ads
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު --
ގަމު ހޮސްޕިޓަލް ހަލާކުވެގެން ދިޔައީ، ނާގާބިލް ބޯޑެއް އައްޔަން ކުރުމުން: ސިރާޖު
ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ހަލާކުވެ ބޮޑުތަނުން އެ ހޮސްޕިޓަލުގެ ފެންވަރު ދަށްވެގެން ދިޔައީ، އެ ހޮސްޕިޓަލު ހިންގަން އައްޔަން ކުރި، ބޯޑުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ދަށްވުމުން، ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާ، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު ސިރާޖު ވިދާޅުވީ، މި މައްސަލަ އަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި، މިއީ އެތައް ބައެއްގެ ހައްގުތަކާއި ގުޅިފައިވާ މުހިއްމު މައްސަލައެއް ކަމަށެވެ. 

އަދި ބަޔަކު ކިތައްމެ ނުރުހުނަސް ގަމު ހޮސްޕިޓަލުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި، އެކަން މެދުވެރިވީ، ސަރުކާރުން ހޮސްޕިޓަލް ހިންގުމަށް ހަވާލުކުރި ބޯޑުގެ ސަބަބުން ކަމަށެވެ. އަދި މި ބޯޑަށް އެއްވެސް ކަމެއް މިވީހާތަނަށް ކުރެވިފައި ނުވާކަމަށްވެސް ސިރާޖުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

"ހޮސްޕިޓަލަށް މިސަރުކާރުން އައިސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރި. ނަމަވެސް މައިގަނޑު ބަދަލަކަށް ގެނެވުނީ އެކުގައި އުޅޭ ރައްޓެހިންތަކަކަށް ވަޒީފާތަކެއް ދިނުން. ބޯޑެއް އެކުލަވާލުން. އެބޯޑަށް ހޮސްޕިޓަލެއް ނުހިންގޭނެ ގާބިލް ނޫން މީހުންތަކެއް ލައިގެން މުޅި ހޮސްޕިޓަލް ހަލާކު ކޮށްލުން. ހޮސްޕިޓަލް މިހައި ބޮޑަށް ހަލާކު ވެގެން ދިޔައީ އެއްވެސް ވަރަކަށް ހިންގުންތެރިކަމެއް ނެތް ފަރާތްތަކެއް ނަގައިގެން ބޯޑެއް އެކުލަވާލި ހިސާބުން." ސިރާޖު ވިދާޅުވިއެވެ.

މީގެ އިތުރުން ސިރާޖު ވިދާޅުވީ، ހޮސްޕިޓަލުގެ ފެންވަރު ދަށްވެ އެ މައްސަލަ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އެތައް ފަހަރަކު ހުށައެޅި ކަމަށާއި، އެހެން ނަމަވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި ހޮސްޕިޓަލުގެ ފެންވަރު ދަށްވެގެން ދިޔައީ ސަރުކާރުގެ ސަބަބުން ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. 

މެމްބަރު ސައީދު ހުށައެޅުއްވި މައްސަލައަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ތާއީދްކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެހެން ނަމަވެސް މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދިން މެމްބަރުންނަށް ފާޑުވިދާޅުވެ ސިރާޖު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންތަކެއް މިމައްސަލަ ބަލައި ނުގަންނަން ރަތަށް ފިތުމަކީ ލަދުވެތި ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް