އެއްވުމަށް ޖާގަ ނުދޭނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން މަޖިލީހުގައި ދެއްވި އެވެ. ފުލުހުންގެ އިދާރާއަށް އިދިކޮޅުގެ ބޭފުޅުން ހާޒިރުކޮށް އެ ހަރަކާތް ނުބޭއްވުމަށް އެދުނެވެ. އެވަރުން ވެސް އިދިކޮޅުން ގޮތް ދޫ ނުކުރުމުން ހަރަކާތަކީ ގޭންގުތައް ނެރެގެން ބާއްވާ ނުރައްކާތެރި ހަރަކާތެއް ކަމަށް ސިފަކޮށް، އެ ހަރަކާތް ހުއްޓުވާނެ ކަމުގެ އިންޒާރާ އެކު ފުލުހުން ބަޔާން ވެސް ނެރުނެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ނުގަޑިއެއްގައި އިލެކްޝަން ކޮމިޝަނުން ވެސް އެފަދަ އިހުތިޖާޖެއް ނުބޭއްވުމަށް އިލްތިމާސްކޮށް ބަޔާން ނެރުނެވެ.
މި ހުރިހާ ކަމެއް މިހެން ވަމުން ދިއުމުން ހަމަ ހަގީގަތުގައި ވެސް "ނޭވާ ހޮޅިއަށް" އެޅިއްޖެކަމުގެ ކުލަވަރު ސަރުކާރުގެ ތެރެއިން ފެނުނުހެން ރައްޔިތުންނަށް ހީވިއެވެ.
އެހެންކަމުން ހުކުރު ދުވަހުގެ މި އިހުތިޖާޖަކީ ހުދު ނޫސްވެރިން ވެސް ވަރަށް ތައްޔާރުވި އިހްތިޖާޖެކެވެ. މާކުރިން ކަންކަން ރެޑީކޮށް މުޒާހަރާގެ ތެރޭގައި ވާނެ ގޮތެއް ބަލަން ނޭވާ ހިފަހައްޓާލައިގެން ތިބެވުނެވެ. އިދިކޮޅުން ދެއްކި "މަންޒަރު" ބޮޑު ކަމުންނެވެ.
އެހެންޏާ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަޑަށް ބާރު ލާފައި އެތައް ވާހަކަތަކެއް ދެއްކެވި ވިއްޔާއެވެ. ސަރުކާރުގެ ކަންކަން ހަމަޔަކަށް އަޅުވަން "ނޭވާ ހޮޅިއަށް" އެޅިގެން މުޒާހަރާއަށް އަތޮޅުތެެރެއިންވެސް 20،000 އެއްހާ ރައްޔިތުން މާލެ އަރަން ތައްޔާރަށް ތިބިކަމަށް ވެސް ވިދާޅުވި ވިއްޔާއެވެ. އަދި އެ އަންނަ މީހުން ނެރު ކައިރީން ހުއްޓުވަން ކޯސްޓުގާޑުން ނެރޭ ކަމުގެ އިންޓެލިޖެންސް ލިބޭ ވާހަކަ ވެސް ވިދާޅުވި ވިއްޔާ އެވެ. އެހެންވިޔަސް "މޫދަށް ފުންމާލައިގެން ފަތާފައި ވެސް މާލެ އަރާންވީ" ކަމަށް ވެސް ހަރު އަޑުން ވިދާޅުވި އެވެ. މަންޒަރު ލައްކަ ބޮޑުތާއެވެ.
ހުކުރު ދުވަހުގެ މެންދުރު 14:00ހާއިރު މަޖީދީމަގުން ޕީޕީއެމް އޮފީސް ސަރަހައްދަށް ދެވެން އޮތް ހުރިހާ މަގެއްގައި ފުލުހުން ބެރިކޭޑް ޖަހާ ބަންދުކުރަން ފެށި އެވެ. ދޮންމަނިކު ރެސްޓޯރެންޓް ކައިރިންނާއި ބްރެޑް މެޓާސްއާ ދިމާލުން ވެސް އޮތީ ބެރިކޭޑް ޖަހައިފަ އެވެ. ފުލުހުން އަދި ސިފައިން ވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް އެ ސަރަހައްދަށް ޖަމާވެ، ފޯރި މަރަން ފެށިއެވެ. އަތޮޅުތަކުން އަންނަ ބުނި 20،000 އެއްހާ މީހުންގެ ފާރައަށް ސިފައިންގެ ކޯސްޓް ގާޑުގެ އުޅަނދުތައް ވެސް ފޯރިމަރަމުން ދިޔަ އެވެ. މި ވަރުގަދަ ފިޔަވަޅުތަކަކީ އޭރު އިދިކޮޅުން ދެއްކި ގޮތްދޫނުކުރާ، ނުހުއްޓުވާނެ ކަމަށް ބުނި ބޮޑު މަންޒަރަށް ބިރުން ނޭވާ ހޮޅިއަށް އެޅިގެން ކުރި ކަންކަން ކަމަށް ވެސް ވެދާނެ އެވެ. ނޫނީ މިއީ އެ ހަރަކާތް ހުއްޓުވައި މުޒާހަރާގެ ބައިވެރިންނަށް ސަކަރާތް ޖެހުމުގެ ފުރުސަތު ނުދިނުމަށް ވަރުގަދަ ފުލުސް ފޯސްއެއްގެ "ސްމާޓް ޕްލޭނެއް" ކަމަށް ވުން ވެސް އެކަށީގެންވެ އެެވެ.
