ads
ރައީސް ގައުމީ އިނާމާބެހޭ ކޮމިޓީއާއި ބައްދަލު ކުރައްވަނީ.ފޮޓޯ: ރައީސް އޮފީސް
ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން އެ އިނާމަށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ނިޔަލަށެވެ. 

އެ ފޯމާ އެކު ހުށަހަޅަން ޖެހޭ މައުލޫމާތާއި ތަކެތި ފޮނުވާނީ "ގައުމީ އިނާމާ ބެހޭ ކޮމިޓީ"އަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ. ނުވަތަ އީމެއިލް ވެސް ކުރެވޭނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.

ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައި ވަނީ މައިގަނޑު 34 ދާއިރާއަކުން ނެވެ. ގައުމީ އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީ އިންނެވެ. ގައުމީ އިނާމު، އާންމުގޮތެއްގައި ދޭނީ، އަހަރަކު އެއްފަހަރުއެވެ. ގައުމީ އިނާމު ދޭނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. 

ގައުމީ އިނާމުގައި ހިމެނޭނީ، ދެ ގިންތިއެކެވެ. އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރުދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ. 

ޤައުމީ އިނާމު ދޭނީ، އަމިއްލަގޮތުން ނުވަތަ އެހެން ފަރުދަކު ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ނުވަތަ ކުންފުންޏަކުން އިނާމަށް ހުށަހަޅައިފައިވާ ފަރާތްތަކަށާއި، ދައުލަތުގެ އިދާރާއަކުން ނުވަތަ މިނިވަން މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުންޏަކުން އިނާމަށް ހުށަހަޅައިފައިވާ ފަރާތްތަކަށެވެ. ދިވެހިރާއްޖޭގެ އިޖްޒަތުގެ ޤާނޫނުގެ ދަށުން އިއްޒަތެއް ލިބިފައިވާ މީހުން ގައުމީ އިނާމަށް ހުށަހެޅުމުން އިސްތިސްނާ ވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް