އަލިފާން ރޯވީ ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައިކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫރި ގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާނގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިން އަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހަ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވެ މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާކަމަށެވެ. އަދި މި އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހުވެސް ވަނީ ހުޅުމާލޭ ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާއާއި ގުޅިގެން ޖުމްލަ 30 އެޕާޓްމަންޓަކުން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.