ads
ކުޅިވަރު ކުޅުމަށް ރާވާ ނާށިބަރި ރާވާފައި ހުންނަގޮތް——ފޮޓޯ:ފާތިމަތު މުހައްމަދު/ސީއެންއެމް
ރޯދަ ރަށްރަށުށް: މާފަރުގައި ދަމަށް ކުޅޭ ނާށި ބަރި!
ދުވާލުވެސް އަދި ރޭގަނޑުވެސް މާފަރުގައި ކުޅެ އުޅޭ ކުޅިވަރެއް
އާއްމުކޮށް މި ކުޅިވަރު ކުޅެ އުޅެނީ ތަރާވީހު ނަމާދުން ފައިބައިގެން
ނާށި ބަރި އަކީ ފުލުގައި ބައިންދާ ބޮޑު ނާޓެއްގެ މައްޗަށް ނާށި އަތުރަމުން ހަދާ ބަރިއެއް
ރޯދަ މަހަކީ އަޅުކަންތަކުގައި އަވަދިނެތި އުޅުމުގެ އިތުރުން ރަށުގެ ރައްޔިތުން އެއްބައިވެގެން އެކި ކުޅިވަރުތައް ވަރަށް ގަދައަށް ކުރިއަށް ގެންދާ މަހެކެވެ. މިހާރު މި ކަންކަން މަޑުމަޑުން އުވެމުންދިޔަ ނަމަވެސް ރަށްރަށުގައި ކޮށްއުޅުނު މިފަދަ ބައެއް ހާއްސަ ކަންކަން "ސީއެންއެމް ރޯދަ ރަށްރަށުށް" މި އެޑިޝަނުގައި މި ރޯދަމަހު ހިމަނާލަމުން ދާނަމެެވެ.
Advertisement

މި އާޓިކަލުގައި މި ބަލާލަނީ ނ. މާފަރުގައި ރޯދަމަހު ކޮށްއުޅޭ ހާއްސަ ކަންކަމުގެ ތެރެއިން ކަމަކަށެވެ. މި ރަށަކީ ޒަމާންސުރެ ރޯދަމަހުގައި އެންމެން އެއްވެގެން ނުވަތަ އާއިލާއާއެކު ރޯދަކުރުކުރުމަށް އަދި ރޯދަމަހު ހާރުދަމަށް ހޭލާ ތިބޭއިރުވެސް ތަފާތު ކުޅިވަރުތައް ކުޅެ އުޅޭ ރަށެކެވެ.

މި އާޓިކަލަށް އެ ރަށުން "ސީއެންއެމް" އާއި ވާހަކަ ދެއްކި މީހަކު ކިޔައިދިން ރޯދައަށް ހާއްސަ ބައެއް ކުޅިވަރުތަކުގެ ތެރެއިން އެންމެ ތަފާތު މަޖާ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވުނީ "ނާށި ބަރި" ކިޔާ ކުޅިވަރެކެވެ. އޭނާ ކިޔައިދިން ގޮތުން މިއީ ދުވާލުވެސް އަދި ރޭގަނޑުވެސް އެ ރަށުގައި ކުޅެ އުޅޭ ކުޅިވަރެކެވެ. ނަަމަވެސް އާއްމުކޮށް މި ކުޅިވަރު ކުޅެ އުޅެނީ ތަރާވީހު ނަމާދުން ފައިބައިގެން ތަރާވީހަށް ގޭގެއަށް ހިނގުމަށްފަހު އެވެ. ރަނގަޅަށް ކައިގެން ބަނޑުދަމާލާ ހަދާލައިގެން ހާރުދަމާއި ޖެހެންދެން ހޭލާ ތިބޭއިރު ވަރަށް ފޯރިއަށް މި ކުޅިވަރު އެރަށުގައި ކުރީގައި ކުޅެ އުޅޭ ކަމަށްވެއެވެ. މިހާރުވެސް މި ކުޅިވަރު ކުޅެ އުޅެއެެވެ. 

އޭނާ ކިޔައިދިން ގޮތުން، ކުޅިވަރު ކުޅުމަށް ފުރަތަމަ ދެ ޓީމަކަށް ބައިބަހަނީއެވެ. އެއީ ނާށިބަރި ވައްޓާލާނެ ގުރޫޕަކާއި، ނާށިބަރި ވައްޓާލީމައި އެ ނާށިބަރި އަލުން އެތުރުނަ ނުދިނުމަށް ތިބޭ ޓީމެކެވެ. މި ދެ ޓީމުގައި ވެސް މެމްބަރުން ތިބެނީ ހަމަހަމަ ކޮށެވެ. 

މި ކުޅިވަރު ކުޅުމަށް ޖަމާވަނީ ރަށުގެ ބޮޑު ހުސް ސަރަހަައްދަކަށެވެ. އެއީ މިކުޅިވަރުގައި ފަހާ ދުވެ، ބޯޅައިން ޖަހާ ނުބައި ކުރަން ޖެހޭތީއެވެ. އެންމެ ހާއްސަ ކަމަކީ މި ކުޅިވަރު ކުޅޭއިރު މުޅި ރަށުގައި ނާށިބަރި ވައްޓާލާފައި، ފިލަން ދުވާ ގުރޫޕަށް ދުވެ ވޭކަމެކެވެ. ކިތަންމެ ދުރަކަށްވެސް ދުވެވިދާނެއެވެ. ގޭގޭގައި ފިލާވެސް ތިބެވިދާނެއެވެ. ނަމަވެސް މޮޅުވާނީ ނާށިބަރި އަލުން އެތުރުމުންނެވެ. އޭގެ ކުރިން ގުރޫޕުގެ މެމްބަރުން ގައިގާ ބޯޅައިން ޖަހައި އެންމެން ކުޅިވަރުން ބޭރުކޮށްލައިފިނަމަ އަނެއް ޓީމު މޮޅުވީއެވެ.

މިކުޅިވަރަށް ތައްޔާރުވެގެން ޓީމުތައް ބަހަން ޖަމާވަނީ މި ބުނާ ހުސް ބިމަށެވެ. އަދި އެ އަންނައިރު، ގޯންޏެއްގައި ނާށިތަކެއް ގެނެއެވެ. މި ކުޅިވަރުކުޅުމަށް ނާށި ހޯދަނީ ރަށުގެ ގޭގެއިންނެވެ. ކިތަންމެ ގިނައަކުުންވެސް ނާށި ބަރި އެތުރިދާނެއެވެ. ނަމަވެސް އޭނާ ކިޔައިދިން ގޮތުން ނާށިބަރި އަތުރަން ނާށި ބޭނުން ކުރަންޖެހޭނީ ޓީމުގައި ތިބޭ މެމްބަރުންގެ އަދަދުންނެވެ.

ފުރަތަމަ ބައިބަހަން ނަގަނީ ގުރުއަތެކެވެ. އެންމެ ކުރީގައި ގުރުއަތުލުމަށް ގަހެއްގެ ފަތް ކޮޅެއް ބޭނުންކޮށް އުޅޭ ކަމަށްވެއެވެ. ނަމަވެސް ފަހުން ފަހުން އައިސް ރުފިޔާ ވެސް ބޭނުން ކޮށް އުޅެއެވެ. ފުރަތަމަ ގުރުއަތުން ބައި ނަގަން ލިބޭ މީހާ މީހަކު ނެގުމުން އަނެއް ޓީމުންވެސް އެ ކުޅިވަރު ކުޅެން އެތަނަށް އައިސްތިބި މީހުންގެ ތެރެއިން ބޭނުން މީހަކު ނަގައެެވެ. ދެން އަނެއްކާވެސް އަނެއް ޓީމުން ނަގަނީއެވެ. މިގޮތަށް ދެ ޓީމަށް މީހުން ހަމަ ކުރެއެވެ. 

ދެން ހަދަނީ ގެނައި ނާށިތަކުން ނާށިބަރިއެކެވެ. މި ނާށިބަރިއަކީ އެންމެ ފުލުގައި ބޮޑު ނާޓެއް ބައިންދާފައި މަތިމައްޗަށް ނުވެއްޓޭ ގޮތަށް ނާށި ޖަހަމުން އަތުރާލާ ބަރިއެކެވެ. ނާށިބަރި ހެދުމަށްފަހު ނާށިބަރި ކުރިމަތީ ދެ ފަރާތައް ޓީމު އެތުރެއެވެ. ނާށިބަރި ވައްޓާލާ ގުރޫޕެއްވެސް ބަލަނީ ގުރުއަތުންނެވެ. ދެ ފަރާތައް ޓީމުތައް އެރުމުން ނާށިބަރި ވައްޓާލާ ގުރޫޕުގެ އެކަކު އަތުގައި އޮންނަ ބޯޅައިން ޖަހާ ނާށިބަރި ވައްޓާލައެވެ. މި ގޮަތަށް ބޯޅަ އެއްލާ ފުރަތަމަ ފަހަރު ނާށިބަރި ނުވެއްޓިއްޖެ ނަމަ އަދި އިތުރު ދެ ފުރުސަތު އެ ބަރި ވެއްޓާލަން ދެއެވެ. ތިން ބުރުވެސް ނާށި ބަރި ނުވެއްޓިއްޖެނަމަ މޮޅުވާނީ އަނެއް ޓީމެވެ. ދެން އަލުން ކުޅިވަރު ފަށާއިރު ނާށިބަރި ވައްޓާލަން ލިބޭނީ އަނެއް ޓީމަށެވެ.

your imageފޮޓޯ: ނާށިބަރި ރޭވުމަށް ކިތަންމެ ގިނަ ނާޓެއްވެސް ބޭނުންކުރެވިދާނެ------ފާތިމަތު މުހައްމަދު/ސީއެންއެމް

ނާށިބަރި ވެއްޓާލުމަށް އިދިކޮޅު ޓީމުގެ ކުރިމައްޗަށް އަރާނީ އެންމެ މީހެކެެވެ. ދެން ތިބި ޓީމުގެ އެހެން މީހުން އެހާ އިރު ވާއިރު ފިލަންވާތަނަކަށް ތިބޭނީ ފިލައިގެންނެވެ. ނޫނީ ތިބޭނީ އަތު ނުޖެހޭ ހިސާބެއްގައެވެ. އެންމެ ނުދުވޭވޭހެން ހީވާ މީހާ ހުންނަނާނީ އެޓީމުގެ އަނެއް މެމްބަރުން ވެގެން ނާށިބަރި ރާވަންދެން ކޮންމެ ވެސް ތަނަކަށް ވަދެ ފިލައިގެންނެވެ. ބައެއް މީހުން ގަސްގަހުގެ ކުރިއަށް އަރާވެސް އޮންނަ ކަމަށްވެއެވެ.

ނާށިބަރި ވައްޓާލަން އެ އަރަނީ ޓީމުގައި ހުރި އެންމެ ގަދައަށް ދުވެވޭ މީހާއެވެ. އެއީ ނާށި ބަރި ވައްޓާލުމަށްފަހު ބޯޅަގައި ނުޖެހެން އޭނާ ދުއްވައިގަންނަން ޖެހޭތީއެވެ. އެ ބޯޅައިން ޖެހިއްޖެނަމަ އެ ހިސާބުން މުޅި ޓީމުވެސް ނުބައިވާނެއެވެ.

ނާށިބަރި ވައްޓާލުމާއިއެކު އަލުން އެބަރި ރާވަން، އިރު އިރުކޮޅުން އެކި ތަންތާ ތިބި ޓީމުގެ ކުދިން އަންނާނެއެވެ. އެއީ ބޯޅައިގެ ނުރައްކަލެއް އެ ހިސާބުގައި ނެތްކަން ޔަގީންކޮށްފައެވެ. އައިސް އެއް ނާށި ނޫނީ ދެ ނާށި ބަރިއަށް ޖަހާފައި އަނެއްކާވެސް ދުވެ ފިލާނީއެވެ. މި ކުޅިވަރު ކުޅޭއިރު، ނާށިބަރި ރޭވިއަ ނުދޭން ތިބޭ ޓީމުން ބޯޅަ ފޮރުވާވެސް ހަދައެެވެ. އެއީ ރާވަން އަންނަ ޓީމު ކުދިންނަށް އެތަނުގައި ބޯޅަައޮތްކަން ނޭންގުމަށެވެ. އެއްވެސް މީހެއް އަތުގައި ބޯޅަ ނެތިގެން ބޮދަމުން އައިސް ނާށި ބަރި އަތުރަން ގާތްވެލާއިރަށް އޮތްތާކުން ބޯޅަ ނެރި އެ ޓީމުގެ ދެން ތިބި ކުދިން ތަކުގެ ތެރެއިން ކުއްޖަކު ބޯޅަައިން ނާށިބަރި ރާވަން އިންނަ ކުއްޖާގެ ގައިގާ ޖަހާ އޭނާ ކުޅިވަރުން ބޭރުކޮށްލައެވެ. ދެން އަނެއްކާވެސް ބޯޅަ ފޮރުވާ ފާރައަށް ތިބެއެވެ. މިއީ މި ކުޅިވަރުގައި ބޭނުންކުރާ ވިސްނުންތެރި އުކުޅެކެވެ.

މި ގޮތަށް ނާށިބަރި ރާވާ ގުރޫޕުގެ އެންމެން ނުބައި ކުރެވެންދެން ނުވަތަ ނާށިބަރި ރޭވެންދެން ކުޅިވަރު ކުރިއަށް ގެންދެއެވެ. އެގޮތަށް މި ކުޅިވަރު ވަރަށް ގިނަ އިރު ވަންދެން ކުޅެ އުޅެއެވެ.

މާފަރަކީ މި ނޫނަސް ތަފާތު ކުޅިވަރުތައް ރޯދަމަހު ކުޅެއުޅޭ ރަށެކެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް މިކަންކަން ކުަރަމުން އައީ ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެގެންނެވެ. މާފަރުގައި އަދިވެސް މި ރީތި ބަދަހި ކުޅިވަރު ރަށުގެ އެކި އަވަށް އަވަށު މީހުން އެއްވެގެން ކުޅެ އުޅޭކަމަށްވެސް ވެއެވެ.

މިއީ ރަށުތެރޭގައި އެކަކު އަނެކަކުގެ ގުޅުން ބަދަހި ކޮށްލަން އަދި އެކުވެރި ކަން ބަދަހިކޮށްލަން ކުޅެން ވަރަށް ޝައުގުވެރި މަޖާ ކުޅިވަރެކެވެ.

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް