މޯހިތު ބުނީ އެކުދިންނާއެކު ޝޯގެ މަސައްކަތް ކުރުމުގެ ތެރެއިން އެމީހުންނާއެކު ގާތް ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި އޭނާއަކީ ކުޑަކުދިން ދެކެ ލޯބިވާ މީހެއްކަމުން، އެހާ ގިނަ ދުވަހު އެކުދިންނާއެކު މަސައްކަތް ކުރުމަށް ފަހު ދާއިރު ވަރަށް މިސްވާނެ ކަމަށެވެ.
މޯހިތު ބުނިގޮތުގައި އިއްޔެ އޭނާ ވަނީ އެ ޝޯއަށް އެންމެ ފަހުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފަ އެވެ. އެހެންކަމުން އެ ކުދިންތައް ނުފެނި ގިނަ ދުވަސްވުމުން ވަރަށް ހަނދާންވާނެ އެވެ. އަދި އެކަމާއި ކުރިމަތިލާނީ ކިހިނެއްކަން ވެސް ނޭނގޭކަން ފާހަގަކުރަމުން މޯހިތު ވަނީ އަމައިރާ އާއި ކުލްފީ ދެކެވެސް ލޯބިވަނީ އެއްވަރަކަށް ކަމަށެވެ.
އެގޮތުން ކުލްފީ އާއި އަމައިރާގެ މައިންބަފައިންގެ ގާތު ވެސް އެކުދިން އެޑޮޕްޓްކުރާ ހިތްވާ ކަމަށް ބުނެފައިވާނެ ކަމަށް މޯހިތު ބުންޏެވެ.
މޯހިތު އިތުރަށް ބުނީ އަމައިރާ އާއި ކުލްފީއަކީ ވެސް ވަރަށް މައުސޫމް އަދި އެހާމެ ރަނގަޅު ދެކުދިން ކަމަށެވެ. އަދި އެކްޓްކުރަން ވެސް ވަރަށް މޮޅު ދެ ކުދިން ކަމަށެވެ. އަދި ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައި ވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އޭނާގެ ފަރާތުން އެކުދިންނަށް އެހީތެރިވާނެ ކަމަށް ވެސް މޯހިތު ބުނެ އެވެ.
އޭގެ އިތުރުން އެހާ ހުނަރުވެރި ދެކުދިންނާއެކު މަސައްކަތް ކުރަން ލިބުމުން ފަހުރުވެރިވާކަން ފާހަގަކުރަމުން މޯހިތު ބުނެފައި ވަނީ ދެ ކުދިންނަށް ވެސް ކާމިޔާބަށް އެދޭ ކަމަށެވެ.
އެ ޝޯގައި ވެސް މޯހިތު ފެނިގެންދަނީ ކުލްފީ އާއި އަމައިރާއާ ގާތް ގުޅުމެއް އޮންނަ ބައްޕައެއްގެ ގޮތުގަ އެވެ. މިހެންކަމުން އެ ރޯލުގައި މަސައްކަތްކޮށް ޝޯއަށް އެންމެ ފަހުގެ ޝޫޓިންތައް އޭނާ ކުރިއަށް ގެންދާތީ އެ ހަނދާންތައް މަތިން ވަރަށް ހަނދާންވާނެކަން ވެސް މޯހިތު ފާހަގަ ކުރެ އެވެ.
ދިވެހިންގެ މެދުގައި ވެސް މަގްބޫލު ކުލްފީ ޑްރާމާގައި އަމައިރާ އާއި ކުލްފީ ބޮޑުވުމަށް ފަހު އުޅޭ ދިރިއުޅުން ވަރަށް އަވަހަށް ޝޯގައި ފެންނާނެ ކަމަށް ނޫސްތަކުން ބުނެ އެވެ.