ މީހުންނެވެ.
ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރެއްވުމަށްފަހު ގާޒީ އަމުރުކުރެއްވީ 27 އަހަރުގެ މީހާ ހަތް ދުވަހަށް ބަންދު ކުރުމަށާއި, 32 އަހަރުގެ މީހާ 15 ދުވަހަށް ބަންދު ކުރުމަށެވެ.