ads
އިދިކޮޅު މުޒާހަރާގެ ތެރެއިން
ގައްސާނާއި ސައީދު ހައްޔަރުކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި, ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ގައްސާން މައުމޫން ހައްޔަރުކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
Advertisement

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި, މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, ސައީދާއި ގައްސާނު ހައްޔަރުކުރުމުގެ ކުރިން މޫނަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށާއި, ހައްޔަރުކުރުމަށްފަހު ދެ އަތުގައި ބިޑި އަޅުވައި, 24 ގަޑިއިރަށްވުރެ ގިނައިރު ދޫނިދޫގައި ބަންދުކޮށްފައިވާ ކަމަށެވެ.

ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި, އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގައި ހައްޔަރުކުރި ސައީދާއި ގައްސާނު ދޫނިދުއަށް ގެންދިޔައީ ހުކުރުދުވަހުގެރޭގެ ވަގުތެއްގައެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ބެހެއްޓޭނީ އެންމެ ގިނަވެގެން 24 ގަޑިއިރަށްކަމުން އިއްޔެ ހަވީރު ވަނީ އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް ޝަރުތު ތަކާއެކު އެ ދެ ބޭފުޅުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން މެންބަރަކު ބަންދުކުރި ހަބަރު މަޖިލީހުގެ ރައީސަށް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އެއްކުރަން ޖެހޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހްގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި ބަންދުކުރާތާ ގިނަވެގެން އެއް ގަޑިއިރުތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ އަމީން އާންމަށް އަންގަންޖެހޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

އެކަން ފާހަގަކުރައްވައި ސަލީމްގެ ސިޓީގައި ވިދާޅުވެފައިވަނީ އެ މާއްދާތަކާއި އެއްގޮތަށް އަމަލުކޮށްފައިނުވާ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައިދިނުން އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް