ނޫސްވެރިންނާއި މިއަދު ބައްދަލު ކުރައްވައި އިންތިގެ ކެމްޕޭން ތަރުޖަމާނު އަދި މަޖިލީހުގެ އުނގޫފާރު ދާއިރާ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ޕާޓީގެ މެންބަރުންނަށް ނުފޫޒު ފޯރުވުމުގެ އެތައް މައްސަލައެއް ބ. އަތޮޅުގެ ރަށްރަށުން ވެސް ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފެހެންދޫ ބްރާންޗު ހިންގުން އެސިސްޓެންޓް މެނޭޖަރުގެ ކިބައިން ވަކިކޮށް, ޓެކްނީޝަނެއްގެ މަގާމުގައި ހުރި މީހަކާއި ހަވާލުކޮށްފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ. ވައްޑެ ތުހުމަތު ކުރައްވާ ގޮތުގައި އެ ގޮތަށް ހެދީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ދެކޮޅު ހެދުމުންނެެވެ.
ނަމަވެސް ބ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ފެނުނީ އެމްޑީޕީގެެ މެންބަރުން ހިތްވަރާއެކު ތިބި މަންޒަރު ކަމަށް ވައްޑެ ވިދާޅުވި އެވެ. އަދި މެންބަރުން ތިބީ ދައްކާ ބިރަކަށް ފަރުވާލެއް ނެތި އިންތި ހޮވަން ނުކުމެ ކަމަށާއި, މެންބަރުން ތިބީ ވަގުތީ ވަޒީފާ އާއި, އެސްއެމްއީ ލޯނާއި, ފަލްސަފާ ކޮންޓްރެކްޓުގެ އަވާއިގައި ޖެހިގެން ޕާޓީގެ އަސްލު އަސާސްތައް ދޫކޮށްލާ ގޮތަކަށް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑެ ވަނީ މި އިންތިހާބު ބޮޑު ތަފާތަކުން އިންތި ކާމިޔާބު ކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.
އަންނަ މެއިމަހުގެ 14 ވަނަ ދުވަހު ބާއްވާ ޗެއާޕާސަން އިންތިހާބުގައި ދެން ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިންތިގެ ޓީމުން ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން ވެސް ދަނީ މި އިންތިހާބަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ.