ads
ރާއްޖޭގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން..
ފަރުދާ ކަހައިލުން: ރާއްޖޭގެ ޑިމޮކްރަސީއަށް ކިރުތުނބުން ނުވީއްލޭ
2009 ވަނަ އަހަރުގެ މާޗުމަހުގެ ދެވަނަ ދުވަހުގެ ހެނދުނު ނުވައެއް ޖެހީ އެވެ. ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަން ހުންނެވީ, ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި ފުރަތަމަ ފަހަރަށް ވާދަވެރި ރިޔާސީ އިންތިހާބެއް ބޭއްވި, އެ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދެވެ.

ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ ތާރީހީ ރިޔާސީ ބަޔާން މަޖިލީހަށް އިއްވެވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއްކަމަށް ވިދާޅުވެ ވާހަކަފުޅު ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީ ނުވަތަ ރައްޔިތުންގެ ވެރިކަމަކީ ރާއްޖެއަށް ނިސްބަތުން އަދި ވަރަށް އާ ކަމެއް ކަމަށެވެ. އަދި ގައުމުގެ އިގުތިސޯދު ހަރުދަނާކޮށް, ގައުމު ތަރައްގީ ކުރުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގެ ކަންތައްތައް ގެންދިޔުމަށްޓަކައި ރާއްޖޭގެ ރައްޔިތުން މިވަނީ މުޅިން އާ ނިޒާމެއް ތައާރުފުކޮށްފައިކަމަށް ވެސް ވިދާޅުވި އެވެ. 

''ދިވެހި ޖުމްހޫރިއްޔަތުގެ ތެރޭގައި ދަމަހައްޓައި ވަރުގަދަކޮށް އާލާކުރުމަށް އަޅުގަނޑުމެންނަށް މަޖުބޫރުވެފައިމިވާ ޑިމޮކްރަސީގެ އުސޫލުތައް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ގެންދާނީ ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް ވަރުގަދަ ކުރަމުން.'' ރައީސް ނަޝީދުގެ ތާރީހީ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

your imageމަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ. ފައިލްފޮޓޯ

އޭގެ އެތައް ދުވަހެއް ފަހުން 2013 ވަނަ އަހަރު އޭރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވަނީ ޑިމޮކްރަސީއަކީ އެންމެ ދުވަހަކުން ނުވަތަ އެއް އަހަރުން ނުވަތަ ދެތިން އިންތިހާބެއް ބޭއްވުމުން ފުރިހަމަވެގެންދާނޭ އެއްޗެއް ނޫނެވެ. ޑިމޮކްރަސީ އަށަގެންނެވުމަށް ހުއްޓުމެއްނެތި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށާއި, އޭގެތެރޭގައި ގައުމުގައި އަދުލު އިންސާފު ގާއިމުކުރުމާއި, ގާނޫނު އަސާސީއަށް އެންމެ ފުރިހަމައަށް ބޯލަނބާ ވެރިކަމެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ.

ދެން ފެނިގެންދިޔައީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ޒައާމަތެވެ. 2017 ވަނަ އަހަރުގައި ރައީސް ޔާމިން ވިދާޅުވެފައިވަނީ ޑިމޮކްރަސީއަކީ ހަމައެކަނި ސިޔާސީ ހައްގުތައް ކަށަވަރު ކުރާ އެއްޗެއް ނޫންކަމަށާއި, އޭގެ އިތުރަށް ޑިމޮކްރަސީއަކީ ރައްޔިތުން ކުރިއަށްދާން ބޭނުންވާ ރައްޔިތުންގެ ހުވަފެންތައް ފުރިހަމަކޮށްދޭ ނިޒާމުކަމުގައެވެ.

your imageރައީސް ޔާމިން އަދި ރައީސް މައުމޫނު

އެއަށްފަހު 2019 ވަނަ އަހަރުގެ ޑިމޮކްރަސީ ދުވަހުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ ކަމަށާއި, ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

ހަމައެހެންމެ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ކޮންމެ ހާލަތެއްގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް ސަރުކާރުން އަބަދު ވެސް އިހުތިރާމުކޮށް, އެ ހައްގުތައް ލިބިދެވޭކަން ވެސް ކަށަވަރުކުރާނެ ކަމަށެވެ. 

'ވަކިން ހާއްސަކޮށް ދައުލަތުގެ ކަންކަމާމެދު ބަސްބުނެ, ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއްނާޅާނެ. ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި, މައުލޫމާތު އާންމުކުރުމަކީ ވެސް ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމުގައި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.'' ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

your imageރައީސް ސޯލިހު

އާދެ, އެއީ ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމެއް އައިފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސުން ޑިމޮކްރަސީއާއި ބެހޭގޮތުން ދެއްކެވި ވާހަކައިގެ ކުޑަކުޑަ މިންވަރެކެވެ. ނަމަވެސް އެ ބުނާ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް އައިތާާ ދިހަބާރަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު, ޑިމޮކްރަސީއޭ ކިޔައިގެން ދައްކަވާ ވާހަކަފުޅުތަކުގައި އޮށްޓަރެއް އެބަހުރިތޯ މިއީ އުފެދޭ ސުވާލެކެވެ. ނުވަތަ އެ ބޭފުޅުން އެ ބުނާ ހައްގުތައް ނުވަތަ ޑިމޮކްރަސީއެއްގައި ލާޒިމުކުރާ ކަންކަން ރައްޔިތުންނަށް އެބަ ލިބޭތޯއެވެ. 

ނޫން ނަމަ ރާއްޖޭގެ ޑިމޮކްރަސީ މިއަދު މި އޮތީ އޮންނާންޖެހޭ ހިސާބުގައިތޯއެވެ. އިންސާނާގެ ހަޔާތުގައި ފިރުކުމާއި,  ހިނގުމާއި މިފަދަ ތަފާތު އެތަކެއް މަރުހަލާއެއް އަންނައިރު, ރާއްޖޭގެ ޑިމޮކްރަސީ މިއަދު ހަމައިސްކޮޅަށް ތެދުވެވިއްޖެތޯ ނުވަތަ ހިނގައިގަނެވިއްޖެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. 

ޑިމޮކްރަސީއަކީ ކޮބާ:

ޑިމޮކްރަސީގެ ލަފުޒު އިނގިރޭސި ބަހަށް އައީ ދެ ބަހަކުންނެވެ. ފުރަތަމަ ބަހަކީ ''ޑިމޮސް'' (demos) އެވެ. އެ ބަހުގެ މާނަައަކީ ރައްޔިތުންނެވެ. ދެވަނަ ބަހަކީ ''ކްރާޓޯސް''  (Kratos) އެވެ. އޭގެ މާނައަކީ ބާރު ނުވަތަ  ވެރިކަމެވެ. ޑިމޮކްރަސީގެ ލަފުޒީ މާނަ ބަޔާން ކުރެއްވުމުގައި ދުނިޔޭގައި އެންމެ މަގުބޫލުކަން ލިބިފައިވަނީ އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ އެބްރަހަމް ލިންކަންގެ ބަސްފުޅަކަށެވެ. އޭނާ ވިދާޅުވެފައިވަނީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ހިންގުން ކަމަށެވެ.

''Democracy is the rule by the people for the people of the people.'' 

ޑިމޮކްރަސީއެއްގައި ލާޒިމްކުރަނީ ކޮން ކަންކަމެއް:

ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި ޑިމޮކްރަސީއެއްގައި ލާޒިމްކުރާ ކަންކަމުގެ ތެރޭގައި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވެން ޖެހެެއެވެ. ދައުލަތުގެ ތިން ބާރުކަމަށްވާ ވެރިކަން ހިންގުމުގެ ބާރާއި, ގާނޫނު ހެދުމުގެ ބާރާއި, އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ވަކިވާން ޖެހެއެވެ. 

މިނިވަން މުސްތަގިއްލު މުއައްސަސާތައް އޭގެ ފުރިހަމަ މާނައިގައި ހިނގާން ޖެހެއެވެ. ގާނޫނީ ތަރަހައިގެ ތެރޭގައި އެންމެން ހަމަހަމަވުމާއި, ހިޔާލުފާޅު ކުރުމުގެ މިިނިވަންކަމާއި, އެއްވެއުޅުމުގެ މިނިވަންކަން ލިބިދޭން ޖެހެ އެވެ.

your imageއިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ހަމައެހެންމެ ކަންކަމާމެދު މަޝްވަރާކޮށް އަގްލަބިއްޔަތުން ކަންކަން ނިންމެން ޖެހެއެވެ. އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީ, ސިޔާސީ ހައްގުތަކާއި, މަދަނީ ހައްގުތައް ލިބިދޭން ޖެހެއެވެ. މި ނޫނަސް މިފަދަ އެތައްއެތައް ކަމެއް އިނގޭތޯއެވެ.

ޑިމޮކްރަސީގެ ފޭރާން އަޅުއްވައިގެން ދައްކަވަނީ ހުދުމުހުތާރުކަން:

ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަންނަވަންވެގެން ދައްކަވަނީ މާ ރީތި ނިޒާމެއްގެ ދަށުން ރައްޔިތުންގެ ހައްގުތައް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެންމެ އިސްކަން ދެއްވާނީ ރައްޔިތުންނަށްކަމަށް ވިދާޅުވެ, ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ވައުުދުގެ ''ފުނިވަރުތައް'' ޖެއްސެވުން ނޫންކަމެއް ނުކުރައްވައެވެ. 

ޑިމޮކްރަސީގެ ފޭރާން އަޅުއްވައިގެން ވެރިކަމަށް ވަޑައިގަތުމުން  އާރާއި ބާރާއި, ޝާނާއި ޝައުކަތު ލިބިވަޑައިގަތީމާ ދައްކަވަނީ ހުދުމުހުތާރުކަމެވެ. ބާރުތައް ވަކިކުރެއްވުމުގެ ބަދަލުގައި, އެ ހުރިހާ ބާރުތަކެއްގައި ''ބައްދައި ބަގުޑިލައިގެން'', ''ގަދަފައި ވިއްދައިގެން'' މެނުވީ އެއްވެސް ބޭފުޅަކަށް ވެރިކަން ކުރެއްވޭ ކަމަކަށް ނުވެއެވެ. މި ކަންކަން މިހާރު ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރުން މޮޅު އިތުރުވެގެންވާ ކަމެއްގެ ދަރަޖައަށް ގޮސްފައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކުރީގެ ޑިފެންސް މިނިސްޓަރު ''ސީއެންއެމް'' އަށް ވިދާޅުވީ ކޮންމެ ބަޔަކު ވެސް ވެރިކަމަށް އަންނަނީ ޑިމޮކްރަސީގައި ހުންނަ ހުރިހާކަމެއް ބޭނުންކޮށްގެން ކަމަށާއި, އެހެން ނަމަވެސް ވެރިކަމަށް އައުމަށްފަހު ވެރިކަމުގެ ދަހިވެތިކަމުގައި, ކުރިން ގަބޫލުކުރި ޑިމޮކްރެޓިކް ހަމަތައް ދޫކޮށްލާ ކަމަށެވެ.

''އޭގެތެރޭގަ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި, އެއްވެ އުޅުމުގެ މިނިވަންކަމާއި މިފަދަ ކަންކަމަށް ސަމާލުކަމެއް ނުދޭ. ވެރިކަން ބީވެދާނެކަމާއި ނޫނީ ދޫވެދާނެކަމަށް ބެލެވިގެން އެ ކަންްކަމަށް ހުރަސްއަޅާތަން މި ފެންނަނީ. މި ސަރުކާރުން ވެސް މި ކުރަނީ އެކަން.'' ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

your imageއެމްއެންޕީން ބޭއްވި ޖަލްސާއެއްގައި ނާޒިމް ވާހަކަފުޅު ދައްކަވަނީ 

ނާޒިމް ވިދާޅުވީ ސުލްހަވެރި މުޒާހަރާއެއް ކުުރުމުގެ ފުރުސަތެއް ނުދެވޭ ކަމަށެވެ. އަދި މި ސަރުކާރުން ޑިމޮކްރެޓިކް ހަމަތަކަށް ކަންކަން ކުރާ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށާއި, ރައްޔިތުންނަށް ވުރެ ބާރުގަދަކޮށް ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގެންފައި ވިސްނަވަނީ މުޅިން އެހެން ވިސްނުމެއް. ވެރިކަމުގެ ޖާހު ހިފެއްހެއްޓުމަށްޓަކާ އެއްވެސްކަމެއްގަ ދޫ ދޭން ބޭނުން ނުވަނީ. މި ސަރުކާރުގަ ވެސް ފެނުނީ އެކަން. ރައީސް ޔާމިނުގެ ސަރުކާރުގައި ވެސް ފެނުނީ އެކަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓުމުގެ އުންމީދެއް މި ކުރަނީ.'' އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނާޒިމް ވިދާޅުވިއެވެ.

ސީއެންއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވީ އެކި މީހުން ޑިމޮކްރަސީ މާނަ ކުރަނީ އެކި ގޮތަށް ކަމަށެވެ. އެއްބަޔަކު ދެކޭ ގޮތުގައި ޑިމޮކްރެސީއަކީ ވޯޓުލައިގެން ސަރުކާރުތަކަށް މީހުން ހޮވުން ކަމަށެވެ. 

ނަމަވެސް އޭނާ ޑިމޮކްރަސީ މާނަ ކުރައްވަނީ ހަމައެކަނި އެ ގޮތަށް ނޫންކަމަށް އެއީ އޭގެ އެންމެ އަސާސީ ކަންތައް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ކަންކަން ހުންނާާނެ ކަމަށާއި, އެ ގޮތުން ދެވަނައަށް އެންމެ މުހިންމު ކަމަކީ ''ގާނޫނުގެ ވެރިކަމެއް ހިނގުން'' ކަމަށެވެ. 

އިބްރާ ވިދާޅުވީ މިނިވަންކަމާއެކު ވޯޓުލުމުގެ ފަހަތަށް ދެން އަންނާނެ މުހިންމު ކަމަކީ މިއީ ކަމަށެވެ. ނަމަވެސް ގާނޫނުގެ ވެރިކަމެއް ހިނގާ ތަނެއް އަދިއެއް މި ރާއްޖޭގައި ނުފެންނަކަމަށް އިބްރާ ވިދާޅުވިއެވެ.

your imageއިބްރާހީމް އިސްމާއީލް (އިބްރާ) ފޮޓޯ ސަން

އިބްރާ ވިދާޅުވީ ޑިމޮކްރަސީ މި އޮތީ އޮންނަންވާ ހިސާބުގައެއް ނޫން ކަމަށާއި, އޮންނަންވީ ހިސާބާއި ގާތަށް ދާތަނެއް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް ކުރިއާއި އަޅާބަލާއިރު ކޮންމެވެސް ވަރަކަށް ރަނގަޅުކަން އޭނާ ފާހަގަކުރެއްވިއެވެ.

''އެންމެ ކުރިއްސުރެ ދެއްކި އެއް ވާހަކައަކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަ. ނަމަވެސް މައުުމޫނު ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އެއްވުމެއް އެއްވެއްޖެނަމަ އޭގެތެރެއިން ބަޔަކު ހައްޔަރުކޮށް މިފަދަ ކަންތައްތަކެއް އެބަ ހިންގާ. އެހެންވީމަ ވަކި ސަރުކާރެއް އޮވެގެން ނޫންތާ މިހެން މިވަނީ.'' ރާއްޖޭގެ އޭރާއި މިހާރުގެ ހާލަތަށް އިޝާރަތް ކުރައްވަމުން އިބްރާ ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ގާނޫނީ ވަކީލު އަލީ ހުސައިން ''ސީއެންއެމް'' އަށް ވިދާޅުވީ ޑިމޮކްރަސީވެފައިވަނީ ކޮންމެ ބަޔަކު ވެސް އިދިކޮޅުގައި ތިބޭއިރު ވެރިކަމަށް އަންނަން ބޭނުންކުރާ ''ޓޫލް'' އެއްގެ ގޮތުގައި ކަމަށެވެ. އަދި ޑިމޮކްރަސީގައި އެންމެ މުހިންމު އަސާސަކީ މިނިވަންކަމާއި އިންސާފު ކަމަށާއި, މިނިވަންކަމުގެ ތެެރެއިން އެންމެ މުހިންމު މިނިވަންކަމަކީ އެއްވެ އުޅުމުގެ މިނިވަންކަން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަދިވެސް ކަންކަން ބަދަލުނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

''އަދިވެސް އެއްވެ އުޅުމާބެހޭ ގާނޫނު އޮތް ގޮތަށް އޮތީ. އެ އިސްލާހެއް ނުކުރޭ. އެއީ އެންމެ މުހިންމު އެއް ގާނޫނު އިސްލާހުކުރަންޖެހޭ. އެމްޑީޕީން ވެސް ބާރުލާފަ އެ އިސްލާހުކުރާނެ ކަމަށް ބުނީ.'' އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އަނެއް ކަމަކީ އަދުލު އިންސާފު ކަމަށާއި, ސްޕްރީމް ކޯޓު މިހާރު ކޮންމެ ވެސް ވަރަކަށް ރަނގަޅު ކަމަށާއި, ނަމަވެސް ޖުމްލަ ގޮތެއްގައި އިންސާާފު ލިބިދާނެކަމަކަށް ރައްޔިތުންނަށް ގަބޫލެއް ނުކުރެވޭ  ކަމަށެވެ. އޭގެ ބައެއް ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ ޖުޑީޝަލް ސަރވިސްގެ ކޮމްޕޮޒިޝަން ބަދަލުކުރުންފަދަ ކަންކަން އަދިވެސް ނުކުރުމާއި,ޕަބްލިކް ޑިފެންޑާސް އޮފީސް ވެސް ނުހެދުމެވެ.

''އެހެންވީމަ ޖުޑިޝަރީ މި އޮތި އަތްނުލާ އޮތް ގޮތަކަށް އޮތީ. އެންމެ ކުޑަމިނުން އެކަށީގެންވާ ކޯޓު ސިސްޓަމާއި, ކޯޓުތަކާއި އިމާރާތްތައް ވެސް ހަގީގަތުގައި ޕްރޮވައިޑެއް ނުކޮށްދެވޭ'' އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ސަރުކާރަށް ބަހަނާ ނުދެއްކޭ ވަރަށް ރައްޔިތުންގެ މަޖިލިސް ވެސް ދީފި ކަމަށެވެ. ކަންމިހެން ހުރިއިރު ގައުމުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތައް ހައްލުނުވެގެން އުޅެނީ ކީއްވެގެންތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެެވެ.

''ވަކިން ފާހަގަކޮށްލެވެނީ ޑްރަގް އެޑިކްޓުން އިންތިހާއަށް ގިނަވެގެން ދިއުން. ބޭރުމީހުންގެ މައްސަލަ ހައްލުނުވެ އިންތިހާއަށް ދިއުން. މި ހުރިހާ ކަމެއްގެން މިއޮށް ހިނގަނީ. އެއަކަށް ބަދަލެއްނާދޭ.'' ކަންބޮޑުުވުން ފާޅުކުރައްވަމުން އަލީ ވިދާޅުވިއެވެ.

your imageމެމްބަރު އަލީ ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމުގެ ހަަތަރު ބިތުން ފެންނާން ހުރި ކަންކަމާއި, އިސްވެ ބަޔާން މިކުރި ބޭފުޅުންގެ ވާހަކަތަކުން ވެސް ގައުމުގެ ހާލަތު މިއަދު ވެއްޓިފައިވާ ހިސާބު ވަރަށް ބޮޑަށް ސާފުވެގެންދެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް މި އުޅެނީ ހިނގައި ނުގަނެވިގެން ނެވެ. ކިރުތުބުން ނުވީއްލިގެންނެވެ. ނަމަވެސް އަޑަށް ބާރުލާފައި އެހެރަ ވިދާޅުވަނީ ރައްޔިތުންގެ ވެރިކަން ކަމަށެވެ. 

އާދެ, ސަރުކާރެއް ދެމިއޮތުން ބިނާވެގެންވަނީ އެއިރެއްގައި ހުންނަވާ ވެރިއަކު ރައްޔިތުންނާމެދު އަމަލުކުރި ގޮތެއްގެ މައްޗަށެވެ. ހުދުމުހުތާރު ވެއްޖެނަމަ އެ ވެރިއެއްގެ ނިމުން އަވަސްވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް