ads
މަރްހޫމް އަބްދުﷲ ހަސަން. ފޮޓޯ: އާއިލާ
ހޮޅުދޫ އަބްދުﷲ: ދަރިފުޅު "ސްޓާ ޝާ" އާއެކު ކަރުނަޔާއި އުފާވެރިކަން
ބައެއް ވަގުތުތަކަކީ އެ އަޑަކާއި ނުލައި ފުރިހަމަ ނުވާނެ ވަގުތުތަކެކެވެ. ބައެއް ކަންކަމީ އެ އަޑަކާއި ނުލައި ފުރިހަމަ ނުވާނެ ކަންކަމެވެ. އޭގެ ހެއްކަކީ އެ މޫސޫގީ އަޑުގެ ޒަރީއާއިން އެތައް ބައެއްގެ ހިތްތަކަށް ލިބިދިން ތަސައްލީ އެވެ. އެ ޖާދުވީ އަޑުގެ ސަބަބުން އެތައް ބައެއްގެ އިހްސާސްތަކާއި ކުޅެލި ކުޅެލުމެވެ.
Advertisement

އަޅުގަނޑަކީ ވެސް އޭގެތެރެއިން އެކަކެވެ. އެ އަޑުގައި ހުރި ފައްކާ ކަމާއި, ލަހުޖާގައި ހުރި ފަށުވި ގޮތުގެ ސަބަބުން އެއީ ކޮން ބޭފުޅެއްތޯ ބަލައި, އޭނާ އާ ބައްދަލުވުމުގެ ޝައުގުވެރިކަން ހިތުގައި ފިސާރި ބާރަށް ހިނގަމުންދާން ފެށީ އާ ސާސްކަފުގެ ކުރިންނެވެ. އެހެނަސް ޅަފުރާއިން ފެށިގެން އޭނާ އާ ބައްދަލުވުމަށް ކުރި މަސައްކަތުގައި "ސިއްކަ ޖެހިގެން'' ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުގަ އެވެ. އުމުރުފުޅުން 83 އަހަރުގައި އަޅުގަނޑުމެން އެންމެންގެ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވި ދުވަހު އެވެ.

your imageމަރްހޫމް އަބްދުﷲ ހަސަންގެ މަހާނަ. ފޮޓޯ: ސޯޝަލް މީޑިއާ

އަޅުގަނޑަށް މަރްހޫމް އަބްދުﷲ އާ ބައްދަލުވުމުގެ ނަސީބު ނުލިބުނު ނަމަވެސް, މިއަދު އަޅުގަނޑުގެ މަގުސަދަކަށްވީ އަންނަން އޮތް ޖީލުތަކާއި އޭނާ އާ ބައްދަލުކޮށްދޭ ''ފާލަމަކަށް'' ވުމަށެވެ. 

ހޮޅުދޫ އަބްދުﷲ ގެ ތައާރަފެއް:

ނަވާރަސަތޭކަ އަށުތިރީސް ވަނަ އަހަރު ނ. ހޮޅުދުއަށް އުުފަންވެވަޑައިގެންނެވި އަބްދުﷲ އަކީ ވެލިދޫ ކެޔޮޅު މޫސާގެ ހަސަން ކަލޭފާނާއި, ހޮޅުދޫ ފާތުމަތު މޫސާގެ ދަރިކަލެކެވެ. 

މ.ސްޓާރ, އަބްދުﷲ ހަތަރު ކައިވެންޏެއް ކުރެއްވިއިރު, އޭގެތެެރެއިން ތިން ބަނޑުން ހަތަރު ދަރިން ލިބިވަޑައިގަތެވެ. ނަމަވެސް އެންމެ ފަހުން ކައިވެނި ކުރެއްވި އާއިޝަތު އަނީސްއަށް ދަރިއަކު ލިބިވަޑައެއް ނުގަންނަވައެވެ.

އަބްދުﷲ ގެ ދޮށީ ދަރިފުޅު ޝާދިޔާ އަބްދުﷲ (ސްޓާ ޝާ) ''ސީއެންއެމް'' އަށް ދެއްވި އިންޓަވިއުއެއް ވިދާޅުވީ, ބައްޕައަށް ތިން ބަނޑުން ދަރިން ލިބިވަޑައިގެންނެވި ނަމަވެސް, އެއިން އެއްވެސް ދަރިއަކާމެދު ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށެވެ.

ސްޓާ ޝާއަކީ ކްލަބްހައުސްގައި ޝާދިޔާ ބޭނުން ކުރައްވާ ނަމެވެ. މި ލިޔުމުގައި އަޅުގަނޑު މުހާތަބު ކުރާނީ ސްޓާ ޝާގެ ނަމުންނެވެ. ސްޓާ ޝާ ވިދާޅުވިގޮތުގައި ބައްޕައަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރައްވައި, މަޑުމައިތިރިކަން އިސްކުރެއްވި ބޭފުޅެކެވެ. 

''ދުވަހަކު ވެސް މީހެއްގެ ގޯސް ވާހަކަ ބައްޕަ ދެއްކެވި އަޑެއް ނާހަން. ދެ މީހެއްގެ ދޭތެރޭގައި މައްސަލައެއް ޖެހުނަސް ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުވާ ގޮތަށް ވާހަކަ ދައްކަވާ. ބައްޕަ ބޭނުމެއް ނުވާނެ އަސްލު އެއްވެސް މީހަކު އަނެއް މީހެއްގެ ވާހަކަ އައިސް ދައްކާ އަޑުއަހާކަށް ވެސް'' ސްޓާ ޝާ ބުނުއްވިއެވެ.


އަބްދުﷲ ގެ އެންމެ ދޮށީ ކާފަ ދަރިކަލުން އަދި ސްޓާ ޝާގެ ދޮށީ ދަރިފުޅު ނައިނާ އަހްމަދު އިގްބާލް ވިދާޅުވިގޮތުގައި ކާފަ އަބަދުވެސް ހެދުން އަޅުއްވާނީ ވަރަށް ސާދާކޮށެވެ. ހަވީރު ވަގުތު ކާފަ ހިންގަވައިލަން ވެސް ވަޑައިގަންނަވާނެ ކަމަށާއި, ކާފަ އުޅުއްވީ ވަރަށް އާދައިިގެ ދިރިއުޅުމެއްކަމަށް ވެސް ނައިނާ ވިދާޅުވި އެވެ.


"ވަރަށް ސީދާ ސާދާކޮށް ޑްރެސްކޮށްފައި ވަރަށް ސްމާޓްކޮށް އެކަމު ވަރަށް ސިމްޕަލްކޮށް ޑްރެސްކޮށްފައި އަބަދު ވެސް ދަށަށް ޖަހާލާފައި ހުންނާނީ. ހިނގާލަން ވެސް ހަވީރު ދާނެ. ބުރުކައިރިއަށް ހިނގާލަން ދަނީ. އެހެން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެ އާދައިގެ ދިރިިއުޅުމަކުން ނިމިގެން ދިޔަ މީހެއް އެއީ،" ކާފަދެކެ އިންތިހާއަށް ލޯބިވާ ނައިނާ ކާފަގެ ހަނދާންތައް އާކުރަމުން ވިދާޅުވި އެވެ.

ސްޓާ ޝާ ވިދާޅުވިގޮތުގައި ބައްޕަ އެންމެ ފުރަތަމަ އުޅުއްވީ ބޯޓު ދަތުރު ކުރައްވާށެވެ. އެކަން ހުއްޓަވައިލެއްވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި އޮންނަވާން ޖެހިވަޑައިގަތުމުންކަމަށް ސްޓާ ޝާ ވިދާޅުވި އެވެ.

އަބްދުﷲ މަސައްކަތް ކުރެއްވި ތަންތަން:

ކަސްޓަމްސް.

އެޑިއުކޭޝަންގެ ނުރަސްމީ ތައުލީމުދޭ ބައި.

ދިވެހިރާއްޖޭގެ އަޑު.

އެޓޯލްސް މިނިސްޓްރީ. 65 އަހަރުވެގެން ރިޓަޔާ ކުރެއްވިއިރު ހުންނެވީ އެޓޯލްސް މިނިސްޓްރީގައި.

ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބަދުރުއްނަސީރު މީގެ ކުރިން ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އަބްދުﷲ އަކީ އަޑުން ގޮވާލި ކޮންމެ ކަމަކަށް ވަޑައިގެން ނުހަނު ހިދުމަތްތެރިކޮށް އުޅުއްވި ބޭފުޅެކެވެ. 

"އަބްދުﷲ ހަސަންއޭ ބުނީމަ ދިވެހިރާއްޖޭގެ އަޑު ހިތަށް ވަންނާނެ. ދިވެހިރާއްޖޭގެ އަޑޭ ބުނީމަ އަބްދުﷲ ހަަސަންގެ ނަން ވެސް ހިތަށް އަންނާނެ. އެހާ ވެސް ދިވެހިރާއްޖޭގެ އަޑާ ގާތްކޮށް, އެހާ ވެސް ދިވެހިރާއްޖޭގެ އަޑަށް ހިދުމަތްތެރިކޮށް އުޅުއްވި ބޭފުޅެއް އަބްދުﷲ ހަސަންއަކީ. އަޅުގަނޑުމެން ގޮވާލި ކޮންމެ ކަމަކަށް ވެސް ވަޑައިގެން ދެއްވާނެ،" އަބްދުﷲ އާއެކީގައިި މަސައްކަތް ކުރެއްވި ބަދުރު ވިދާޅުވެފައިވެއެވެ.

your imageމަރްހޫމް އަބްދު ﷲ ހަސަން. ފޮޓޯ: އާއިލާ

ލަވައާއި މަދަހައިިގެ ދުނިޔޭގައި....

''ގައުމީ ގުރާ'' ގެ ނަމުން މަޝްހޫރުވެފައިވާ އަބްދުﷲ ލަވަ ވިދާޅުވާން ފެށްޓެވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އެ ގޮތުން 2009 ވަނަ އަހަރާއި ހަމައަށް, ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި އޭނާ ވަނީ މަދަހަ އާއި ލަވައިގެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ. ފުރަތަމަ ލަވަ ވިދާޅުވާން އުޅުއްވީ ކައިރި ރަށްރަށުގަ އެވެ. އެއަށް ފަހު މާލެ ވަޑައިގެން ސިނެކޯ ރޭޑިއޯއަށް ލަވަ ރެކޯޑްކޮށް ދެއްވި އެވެ. އެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އަޑު ގުގުމާލައި, އެ އަޑުގެ ނުފޫޒު ފެތުރެން ފެށި އެވެ.

ހަތްދިހައިގެ އަހަރުތަކަށް އައިިއިރު ފެނިގެން ދިޔައީ އެ އަޑާއި ނުލައި ބައެއް ކަންކަން ފުރިހަމަވެގެން ނުދިޔަ މަންޒަރެވެ. އަބްދުﷲ ގެ ހިއްސާއެއް ނެތި ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ނުދިޔަ މަންޒަރެވެ. އެ ގޮތުން 1980 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުން ފެށި އަސާސީ ތައުލީމު ދިނުމުގެ މަޝްރޫއު ފުރިހަމަވެގެންދިޔައީ އަބްދުﷲ ގެ ނުފޫޒު ގަދަ އަޑުގެ ހިއްސާ އާ އެކީގައެވެ. 

''ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ, ފިލާވަޅު ކިޔައިދެއްވުމަށް އަންގަވާ'' މިފަދައިން ގޮވާލެއްވި ގޮވާލެއްވުމާ އެކީގައެވެ. ''ހާޔާ, ށަވިޔަނި, ނޫނާ, ރާޔާ, ބާ'' އިން އަކުރުތައް ދަސްކޮށް ދެއްވި ދަސްކޮށްދެއްވުމާ އެކީގަ އެވެ. ''ނޭނގި ނުތިބެމާހޭ, މިތުރުންނޭ އުުނގެނެމާހޭ'' ވިދާޅުވެ, ''ތިމާ އެދޭ ދިމާއަކުން ތިމާގެ ގަލަމުން ސިޓީ ލިޔެލުމަކީ ކިހާ އުފާ ލިބޭ ކަމެއްތޯ'' ކުރެއްވި ސުވާލާއި އެކީގަ އެވެ.

މީގެ އިތުރުން ''ދޮންބޭ ތެދުވޭ, ފަތިހާ މި ތެދުވޭ, ދޮންބޭ ތެދުވޭ, ފަތިހާ މި ތެދުވޭ, ވަގުތަށް ނަމާދަށް ހިނގާށޭ'' ވިދާޅުވެ, އަބްދުﷲ ވަނީ ''އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލުމަށް'' ވެސް ގޮވާލައްވާފައެވެ.

your imageމަރްހޫމް އަބްދުﷲ ހަސަން ލަވަކިޔުންތެރިންތަކަކާއެކު. 

ނުކިޔަވާ ކުއްޖާ ދާންޖެހޭނީ މަހަށޭ ބުނި ބުނުމާ ދެކޮޅަށް ތެދުވެވަޑައިގެން އަބްދުﷲ ވަނީ ''އުޅެނީ މަހާ ގޮދާ, ފުމެނީ މަހާ ގޮދާ'' އޭ ވިދާޅުވެ މަސްވެރިން ހެއްވާލަ ދެއްވާފަ އެވެ. 

އަބްދުﷲ ލަވަ ވިދާޅުނުވާ ރޮނގެއް ނެތެވެ. އެ ގޮތުން ގައުމީ ޖޯޝް އާލާ ކުރާ, ދީނީ ރޫހު އުފައްދައިދޭ, އިޝްގީ މެސެޖުތައް ލިބިދޭ އެތައް ލަވައެއް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ''ޖޯޝޭ ގެނައިމީ ގައުމީ އުފާ'' އާއި, 1948 ވަނަ އަހަރުގެ ދާހިލީ މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސި ވިލާތުން ސޮއިކުރުމާއި ގުޅިގެން ވިދާޅުވެފައިވާ ''ގައުމަށް އައި މިނިވަން ނޫރާާނީ'' ލަވަ ހިމެނެއެވެ. 

އޭގެ އިތުރުން ސުއްމުވުލް އަމީރު އަލްމަރުހޫމް މުހައްމަދު އަމީން ހެއްދެވި ''ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މި ޖާނު ދޭން'' ލަވަ އާއި, މަޝްހޫރު ޅެންވެރިޔާ, ބަގީޗާގޭ ފާތުމަތު ސައީދު އޭނާގެ ފިރިކަލުން ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރަށް ހެއްދެވި ''އަސްރު ދިޔައީ ގެއްލިގެން'' މި ލަވަ ވެސް ހިމެނެ އެވެ. 

ހަމައެހެންމެ އަބްދުﷲ ގެ އަނބިކަނބަލުން އާއިޝަތު އަނީސް އިނގިރޭސި ރާގަކަށް ހެއްދެވި ލަވަ ''ގަސްރުކުން މަލަފެވޭ ރީތި މީ'' ލަވައަކީ ވެސް ފާހަގަކޮށްލެވޭ ލަވައެކެވެ. ހަމައެއާއެކު ''ރީތި ހަނދެކޭ ނުބުނެވޭނެހޭ'' މި ލަވައަކީ އިސްވެ މި ދެންނެވި އެއް ލަވައަކަށް ވެސް ދޫނުކުރާނެ ލަވައެއްކަން ފާހަގަކޮށްލެވެ އެވެ.

ޓީވީ މޯލްޑިވްސްއިން ގެނެސްދޭ ''ހޭޔަންބޯ'' ގެ އެޕިސޯޑަކަށް ދެއްވި ބަސްދީ ގަތުމެއްގައި އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި އޭނާ އެންމެ ފުރަތަމަ ރެކޯޑް ކުރެއްވީ މަދަހައެކެވެ. ހުކުރު ނަމާދުގެ ފަހުން ރޭޑިއޯއިން އިވެމުންދިޔަ ''ނަބީ އަމީނޭ'' މަދަހަ އާއި, ރޯދަމަހު މެންދުރުފަހުގައި އަޑުން ގެނެސްދޭ ''ކީރިތި ރަސޫލާގެ ސިޔަރަތު'' އަށް ފަހު އަސުރުގެ ކުރިން އެ އޮންނަ ވަގުތުގައި އިވޭ ''މަލުން މަލުން ހާރުތައް ވީ ގަތާލާ'' ފަދަ މަދަހަތަކަކީ ގިނަ ބައެއްގެ ޝައުުގުވެރިކަން ހައިރާނީ ދަރަޖައަށް ގެންގޮސްފައިވާ މަދަހަތަކެކެވެ.

ހަމައެހެންމެ ރޯދަމަހު އެ އިވެމުންދާ ''ރޯދައޭ, ރޯދައޭ, ރޯދައޭ, ރޯދައޭ, ރޯދަމަހުގައި އެތައް ހާސް ސަވާބެއްވެޔޭ'' މަދަހަ އާއި, ''ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް'' ފަދަ މަދަަހަތަކަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ މަދަހަތަކެވެ. މީގެ އިތުރުން ވެސް މިފަދަ މިފަދަ އެތައް މަދަހައެއް އިނގޭތޯއެވެ!

ދެހާސް އެގާރައިގައި ''ހަވީރު'' ނޫހުގެ ނޫސްވެރިން އަބްދުﷲ، އަރިހަށް ޒިޔާރަތް ކުރެއްވި އެވެ. 2009 ވަނަ އަހަރު ޖެހިވަޑައިގެންނެވި ސްޓްރޯކްގެ ސަބަބުން އޭރު އަބްދުﷲ އޮންނެވީ އާލަސްކަންފުޅާ ބަލި އެނދުގަ އެވެ. އެ ދުވަހު އަބްދުﷲ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 2000 އެއްހައި ލަވަ (މަދަހަ ވެސް ހިމެނޭ ގޮތަށް) ރެކޯޑްކުރެވިފައިވާނެއެވެ. އެހެންވެއްޖިއްޔާ އަބްދުﷲ ވާނީ ރާއްޖޭގެ އެންމެ ގިނަ ލަވަ ރެކޯޑްކުރެއްވި ލަވަކިޔުންތެރިޔާ އަށެވެ. ދިވެހިރާއްޖޭގެ އަޑުގެ ލައިބްރަރީގައި ވެސް އެންމެ ގިނައީ އަބްދުﷲ ގެ މަދަހަ އެވެ. މީގެ އިތުރުން އަބްދުﷲ އަކީ މައުލޫދު ކިޔުއްވުމަށް ވެސް ކުޅަދާނަ ބޭފުޅެކެވެ. 

''އަބްދުﷲ ލަވަކިޔާއިރު މިއުޒިކެއް ބޭނުމެއް ނުވޭ އިނގޭތޯ. އަބްދުﷲ ގެ ލަވަ ފުރިހަމަ ވަނީ ވެސް އަޅުގަނޑަށް ހީވަނީ މިއުޒިކް ނެތިއްޔާހެން. ދެން އަބްދުﷲ އަށް ތައުރީފު ކުރުމުގެ  ގޮތުން އަޅުގަނޑަށް އެނގިފައި ހުރި އެއްޗެއް ދަންނަވާލާނަން. އަބްދުﷲ ލަވަކިޔުއްވާކަށް ވަކި ކަަހަލަ ލަވައެއް ވެސް ނޯވޭ. އިނގިރޭސި ރާގަށް ހަދާފައި ހުންނަ ލަވަ ވެސް އަބްދުﷲ ކިޔާލާނެ ހަމަ ވަރަށް ފަރިތަކޮށް. އެހެންވީމަ އަބްދުﷲ ގެ ވާހަކައަކީ ދައްކާ ކޮޅުންލާން އޮތް ވާހަކައެއް ނޫން އިނގޭތޯ،" މީގެ ކުރިން ބަދުރު ވިދާޅުވެފައިވެއެވެ.

އަބްދުﷲ ގެ ގާތް އެކުވެރިއެއް ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބޭ) ''ސީއެންއެމް'' އަށް ވިދާޅުވި ގޮތުގައި އަބްދުﷲ އަކީ ހިތްވަރުގަދަ ބޭފުޅެކެވެ.

"އަބްދުﷲ އަކީ އަހަރުމެން ރާގު ދައްކާފައި ލަވަ ބުނީމާ އެ އަޑު އަހައިގެން އެ ގޮތަށް ކިޔޭތޯ ބަލާނެ. ނުކިޔުނީމާ އަލުން ޖައްސައިގެން.. އެއް ރޭ ވަރަށް ދަންވަންދެން ވެސް އުުޅެން ޖެހުނު. ހިތްވަރުކޮށްފައި ކިޔެންދެން މަސައްކަތްކުރާނެ،"  ދިވެހި ބަހުގެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ ސޯދުބޭ ވިދާޅުވި އެވެ.

ހަނދާން އާކޮށްލުމެއް:

މިއީ 1996 ވަނަ އަހަރު ހޭޔަންބޯ ޕްރޮގްރާމަށް ޢަބްދުﷲ ދެއްވި ބަސްދީގަތުމުގެ ތެރެއިން ބައެކެވެ. 

ހުށަހެޅުންތެރިޔާ: މިހާތަނަށް ގާތްގަނޑަކަށް ކިތައް ލަވަ ރެކޯޯޑް ކުރެވިފައިވާނެތޯ؟

އަބްދުﷲ:  ''އެންމެ ފުރަތަމަ ރެކޯޑް ކުރީ ލަވައެއް ނޫން އިނގޭތޯ. އެންމެ ފުރަތަމަ ރެކޯޑް ކުރެވުނީ މަދަހައެއް. އަޅުގަނޑަކީ ފުރަތަމަ ފަށައިގަތް ދުވަސްވަރު ވެސް ލަވައަށް ވުރެ ގިނައިން އަޅުގަނޑަށް  ކީފައިވާނީ މަދަހަ. މަދަހަ އެންމެ ފުރަތަމަ ރެކޯޑް  ކުރެވުނު މަދަހަ ހަނދާނެއް ނެތް އިނގޭތޯ. އެއީ ދެން ތަންކޮޅެއް ކުރީ ދުވަަަސްވަރެއްގަ ރޭޑިއޯއިން ދީނީ ޕްރޮގްރާމް އިތުރު ކުރައްވާފައި މަދަހަ ކިޔުމުގެ ޕްރޮގްރާމު ހިނގަމުން ދިޔަ ދުވަސްވަރު ފުރަތަމަ މަދަހައެއް ކީ.''

ހުށަހެޅުންތެރިޔާ: އާންމު ގޮތެއްގަ އަޅުގަނޑުމެންނަށް އިވިފައި ހުރި ލަވަތަކަށް ބަލާލާއިރު އަޅުގަނޑަށް ހީވަނީ ބޮޑަށް މިހުރީ އަމިއްލަ ރާގަށް ވުރެ ތަންކޮޅެއް ހިންދީ ރާގަށް ކަންނޭނގެ އަބްދުﷲ ހަސަންގެ ގިނަ ލަވަތައް ގޮސްފައި މިހިރީ. އެކަމުގަ ކޮން ކަހަލަ ސަބަބެއްތޯ އޮތީ؟

އަބްދުﷲ: ''އެއީ އަޅުގަނޑުމެން ލަވަ ކިޔަމުން އައި ދުވަސްވަރު ވާ ގޮތަކީ ރާގު ހަދާ މީހުން ވަރަށް މަދު އިނގޭތޯ. ހަމަ ގިނައިން ހިންދީ ރާގުތައް ދަސްކޮށްގެން އެ ރާގަށް ދިވެހި ލަވަ ހަދައިގެން ކިޔަމުން އައީ. އެހެންވީމަ އަމިއްލަ ރާގު ނުކީ, އަޅުގަނޑަށް ކީފަ ނެތީ.''

ހުށަހެޅުންތެރިޔާ: ފަހަކަށް އައިސް ކުރިން ވިދާޅުނުވާ ކަހަލަ އިނގިރޭސި ރާގަކަށް އެބައޮތް ލަވައެއް ވިދާޅުވެފައި. އެއީ ކީއްވެގެންތޯ؟

އަބްދުﷲ: ''ދެން އަޅުގަނޑު ވެސް ލަވަ ކިޔަމުން އަންނަ މީހަކަށްވާތީ އާއި އެއްކޮށް އެކަން ތަރައްގީވުން އޮންނަނީ އެކިއެކި ގުރޫޕުތަކުން ލަވަ ރިކޯޑު ކުރަމުން އަންނަނީ ބައެއް ކުދިން ސިންގަޅަ ލަވަ ދިވެހިކޮށް ހަދައިގެން ކިޔާ. އިނގިރޭސި ލަވަތައް ކިޔަމުން ދޭ. އިނގިރޭސި ރާގަށް ދިވެހި ލަވަ ވެސް ހަދައިިގެން ކިޔަމުންދޭ. ދެން އެކަން ތަރައްގީވަމުން އައި ދުވަސްވަރު އަޅުގަނޑު ހަމަ ހިތަށް އެރީ އަޅުގަނޑު ވެސް އިނގިރޭސި ރާގަކަށް ދިވެހި ލަވައެއް ކިޔޭތޯ ބަލާނަމޭ. ހީކޮށް އެ ހިޔާލުގާ ތިމާވެށްޓާބެހޭ ލަވައެއް އަޅުގަނޑު އޮންނާނެ ކިޔާފައި.''

ހުށަހެޅުންތެރިޔާ: ލަވަކިޔުމުގެ މިހާ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު އަބްދުﷲ އެންމެ އުފާވި ދުވަހަކަށް ވީ ކޮން ދުވަހެއްތޯ؟

އަބްދުﷲ: ''އާދެ! ވަރަށް އަޅުގަނޑު އުފާވާކަމެއް ދިމާވި އެއީ ދިވެހި ލަވަ ކިޔަން ފެށީ އަޅުގަނޑު ވަރަށް ކުރީއްސުރެ އިނގޭތޯ. ދިވެހި ލަވައިގާ އަޅުގަނޑަށް ކީފާ ހުންނާނީ މުޅިން ވެސް ގައުމީ ލަވަ, މަދަހަ ގިނައިން. އެހެން އެވާ ގޮތަކީ ދިވެހި ލަވަކިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން އަޅުގަނޑަށް ދެއްވާފަވަނީ.  އެކަން އަޅުގަނޑަށް ލިބުނީމަ އެކަމާ ދޭތެރޭ އަޅުގަނޑު ވަރަށް އުފާކުރިން ވަރަށް. އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް އެކަމާ ގުޅިގެން ވެސް މި ލަވަކިޔުން ހުއްޓާލާކަށް އަދި ހިޔާލެއް ނުކުރަން. އަޅުގަނޑު މިހާރު ހިޔާލު ކުރަމުން މިދަނީ. އެކަމަށް އާ ލަވަތަކެއް, އާ ގޮތަކަށް ތައްޔާރުކޮށްގެން ވެސް އަޅުގަނޑަށް ލަވައެއް, އަލްބަމެއް ވެސް ތައްޔާރުކުރެވޭތޯ އިނގޭތޯ.''

ދަރިފުޅުގެ ލަވަ އަޑު އެއްސެވުމުން ބައްޕައަށްވީ ގޮތް:

ސްޓާ ޝާ ގެންދަވަނީ އޭނަގެ އަޑުން ބައްޕަގެ މަދަހަތައް ރެކޯޑު ކުރައްވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ބައްޕަގެ މަދަހަތައް ކިޔުއްވަނީ ޕްރޮފެޝަނަލީ އެ ކަންތައް ކުރައްވަންވެގެންނެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ މަދަހައެއް ކިޔުއްވަން އޭނާ ހިތަށް އެރީ, ބައްޕައަށް އާލަސްކަންފުޅު ޖެހިވަޑައިގަތް ފަހުން ދޮންމަންމަ ރަށުން ބޭރަށް ވަޑައިގަންނަވަން ޖެހިގެން ބައްޕަ ކައިރީގައި މަޑުކުރައްވައިގެން އޭނާ ހުންނެވި ދުވަސްވަރުގަ އެވެ.

އެ ދުވަސްކޮޅު ހަމަ ކުއްލިއަކަށް ހިތަށް އެރި ބައްޕައަށް ވެއްޖެއޭ އަމިއްލައަށް މަދަހައެއް ނޫނީ ލަވައެއް ނޫނީ ޅެމެއް އަމިއްލައަށް ހަދާލާފައި ބައްޕައަށް ކިޔައިދޭންވީއޭ- ސްޓާ ޝާ

މޮޅަށް ނޫނެއް ކަމަކު އެ ޅެން ވަރަށް ފަސޭހައިން ހައްދަވައިލެއްވުނުކަމަށް ސްޓާ ޝާ ވިދާޅުވި އެވެ.

ބައްޕައަށް ކިޔާލަދިނީމަ ހަމަ ރާސްލާފަ ބައްޕަގެ ލޮލުން ހަމަ ފެން ފައިބަން ފެށީ. ދެން އަޅުގަނޑު ބައްޕައާ ވަރަށް ކައިރިވެލާފައި އަހާލިން ކިހިނެއްވީހޭ. ބުނީމަ ހަމަ މަޑުމަޑުން ހަމަ ވަރަށް މަޑު އަޑަކުން ބައްޕަ ވިދާޅުވި ވަރަށް އުފާވެއްޖެ އޭ. ދެން އަދި ވެސް ވަަރަށް މަޑުމަޑުން އެއްޗެއް ވިދާޅުވީމަ ސާފުނުވެގެން އަހާލީމަ ބައްޕަ ވިދާޅުވީ ދަރިފުޅު ހާދަ މޮޅޭ. ދެން އެއީ ވަރަށް ބޮޑު ހިތްވަރެއް އަޅުގަނޑަށް ލިބުނު. ކުރިން އަޅުގަނޑު ހިއެއް ނުކުރަން ދުވަހަކު ވެސް އަޅުގަނޑަށް މަދަހައެއް ނުވަތަ ލަވައެއް އެއްޗެއް ކީދާނޭ ކަމަކަށް. އެއީ ދެން ކިޔާކަށް ވެސް ނޫޅެން. ދެން ހޫނ ހޫނ ވެސް ވަރަށް މަދުފަހަރެއްގައި އަޅުވާލެވިފައި ހުންނާނީ. ދެން ކިޔާލަން އުޅުނަސް އެއްގޮތަކަށް ނުވެސް ކިޔޭ- ސްޓާ ޝާ

ސްޓާ ޝާ ވިދާޅުވިގޮތުގައި ބައްޕަ ގާތު އެ ޅެން ކިޔުއްވީ 2017 ގައެވެ. 

''ލޮބުވެތިވި ބައްޕަޔަށް އަދު, ކުރެވޭ މިއީ ދުއާއޭ,
ރަހްމަތް ލައްވާނދޭ, ރަހްމަތް ލައްވާނދޭ'' ބައްޕަ ގާތުގައި ސްޓާ ޝާ ކިޔުއްވި ޅެމުގައިވެއެވެ.

މީގެ އިތުރުން ބައްޕަ އަވަހާރަވިފަހުން ބައްޕަގެ ހަނދާނުގައި ވެސް ސްޓާ ޝާ ވަނީ ލަވައެއް ކިޔުއްވާފައެވެ.

ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވާފައިވާ އަބުދުﷲ ހަސަން އާ ބެހޭ އެތައް ވާހަކައެއް ލިޔެ ދެއްކިދާނެ އެވެ. އޭނާގެ ގައުމީ ހިދުމަތަކީ, ހާއްސަކޮށް ލަވަ ވިދާޅުވުމަކީ އެތަކެއް ޖީލުތަކަށް ދެމިގެންދާނެ ހަނދާންތަކެކެވެ. ލަވައިގެ ދުނިޔޭގައި އެތައް ބައެއްގެ ލޯބި ހޯއްދަވާފައިވާ އަބުދުﷲ މިއަދު އަޅުގަނޑުމެންނާއި ވަކިވެފައިވީ ނަމަވެސް އޭނާގެ ހަނދާތައް އާވެ އާވެ އެބަހުއްޓެވެ. އަދި މި ރޯދަ މަހަކީ އޭނާގެ ހަނދާންތައް އިތުރަށް އާވާނެ މަހެކެވެ.

86%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް