ads
ސުކޫލް ޓީޗަރުން
މުސާރައާބެހޭ ގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުންގެ ޝަކުވާތައް!
ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑު މިހާރު އޮންނަ ގޮތުން އެތައް މައްސަލަތަކެއް ފެންމަތި ވާކަމަށާއި، މި އޮނިގަނޑުގެ ސަބަބުން މުސާރަ ދިނުމުގައި ހަމަހަމަ ކަމެއް ނޯންނަ ކަމަށް ގިނަ ޕްރިންސިޕަލުން ބުނެފިއެވެ.
Advertisement

ތައުލީމީ ދާއިރާގައި މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމަވާފައި ވާކަމަށް، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

މި ބަދަލާއި އެއްގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރަމުން އަންނަ އިރު، މި އަހަރުގެ މެއި މަހު އައު އޮނިގަނޑު އެކުލަވާލާ އެއަށް އަމަލު ކުރަން ފެށޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. 

މުސާރައިގެ އައު އޮނިގަނޑާއި ގުޅިގެން ސީއެންއެމް އާއި ވާހަކަ ދެއްކި ސުކޫލް ޕްރިނިސްޕަލުން ވަނީ، އޮނިގަނޑު އެކުލަވާލާއިރު ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިހާރުގެ އުސޫލު އޮންނަ ގޮތުން އެއްވެސް ވަރެއްގެ އިންސާފެއް ނޯންނަ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

your imageޓީޗަރުން -- ފޮޓޯ:ކޭ

މާލޭގައި ހުންނަ ސުކޫލެއްގެ ޕްރިންސިޕަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މިހާރުގެ އުސޫލު އޮންނަ ގޮތުން ސަލާމުގައި ތިބޭ ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް، ގަވައިދުން ސުކޫލަށް ހާޒިރުވެ ކަންކަމުގައި އުޅޭ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެއްވަރެއްގެ މުސާރައެއް ލިބޭ ކަމަށާއި، މިކަމުގެ ސަބަބުން ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކަށް މާޔޫސްކަން ގެނުވާ ކަމަށެވެ. 

"މިހާރުގެ އުސޫލު އޮންނަ ގޮތުން، ސަލާން ބުންޏަސް އަދި ސުކޫލަށް ނަޔަސް މުސާރަ އެބަ ދޭ ހަމަ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކާއި އެއްވަރަކަށް. މިގޮތަށް ކަންކަން އޮތުމުން ގަވައިދުން ސުކޫލަށް އައިސް ކިޔަވައިދީ، ކަންކަން ރާވާ ހިންގާ ފަރާތްތަކަށް ވެވޭ ބޭއިންސާފެއް މިއީ. އަޅުގަނޑު އުއްމީދުކުރަން އައު އޮނިގަނޑު އަންނަ އިރު މި ކަންކަމަށް ޕޭ ކޮމިޝަނުން ވިސްނަވާނެ ކަމަށް." މޭލޭގެ ސުކޫލެއްގެ ޕްރިންސިޕަލަކު ބުންޏެވެ.

މީގެ އިތުރުން ޕްރީ ސުކޫލްތަކުގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނަށް މިހާރުވެސް މުސާރާގައި ބޮޑެތި ތަފާތު ކުރުންތަކެއް ހުންނަ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީ ކުރާ މަސައްކަތް ބަލައިނުގަންނަ ކަމުގެ ހެއްކެއް ކަމަށް އެފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. 

"އަޅުގަނޑުމެން ސުކޫލްގެ ޓީޗަރުން އެ ތިބެނީ، ތުއްތު ކުދިންނަށް ކިޔަވައިދިނުމަށް ކުރަންޖެހޭ ކަންކަމާއި އަބަދުހެން ވިސްނަމުން. އެކުދިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް މި ޓީޗަރުން އެތައް މަސައްކަތެއް ކުރަމުން އެދަނީ. އެތައް ވަގުތެއް އެ ދަރިވަރުންނަށް ހުސްކޮށްގެން އެތިބެނީ. އެހެން ނަމަވެސް މުސާރަ ކޮޅު ލިބޭއިރު މި އޮންނަނީ 7500 ރުފިޔާ. މިއީ އިންސާފުވެރި ގޮތެއް ނޫން. އަލަށް ތައްޔާރު ކުރާ އޮނިގަނޑުގައި މިކަންކަމަށް ވިސްނަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން." ޕްރީ ސުކޫލެއްގެ އިސް ފަރާތަކުން ބުންޏެވެ.

މީގެ އިތުރުން "ސީއެންއެމް" އާއި ވާހަކަ ދެއްކި މާލޭގެ އެހެން ސުކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ  ބިދޭސީ ޓީޗަރުންނާއި ދިވެހި ޓީޗަރުންނާއި ދޭތެރޭ މިހާރުވެސް ވަރަށް ބޮޑު ތަފާތު ކުރުންތަކެއް އޮންނަ ކަމަށެވެ. އެގޮތުން ބިދޭސީ ޓީޗަރުންނަށް އެކޮމެޑޭޝަންއާއި ފުޑް އެލެވެންސް ދޭއިރު ދިވެހި ޓީޗަރުންނަށް އެ އެލެވެންސްތައް ނުދޭ ކަމަށެވެ. އަދި ބިދޭސީ ޓީޗަރުންނަށް ދެމުން އަންނަނީ ދިވެހި ޓީޗަރުންނަށް ވުރެ ބޮޑު މުސާރައެއް ކަމަށް ވަނީ ބުނެފައެވެ.

ތައުލީމީ ދާއިރާގައި އެތައް އަހަރެއް ދިވެހިންނަށް ހިދުމަތް ކޮށްދެއްވި، ފަރާތަކުން މިކަމާއި ގުޅިގެން ވިދާޅުވީ، ސުކޫލް ތަކުން އަދި ވަކިން ހާއްސަކޮށް ޕްރިންސިޕަލުންނާއި ޓީޗަރުން ކޮށްދެމުން އަންނަނީ އަގުހުރި ގައުމީ މަސައްކަތެއް ކަމަށާއި، ދަރިވަރުންނަށް ކަންކަން އުނގަންނައިދޭ ފަރާތްތަކާއި މެދު ޒަމާނުއްސުރެ އޮންނަ ތަފާތު ކުރުމަކީ ނައްތާލަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މިކަންކަމާއި ގުޅިގެން ވަކާލާތު ކުރާ ފަރާތްތަކަށް ބައެއް ފަހަރު ސަރުކާރު ތަކުން އެކި ކަހަލަ ފިޔަވަޅުތައް އަޅާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަކިން ހާއްސަކޮށް ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާ އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 2.3 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުގެ ގޮތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް