ads
މަޖިލީހުގެ ޖަލްސާއެއްގައި އިމްރާން ވާހަކަދައްކަނީ. ފޮޓޯ: މަޖިލިސް
އިމްރާން މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަމަށް ބުނެ ''ހަނާކޮށްލައިފި''
ގަސްދުގައި ގޯސް ހަދާ ފުލުހުން ފުލުހުންގެ މުއައްސަސާގައި ތިބިކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ނަމަވެސް, އެފަދަ ފުލުހުންނެއް ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީި އިތުރުފުޅު ހައްދަވަނީ ކޮން ވަޒީރެއްތޯ ބަލައި, އެ ވަޒީރަކަށް ފިޔަވަޅުއެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. 

ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރަކު ވަޒީރުންގެ މަޖިލީހުގެ މެންބަރަކާއި ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭންޖެހޭނެކަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

އެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޯޓުތަކުގައި މައްސަލަތައް ލަސްވުމާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީގައި ބޭއްވި ބައްދަލުވުމުގައި ފުލުހުންނާއި, ތަހްގީގީ އެހެނިހެން އިދާރާތަކުގައި ވެސް ގޯސް ހަދާ ފަރާތްތައް އެބަ ތިބި ކަމަށާއި, އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމުވެގެން ކުރެވޭ ކަމެއްގެ ގޮތުގައިކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައިވާ ކަމަށެވެ. 

އަދި އެކަމާ ބެހޭ  ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސުވާލު ކުރެއްވުމުން މިނިސްޓަރު އިމްރާން ލިޔުމުން ދެއްވި ޖަވާބުގައި ގަސްދުގައި ގޯސް ހަދާ ފުލުހުންނެއް ނެތްކަމަށް ވިދާޅުވެފައިވާކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ކޮންމެ ވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ.

އެހެންވެ ޝަރީފް ހުށަހެޅުއްވީ ރައްޔިތުން މަޖިިލީހުގައި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ނުވަތަ އިމްރާން އަބްދުﷲ ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި ހިލާފުވެފައިވާކަމަށް ގަބޫލުކުރެވޭތީ, އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި, ގާނޫނާއި ހިލާފުވި ވަޒީރު ދެނެގަނެ އެ ވަޒީރަށް ފިޔަވަޅު އަޅައިދިނުމަށެވެ.

މި މައްސަލަަަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށާފައިވާއިރު ގިނަ މެންބަރުން ވަނީ އިމްރާން އިތުރުފުޅު ހައްދަވާކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އެ ގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މި މައްސަލައަކީ ކަނޑައެޅިގެން މަޖިލީހުގެ އިމްތިޔާޒާއި ގުޅިފައިވާ ކަމެއް ކަމަށެވެ. 

އީވާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ  ފުލުހުންގެ އިދާރާތަކުގައި ވެސް ގަސްދުގައި ގޯސް ހަދާ ފުލުހުން ތިބޭ ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެފަދަ ފުލުހުން ތިބޭކަމަށް އެޓާނީ ޖެނެރަލް ވިދާޅުވާނީ ކޮންމެވެސް ހަގީގަތެއް އޮތުމުންކަމަށް އީވާ ވިދާޅުވި އެވެ.

''ކަމެއް ރަނގަޅުކުރަން މީހަކު ބުނީމާ ކުއްލިއަކަށް މިއުޅެނީ ސަރުކާރު ބޭޒާރު ކުރަންށޭ, ގައުމު ފަލީހަތް ކުރަންށޭ ކިޔުމުގެ ބަދަލުގަ, ރައްޔިތުންގެ އިތުބާރު ނެގެހެއްޓޭނީ ގޯހެއް އޮތިއްޔާ އެ ރަނގަޅު ކުރާނަމޭ ކިޔާފަ އެއަށް މަސައްކަތްކުރުން. ކުއްލިއަކަށް އުހުނ, މި ސަރުކާރަކުން ގޯހެއް ނުހިނގާނޭ މި ފުލުސްއޮފީހަކުން ކަމެއް ނުހިނގާނޭ ބުންޏަސް މީހަކު ގަބޫލެއް ނުކުރާނެ. އަޅުގަނޑަށް ޔަގީން އެޓާނީ ޖެނެރަލް މިވަރު ވާހަކައެއް ވިދާޅެއްނުވާނެ މީގަ ހަގީގަތެއް ނެތިއްޔަކާ.'' އީވާ ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވީ ދެ ވަޒީރަކު ދެ ވާހަކައެއް ދެއްކެވީމާ އެ ވާހަކައަށް ފާރަލައި ބަލަންޖެހޭނެ ކަމަށެވެ. އަދި ފުލުސް އޮފީހުގައި ގޯސް ހަދާ ފުލުހުން ތިބިކަން އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ހަގީގަތެއްކަމަށް ހަލީމް ވިދާޅުވިއެވެ.

''ފުލުސް އޮފީސްތެރޭގަ އެކަންކަން ހުރިކަން އެއީ މިއަދު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ހަގީގަތެއް. އަދި ހާއްސަކޮށް ބަންޑާރަނައިބު އެ ގޮތަށް ވިދާޅުވީމާ އަޅުގަނޑުމެން އެކަމަށް ފުންކޮށް ވިސްނަން އެބަޖެހޭ. ބަލަން އެބަޖެހޭ. ދެން އެއާ ވިދިގެން އަންނަ ދުވަހު ހޯމް މިނިސްޓަރު ވަޑައިގެންނެވީމާ އެ ސުވާލުތައް މިތަނުގަ އަމާޒުވެގެންދާނެ. އަމާޒުވާއިރަށް ކުއްލިއަކަށް ތެޅިގެންފަ އެހާ ކުުރުކޮށް އެއްވެސް މައްސަލައެއް ނެތޭ ވިދާޅުވުން އެއީ ހަމަ ކަނޑައެޅިގެން އަޅުގަނޑުމެނަށް ގަބޫލުކުރެވޭނެކަމެއް ނޫން.'' ހަލީމް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކަމަށާއި, ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅާ ވެސް ކޮންމެ އަހަރެއްގައި މަޖިލީހަށް ވަޑައިގެން ހައްދަވަނީ އިތުރުފުޅު ކަމަށެވެ. 

އަދި މީގެކުރިން އިމްރާން މަޖިލީހަށް ހާޒިރުކުރިއިރު ވެސް, އެތައް ފަހަރަކު އިތުރުފުޅު ހެއްދެވި ކަމަށާއި, މޭޑޭގެ މުޒާހަރާގެ ކަންތަކުގައި ވެސް ހެއްދެވީ އިތުރުފުޅުކަމަށް ޝިޔާމް ވިދާޅުވިއެވެ.

މައްސަލައަށް ބަހުސް ކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ބަޣާވާތޭ ބުނި މީހާ ހުރީ ހޯމް މިނިސްޓަރަކަށް ކަމަށާއި, އެކަމު އެމްޑީޕީ ވެސް އޮތީ ހަނު ކަމަށެވެ.

''ދެން އިތުރުފުޅު ހެއްދެވީ ރިފްއަތުތޯ އިމްރާންތޯ މި ހަރާބު ކުރީ ގޯސްކުރީ ކޮން ތަހްގީގެއްތޯ މީ ސެލެކްޓް ކުރެވޭނެ އެއްޗެއްނޫން. ފުލުހުންގެތެރޭގަ ތަހްގީގެއް ގޯސްކޮށް ކުރަންޏާ ކޮންމެ ތަހްގީގެއް ވެސް އޮންނާނީ ގޯސްކޮށް ކޮށްފަ.'' ސައީދު ވިދާޅުވިއެވެ.

މީގެ އެއް ދުވަސްކުރިން ދޫނިދޫގައި ބަންދުގައި ބެހެއްޓި ސައީދު ވަނީ ޖަލުތަކުގެ ހާލަތާބެހޭ ގޮތުން ބެސް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އޭނާ ހުންނެވި ގޮޅީގެ ފާހާނައިގެ މަތީގައި ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އިމްރާން ޖަލަށް ގެނެސްފައި ހުރި އިސްލާހު ކަމަށާއި, އެއީ މީހުންގެ އޮރިޔާން ބަލަން އިމްރާން ޖަލަށް ގެންނެވި އިސްލާހެއްތޯ ވެސް ސައީދު ސުވާލު ކުރެއްވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް