ads
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ގަމު ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުން، މައްސަލަ މަޖިލީހަށް
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ދަށްވުމުން، ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.
Advertisement

މެމްބަރު ސައީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާނު ކޮށްފައިވީނަމަވެސް، އެކަން އަދި ވެފައި ނުވާކަމަށާއި، ހޮސްޕިޓަލުގެ ފެންވަރު ދަނީ ދުވަހުން ދުވަހަކަށް ދަށްވަމުން ކަމަށެވެ.  

އަދި ގަމު ހޮސްޕިޓަލަކީ، ދުވާލަކު އެތައް ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއް ކަމަށާއި، އެހެން ނަމަވެސް އެކަށީގެންވާ މިންވަރެއްގައި ހޮސްޕިޓަލުން އަދި ހިދުމަތް ނުދޭ ކަމަށެވެ. މީގެ އިތުރުން ސައީދު މައްސަލަ ހުށައަޅުއްވަމުން ބުނެފައިވަނީ، ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅާފައި ވާކަމަށެވެ. އެހެން ނަމަވެސް އެބޯޑުން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ވިދާޅުވިއެވެ. 

"އެބޯޑުގެ ދަށަށް ލ. އަތޮޅުގެ ދިހަ ރަށުގައިހުރި ސިއްހީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ވަނީ ބަދަލު ކޮށްފަ. ލ. އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ހޮސްޕިޓަލްގެ ހިދުމަތް އަންނަނީ ހޯދަމުން. އެހެންނަމަވެސް ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުންދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަންނަނީ ހުއްޓުމެއްނެތި ލިބެމުން." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ހޮސްޕިޓަލުގައި ކޮންމެހެންވެސް ހުންނަންޖެހޭ ޑޮކްޓަރުން ނެތި އެތައް ދުވަހެއް ވެފައި ވާކަމަށާއި، އެހެން ކަމުން، ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށް މައްސަލަތައް ވީހާވެސް އަވަހަށް ސަރުކާރުން ހައްލުކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށެވެ. 

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބަލައިގަތުމަށް 20 މެންބަރަކު ވަނީ ވޯޓު ދެއްވަވައިފައެވެ. އަދި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވައިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް