ads
ރައީސް ސޯލިހު
ޖޭއެސްސީ ބަދަލުކުރުން: "ސާދަ ލައްބައިގެ ކޮޅުގައި"!
އިސްލާހު ކުރަންވީ ޖުޑީޝަރީއެއް ނޫން، އިސްލާހު ކުރަންވީ ފަނޑިޔާރުން: ޕީޖީ ޝަމީމް
އައީ ދެކޮޅަށް އެއްވަރަށް ހަމަހަމަކޮށް އިން ތިލަފަތެއްގެ ނިޝާން ދައްކަމުން, އިންސާފާއި, އޯގާތެރިކަމުގެ މޫނުމަތި އަޅައިގެންނެވެ. ވޭތުވެދިޔަ ޒަމާންތަކުގައި އަމަލު ނުކުރެވި އޮތް ގާނޫނު އަސާސީ އާއި, ގާނޫނާއި, ގަވާއިދުތައް ތަންފީޒު ކުރުން ވަރުގަދަކޮށް, ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ހައްގުތައް އެއްވެސް އިސްތިސްނާއެއް ނެތި ހޯދައިދޭނެކަމަށް ބުނަމުންނެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައަށް ހުރި ދޮރުތައް ބަންދުކޮށް, ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދެމުންނެވެ. މިނިވަން މުއައްސަސާތަކާއި, އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމުގެ ވައުދާއިގެން ނެވެ.

އެގޮތުން އެންމެ ގަދައަށް ދެއްކެވި އެއް ވާހަކައަކީ ޖުޑީޝަރީ އިިސްލާހުކުރުމަށްޓަކައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭކަމަށް ވިދާޅުވި ވިދާޅުވުންތަކެވެ. 

your imageއެމްޑީޕީން  ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ މި ވެރިކަމުގެ އިރު އަސުރުން ތިރިވެ އޮއްސޭން ވަގުތު ކުޑަތަންވީއިރު ވެސް އެބައިމީހުންނަކަށް އެކަމެއް ކުރެވުނު ކަމަކަށް ނުވި އެވެ. އެއީ ތިމަތިމާމެން ބޭނުން ގޮތަކަށް ކަންކަން ނުކުރެވިދާނެތީ ނުފޫޒު ފޯރުވަން ބޭނުންވަނީ ހެއްޔެވެ. ނޫނީ  އިހްލާސްތެރި ހެޔޮ ނިޔަތެއް ނެތީ ހެއްޔެވެ. ސަބަބަކީ ސިއްރަކީ ކޮބައި ހެއްޔެވެ.

އެ ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. ވައުދުވެވަޑައިިގަތް ރައީސް ސޯލިހު މިހާރު ހުންނެވީ ވައުދާއި ''ސާދަ ލައްބައިގެ ކޮޅުގަ'' އެވެ. އެކަން ދާދިފަހުން ވެސް ވަނީ ހާމަވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް), ޖޭއެސްސީ އެކުލަވައިލާފައިވާ ގޮތް ބަދަލު ކުރަން ފުރަތަމަ ހުށަހެޅުއްވީ 2020 ވަނަ އަހަރުގައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ފަހަރު އެ އިސްލާހު ބޭރުކޮށްލިއެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ދެ ވަނަ ފަހަރަށް ތޯރިގު އިސްލާހު ހުށަހެޅުއްވިއިރު, އެ އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމައިލިއިރު އިސްލާހު އެޖެންޑާ ނުކުރެއެވެ. އެ އިސްލާހުގެ އިބްތިދާއީ ބަހުސް ފެށީ މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހުގައި މަޖިލީހުގައި ބޭއްވި ޖަލްސާގައެވެ.

ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތް:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް.
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް.
  • އެޓާނީ ޖެނެރަލް.
  • މަޖިލީހުގެ މެންބަރުންގެތެރެއިން ކަނޑައަޅާ މެންބަރެއް.
  • އާންމުންގެތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރެއް.
  • ވަކީލުންގެތެރެއިން އިންތިހާބުކުރާ ވަކީލެއް.
  • ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް (އުއްތަމަ ފަނޑިޔާރު ފިޔަވައި).
  • ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.

ޖޭއެސްސީގެ އޮނިގަނޑަށް ތޯރިގު ހުށަހެޅުއްވި އިސްލާހު:

  • ފަނޑިޔާރުންގެތެރެއިން ޝަރަފްވެރިކަމާއެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތުނުކުރައްވާ ބޭފުޅުންގެތެރެއިން, އެބައިމީހުން އިންތިހާބުކުރާ ބޭފުޅެއް.
  • ދިވެހިރާއްޖޭގައި ގާނޫނީވަކީލުކަން ކުރެއްވުމުގެ ހުއްދަ ލިބިލައްވާފައިވާ ވަކީލުންގެތެރެއިން, އެބައިމީހުން އިންތިހާބުކުރާ ފިރިހެން ވަކީލެއް.
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަ ލިބިލައްވާފައިވާ ވަކީލުންގެތެރެއިން, އެބައިމީހުން އިންތިހާބުކުރާ އަންހެން ވަކީލެއް.
  • ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދެއްވާ މުދައްރިސުންގެތެރެއިން އެބައިމީހުން އިންތިހާބުކުރާ މުދައްރިސެއް.
  • ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދެއްވާ މުދައްރިސުންގެތެރެއިން އެބައިމީހުން އިންތިހާބުކުރާ މުދައްރިސެއް.
  • ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރިވެނުލައްވާ ތަޖުރިބާކާރުންގެތެރެއިން އެބައިމީހުން އިންތިހާބުކުރާ ތަޖުރިބާކާރެއް.
  • ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރިވެނުލައްވާ ތަޖުރިބާކާރުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ތަޖުރިބާކާރެއް.
  • ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރިވެނުލައްވާ ތަޖުރިބާކާރުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ތަޖުރިބާކާރެއް.

ނަމަވެސް ފެބްރުއަރީ 22 ވަނަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް މަޖިލީހުން ވަނީ މި އިސްލާހު ފާސްނުކޮށް ބޭރުކޮށްލައިފަ އެވެ.

ޖޭއެސްސީއަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ:

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުހިމަނާ ގޮތަށް ތޯރިގު ހުށަހެޅުއްވި ނަމަވެސް, ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއްބާރު ކަމަށާއި, އެ މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި މަޖިލީހުގެ ރައީސް ތަމްސީލު ކުރުމަކީ އުނިކަމެއް ކަމަށެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށާއި, އެއިރަކު ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލުކުރަން މަޖިލިސް މެންބަރުން ނޫން ގޮތެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެ ތަނަށް ސިޔާސީ ބާރު ފޯރުވަންޖެހޭ މިންވަރަށް ފޯރުވުމަށް ބޭނުންތެރި ކަމެއްކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

your imageރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ އެހާ ރަނގަޅު ގޮތެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފައެވެ. އެހެނަސް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ގެ ހިޔާލު އެެއާ ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވުމަކުން މައްސަލައެއް ނެތެވެ. އަދި މަޖިލިސްގެ މެންބަރަކު އެތާ ހުންނެވުމަކުން ވެސް މައްސަލައެއް ނެތެވެ. 

"މަނިކުފާނު [ރައީސް ނަޝީދު] ބޭނުންފުޅިއްޔާ ކޮންމެ ތަނެއްގަ މަނިކުފާނު ހުންނެވިޔަސް ނުފޫޒު ފޯރުއްވެވޭނެ ފޯރުވަން ގަސްދުކުރާކަމަށްވަންޏާ. އެހެންވީމާ މަނިކުފާނު މިތާ ހުންނަވައިގެން ކޮންމެ މުއައްސަސާއަކަށް ނުފޯރުވާ ނުފޫޒެއް އެތާގާ [ޖޭއެސްސީގައި] ރައީސް ނަޝީދު އިނދެގެން ފޯރުއްވިދާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.'' 14 ފެބްރުއަރީގެ ޖަލްސާގައި ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ބިލުގެ ބަހުސް ކުރިއަށްދިޔައިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ޖޭއެސްސީން ސިޔާސީ މީހުން ބޭރުކުރުމަކީ ޖޭއެސްސީ މިނިވަންވެދާނެ ކަމެއްތޯ ސުވާލުކުރައްވާފައެވެ.

އިހްލާސްތެރި ނިޔަތެއް ހަމަ ނެތީ:

ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް އަދި ގާނޫނީ ވަކީލު މުހުތާޒު މުހުސިން ''ސީއެންއެމް'' އަށް ވިދާޅުވީ އެއްވެސް ސަރުކާރަކުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލެއް ނުކުރާނެ ކަމަށެވެ. ބަދަލު ނުކުރަނީ ޖުޑީޝަރީ ތެރެއަށް އަތް ބާނަން ބޭނުންވާތީ ކަމަށާއި, ކޮންމެވެސް އެއް ސިފައެއްގައި އަތް ބާނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވީ ސަރުކާރުގައި އޮންނަ ބާރާއި މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާއިރު, އެ ބާރު ދޫކޮށްލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ ކަމަށެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވިޔަސް ކޮންމެ ބަޔަކު ވެސް ނުފޫޒު ފޯރުވަން ބޭނުންވާ ކަމަށެވެ.

''ވާހަކަދައްކާނެ އެންމެން ވެސް. މިހާރު ވެސް ކުރީގެ ރައީސް އެ ވިދާޅުވަނީ އަޑަށް ބާރުލާފަ ތިމަންނަ ނުފޫޒެއް ނުފޯރުވަމޭ. އެކަމު ރޯމާދުވާލު އެންމެންނަށް ފެންނާނެ. އެއީ ނިޔަތް އޮތްނަމަ އެކަން ކުރައްވާފަ އޮންނާނީ. ނިޔަތް ނެތީމަ އެހެން އެވަނީ.'' މުހުތާޒު ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވީ ސިޔާސީ އޮއިވަރު މިހާރު ހުރި ގޮތުން ވެސް ކޮމްޕޮޒިޝަން ބަަދަލެއް ނުކުރާނެ ކަމަށެވެ. 

your imageކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން ޖަލުގައި ހުންނެވި ދުވަސްވަރު ކަރެކްޝަންސްގެ އޮފިސަރަކާ ދިމާލަށް ބައްލަވަނީ

''ނަޝީދު ވެސް ބޭނުންފުޅެއްނުވާނެ އެ ބާރު އެ ތާތެރޭން ނެތިގެންދާކަށް. އެ ބޭފުޅާ ވެސް ނީންނަވާ ގޮތަކަށް އެކަން ވާކަށް. ހިސާނު [ޖޭއެސްސީގެ ރައީސް] ވެސް ބޭނުމެއްނުވާނެ ހިސާނުގެ ގޮނޑި ގެއްލޭކަށް.'' މުހުތާޒު ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ''ސީއެންއެމް'' އަށް ވިދާޅުވީ ޖުޑީޝަރީ އިސްލާހު ކުރުމުގެ އިހްލާސްތެރި ނިޔަތެއް މި ސަރުކާރަކު ނެތް ކަމަށެވެ. ނިޔަތް ރަނގަޅުނަމަ ރައްޔިތުން ބަލައިގަންނަ ރަނގަޅު ޖުޑީޝަރީއެއް ރިފޯމްކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އުުޝާމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ރައީސް ސޯލިހުވެސް ޖުޑީޝަރީ އިސްލާހު ކުރަން ޖެހޭކަމަށް ވިދާޅުވި ކަމަށެވެ. އަދި ޖުޑީޝަރީ އިިސްލާހު ކުރުމަށްޓަކައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައިި ވައުދުވެ ވަޑައިގަތްކަން ވެސް އުޝާމް ފާހަގަކުރެއްވިއެވެ.

''ވެރިކަން ވެސް ލިބިއްޖެ. މަޖިލީހުގެ ސްޕަރ މެޖޯރިޓީ ވެސް ލިބިއްޖެ. ވީމަ މިހާރު އެކަން ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތް. ރައްޔިތުންނަށް ވީ ވައުދާ މިހާރު މި އޮތީ ހިލާފުވެފައި،'' އުޝާމް ވިދާޅުވިއެވެ.

your imageވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު އުޝާމް

ޖުޑީޝަރީ އިސްލާހުވުމަކީ ގޮސް ޖޭއެސްސީއަކާ ''ތަތްވެފައިި'' އޮތްކަމެއް ނޫން:

މިހާރުގެ ޕީޖީ ހުސައިން ޝަމީމް ''ސީއެންއެމް'' އަށް ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުންގެ ކަންކަން ރަނގަޅު ކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުއައްސަސާ އަކަށްވާއިރު, ކޮންމެ ބަޔަކު އެތާ ތިއްބަސް ފަނޑިޔާރުން ރަނގަޅަށް ކަންކަން ނުކޮށްފިއްޔާ ފަނޑިޔާރު ގެއެއް ރަނގަޅެއް ނުވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ ވަކި މުއްދަތެއްގެ ތެރޭ މައްސަލަތައް ނިންމަންވާނެކަމަށް ގާނޫނުގައި ބުނެފައިވާއިރު ވެސް, އެ މުއްދަތަަކަށް މައްސަލައެއް ނުއެއް ނިންމޭ ކަމަށެވެ. އެހެންވީމާ ޖޭއެސްސީ ކޮންމެ ގޮތަކަށް އޮތަސް ވެސް, ފަނޑިޔާރުން ރަނގަޅު ނުވެއެއް ފަނޑިޔާރު ގެއެއް ރަނގަޅެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

''ޖޭއެސްސީ ރަނގަޅުކުރުމުގެ ކުރިން ކުރަންޖެހޭ އެހެން ކަންތައްތަކެއް އެބަހުއްޓޭ. ޖޭއެސްސީ ކޮންމެ ގޮތަކަށް އޮތަސް. މިސާލަކަށް ޖޭއެސްސީއަށް އަބްދުއް ސައްތާރު މޫސާދީދީމެން [ ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް] ފެންވަރުގެ ފަސް ބޭފުޅުން, ދިހަ ބޭފުޅުން ލިޔަސް ވެސް, އެއީ ކްރިމިނަލް  ކޯޓުގައި އިންނަވާ ފަނޑިޔާރު މައްސަލަ ނިންމަވަނީ ހަތް އަހަރު ފަހުން ވީމަކާ ހެކިބަސްދޭކަށް ވެސް މީހަކު ނާންނާނެ. އެހެންވީމަ ފުރަތަމަ އެ ކަންކަން ރަނގަޅުކޮށްގެން ފުރަތަމަ ޖޭއެސްސީއާއި ހަމައަށްދާންވީ.'' ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޖުޑީޝަރީ އިސްލާހުވުމަކީ ޖޭއެސްސީއަކާއި ''ތަތްވެފައި'' އޮތްކަމެއް ނޫން ކަމަށާއި, އެކަން ގުޅިފައި އޮތީ ފަނޑިޔާރުންނާ ކަމަށެވެ. އަދި ޖޭއެސްސީއަށް ކޮންމެ މީހަކު ލިޔަސް ފަނޑިޔާރުން ރަނގަޅުނުވެއެއް ޖުޑިޝަރީއެއް ރަނގަޅެއްނުވާނެ ކަމަށެވެ.

your imageޕީޖީ ހުސެއިން ޝަމީމް

އުޝާމް ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ސިޔާސީ ނުފޫޒު އޮތްހާ ހިނދެއްގައި ފަނޑިޔާރުންނާއި ދޭތެރޭ ހަމަހަމަކޮށް ފިޔަވަޅު އެޅުމުގެ ފުރުސަތެއް ނެތެވެ. އަދި ފަނޑިޔާރުންނާ ދޭތެރޭ  ހަމަހަމަކޮށް ފިޔަވަޅު ނޭޅޭކަމުގައި ވަނީ ނަމަ ފަނޑިޔާރުންނެއް ވެސް އިސްލާހެއްނުވާނެއެވެ.

''ފަނޑިޔާރުން އިސްލާހުނުވާ ސަބަބަކީ ފަނޑިޔާރުންނަށް ވެސް އެބަ އެނގޭ ސިޔާސީ ގޮތުން ވަކިކޮޅެއް ނަގައިފިއްޔާމު ކޮންމެކަމެއް ކުރިޔަސް ތިމަންނާމެންނާމެދުގައި އެޅޭނެ ފިޔަވަޅެއް ނެތްކަން.'' އުޝާމް ވިދާޅުވިއެވެ.

އުޝާމް ވަނީ އެއް މައްސަލައެއްގައި ދެ ފަނޑިޔާރަކާއި ދޭތެރޭގައި ދެ ގޮތަކަށް ޖޭއެސްސީން ކަންތައްކޮށްފައި ހުރިކަން ވެސް ފާހަގަ ކުރައްވާފައެވެ.

ޖޭއެސްސީ ބަދަލުކުރާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު, އެ ވައުދާއެއްގޮތަށް ކަން ހިނގަމުންދާ މަންޒަރެއް ނުފެނެ އެވެ. މިހާރު އެކަން ވަނީ ބިލާހަކަށް ބާއްވަ އެވެ. އަތް ނުބޭނޭނެ ގޮތަކަށް ޖޭއެސްސީ ބޭއްވުމަކީ ހަމަ ނިދިނުލިބޭ ފަދަ ކަމަކަށް މިހާރު ވީ ކަހަލަ އެވެ. ނަން ވާނި ރައީސް މައުމޫން ތާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް