ފުލުހުންގެތެރޭގައި ގަސްދުގައި ގޯސްހަދާ ފުލުހުން އެބަތިބި ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ނަމަވެސް, އެފަދަ ފުލުހުންނެއް ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ, އިތުރުފުޅު ހައްދަވަނީ ކޮން ވަޒީރެއްތޯ ދެނެގަނެ, އެ ވަޒީރަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި, ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ މިއީ ވަރަށް ސީރިޔަސް މައްސަަލައެއް ކަމަށެވެ.
ބޮންޑެ ވިދާޅުވީ ދައުލަތުގެ ހޯމް މިނިސްޓަރަކަށް މިއަދު ހުރީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށާއި, ބަޣާވާތް ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ހޯމް މިނިސްޓަރުކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ދާދި ފަހުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުރި މީހަކު ވެސް ރައީސް ނަޝީދަށް ރައްދުކޮށް ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވިކަމަށް ބޮންޑެ ވިދާޅުވި އެވެ. ބޮންޑެ އެ އިޝާރަތް ކުރައްވަނީ މި މަހުގެ 22 ވަނަ ދުވަހު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުން ރައީސް ނަޝީދަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން ކޮށްފައިވާ ޓުވީޓެއްގައި ހުރި ވާހަކަތަކަށެވެ.
އެކަން ފާހަގަ ކުރެއްވުމަށް ފަހު ބޮންޑެ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާ އާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ގުޅުން އޮތް ކަން އޭނާއަށް ކަށަވަރު ކަމަށެވެ.
މިިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވައިލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ސީރިޔަސް އަނިޔާތަކެއް ލިބިވަޑައިގެންނެވިއިރު, އެ އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު, ޖަރުމަނުންނާއި ޔޫކޭގައި ވެސް އެ މަނިކުފާނު ވަނީ ފަރުވާ ހޯއްދަވައިފައެވެ.
އެ ހަމަލާ އާ ގުޅިގެން ޖުމްލަ 10 މީހުން ހައްޔަރުކުރިއިރު އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި ނުވަ މީހުންގެތެރެއިން އެކަކަށް ހުކުމްކޮށްފައިވާއިރު ދެން ތިބި މީހުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.