ކޮންމެ ވިސްނުމެއްގައި ފުލުހުން މިކަން ކުރި ނަމަވެސް ޕްލޭން ވަރަށް ރަނގަޅެވެ. އޭގެ ސަބަބުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވިގޮތުން، ހަރަކާތް ފެށެން އޮތް ވަގުތު ޖެހެން ކައިރިވަމުންދިޔައިރު، ހަމައެކަނި އެއްވެ އުޅުމުގެ ހުއްދަ އޮތް ކާނިވާ ސަރަހައްދަށް ހަރަކާތަށް ބޭނުންވާ އެއްޗެހި ގެންދިއުމަށް ވެސް ދަތިތަކެއް ކުރިމަތިވި އެވެ. އެކަމުގެ ސަބަބުން ޕީޕީއެމްއިން ދައްކަން އުޅުނު ބޮޑު މަންޒަރު ނުދެއްކުނު ކަމަށް އެ ޕާޓީން ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެއްބަސްވި އެވެ. ހަރަކާތްތައް އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވެސް އޭގެ ސަބަބުން ދަތިތަކާއި ކުރިމަތިވި އެވެ. ނަތީޖާއެއްގެ ގޮތުން މުޒާހަރާއަށް އެއްވި ބައެއް ސަޕޯޓަރުންގެ ވެސް ހިތްހަމަނުޖެހުންތައް އެ ހަރަކާތުގެ ތެރެއިން ވެސް ފާޅުކުރަމުން ދިޔައެވެ.
މުޒާހަރާ ފެށެން އޮތީ 15:45 ގައި ނަމަވެސް ލީޑަޝިޕުގެ މީހަކު އިސްވެގެން ހަރަކާތް ފެށުނުއިރު، 16:30 ވެއްޖެ އެވެ. އިދިކޮޅު ލީޑަރު ބައިވެރިވާނެ ކަމަށް ކުރެވުނު އުންމީދު ވެސް ފަޑުވެ، އެތަނުން ފެނި ވެސް ނުލި އެވެ. މީގެ ކުރީން އާދައިގެ އިހުތިޖާޖެއްގައި ފެންނަ މިންވަރަށް ވެސް އެ އިހުތިޖާޖުން މީހުނެއް ނުފެނުނެ އެވެ. އަތޮޅުތެރެއިން އަންނަން ބުނި 20،000 މީހުން ވެސް ކޮބައި ހެއްޔެވެ؟
އިރުއޮއްސެން ދިޔަ ވަރަކަށް މުޒާހަރާ އިން މީހުން ދިޔައީ މަދުވަމުންނެވެ. ގާތްގަނޑަކަށް 07:30 ވީއިރު އެންމެން ކަހަލަ ގޮތަކަށް ގޮސް ހުސްވެއްޖެ އެވެ.
"ނޭވާ ހޮޅިއަށޭ" ބުނެ ބޮޑު މަންޒަރެއް ދައްކާފައި މުޒާހަރާގެ އިންތިޒާމުތައް ކަޑަކަމުން، އެތަނަށް ފޯރިއާ އެކު އެއްވި މީހުންގެ ތެރެއިން ބައެއް މީހުން އެތަނުގައި ތިބެ ވެސް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
"ނޭވާހޮޅިއަށޭ ކިޔާފައި ނުކުތީމަ ނޭވާހޮޅިއަށް މި އެޅުނީ އަހަރެމެން" އޭ ބުނެ ވެސް އެއް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެެ. އަނެއް ބަޔަކު ކިޔަނީ "އެމްޑީޕީ ނިކުންނަމަ ހަގީގަތުގައިވެސް މިއަދު ސަރުކާރު ނޭވާ ހޮޅިއަށް އަޅުވާފައި ނޫނީ މުޒާހަރާ ހުއްޓާ ނުލާނެ" ކަމަށެވެ. ކުޅި ދައްކާލާނެ ކަމަށެވެ.
މުޒާހަރާއަށް ފަހު ޕީޕީއެމްގެ ލީޑަޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވި ގޮތުން އިންތިޒާމުތައް ދަށްވީ އަދި މަންޒަރު ބޮޑު ނުވީ، މާ ކުރިން ފެށިގެން އެ ހަރަކާތުގެ ސިފަ ހުތުރުކޮށް ހަރަކާތައް ސަރުކާރުން ހުރަސް އެޅުމުންނެވެ.
އެކަމަކު އެއީ ސަރުކާރާއި އިދިކޮޅަށް ބަޔަކު ނިކުންނަންޏާ ސަރުކާރުން އެކަން ކުރާނެ ގޮތް ނޫން ހެއްޔެވެ؟ މުޒާހަރާ އިސްތިހާރުކޮށް ބޮޑު ކޮށްދޭން ވީ ވެސް ސަރުކާރުން ބާއެވެ.