ނަމަވެސް ސަރުކާރާ ވާދަވެރި ފަރާތްތަކުން މިގޮތަށް ފަތުރާ އެހެން ގިނަ ވާހަކަތަކެކޭ އެއްގޮތަށް، މިވާހަކަވެސް ދޮގެއްކަން ރައްޔިތުންނަށް ސާބިތުވީއެވެ. އެތަން ހުޅުވާ، އެތަން ދިވެހި ފުލުހުންގެ ތަމްރީންގެ މައި މަރުކަޒުގެ ގޮތުގައި ގާއިމްވެގެން ދިޔުން ވީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު އިތުރު ކުރިއެރުމަކަށެވެ.
މި ސަރަހައްދުގައި ފުލުހުން ތަމްރީންކުރުމުގެ އެންމެ ގާބިލް އިންޑިއާގެ އެއް މުއައްސާސާގެވެސް އެހީތެރިކަމާއެކު އެތަން ހުޅުވިގެން ދިޔުން ވެގެންދާނީ ސަރަހައްދީ ފެންވަރުގައި ދިވެހި ފުލުހުންގެ މުއައްސަސާ ފާހަގަ ކުރެވިގެންދާނެ ފިޔަވަޅަކަށެވެ. ދިވެހިން ފިކުރު ކުރަންވީ އެތަނަށް އިންޑިއާ ސިފައިން އައިސްދާނެތީއެއް ނޫނެވެ. މިއަދު ގަބޫލުކުރަން ދަތި ނަމަވެސް ހަގީގަތަކީ އެތަނުން ތަމްރީން ވެގެން ނިކުންނަ ދިވެހި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބި، ރައްޔިތުންނަސް ހަގީގަތުގައިވެސް ހިދުމަތްދޭން ނިކުންނަ ބަޔަކަށް ވެގެންދާނެ ކަމެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމް ކުރި ފުލުހުންގެ ތަމްރީން މަރުކަޒުގައި އެންމެ ޒަމާނީ އެކޮމޮޑޭޝަން ބްލޮކްތަކާއި، އަވަސް ފަރުވާ ދޭ މަރުކަޒެއް އެބަހުއްޓެވެ. 320 މީހުންނަށް ކިޔަވައިދެވޭނެ ކްލާސް ރޫމްތައް އެބަހުއްޓެވެ. 340 މީހުންގެ އޮޑިޓޯރިއަމެއް އެބަ ހުއްޓެވެ. އެތަނުގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ޓީވީ މެދުވެރިކޮށް އާއްމުންނަށް އެތަނުގެ ފެންވަރު ރަނގަޅުކަންވެސް އެވަނީ ފެނިފައެވެ.
އައްޑޫގައި ހުޅުވި ފުލުހުންގެ މަރުކަޒާއި، މާފިލާފުށީގައި ހެދި ސިފައިންގެ މަރުކަޒަކީވެސް ހަމަ އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ތަންތަނެވެ. އެކަންކަން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. އިންޑިއާއިން ދޭ އެހީގައި މަސައްކަތްކުރާނެ ތަންތަން ކަނޑައެޅީ ހަމަ ޔާމީންގެ ސަރުކާރުންނެވެ. ޔާމީންގެ ސަޕޯޓަރުން ކިތަންމެ ނުރުހުނަސް، އަދި ޔާމީންއަށް އެކަމުގެ ކްރެޑިޓް ދޭން އެމްޑީޕީން ބޭނުން ނުވިޔަސް، ހަގީގަތަކީ މިކަންކަން ނިމިގެން މިދިޔައީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ކަމެވެ. ސަލާމަތީ ހިދުމަތްތައް ޒަމާނީ ކުރަން ޖެހޭކަން ވިސްނިވަޑައިގެން، އެކަން ކުރައްވަން އޮތް އެންމެ ފަސޭހަ އަދި އެންމެ އެކަށީގެންވާ މަގަކީ އިންޑިއާގެ އެހީތެރިކަން ހޯދުންކަމަށް ފެނިވަޑައިގެން، އެކަން ކުރެއްވީ ރައީސް ޔާމީނެވެ. ސިޔާސީ ސަބަބުތަކަށްޓަކައި އެމަނިކުފާނުގެ ވިސްނުންފުޅު މިއަދު ތަފާތު ވިޔަސް، މިހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.
އިންޑިއާއިން ކޮށްދޭ ކަމެއް އެކޮށްދެނީ ދިވެހިންނަށެވެ. އިންޑިއާ މީހުން ތިބޭކަށް މިތާކު ތަނެއް ނާޅައެވެ. މާފިލާފުށީގައި އެތިބީ ދިވެހި ސިފައިންނެވެ. އައްޑޫ ސިޓީގައި އެތިބީ ދިވެހި ފުލުހުންނެވެ. ދެން އޮތީ އުތުރު ތިލަފަޅެވެ. އެތަންވެސް އެހަދަނީ ދިވެހި ސިފައިންގެ ބޭނުމަކަށެވެ. އެތަނަކީ އިންޑިއާ ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ބަޔަކު އެބަ މަސައްކަތްކުރެއެވެ. އެހެންނަމަވެސް އާހިރުގައި އެއީވެސް ދޮގެއްކަން ސާބިތުވާނެކަމަށް ފެނެއެވެ.