ads
ރައީސް ސޯލިހު (ވ) އަދި މިނިސްޓަރު ޝާހިދު (ކ) ---
ރައީސަށްވުރެ ފޮރިން މިނިސްޓަރުގެ ބާރު ގަދަ: އަލީ ހުސެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބާރުގަދަ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިފައި އޮތް ފޮރިން ސާވިސް ބިލަށް ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، އެކަން ފޮރިން މިނިސްޓަރު ކުރައްވަން ނުޖެހޭނެ ކަމަށެވެ. 

މިގޮތުން ދިމާވެގެން މިއުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށްވުރެ ފޮރިން މިނިސްޓަރުގެ ބާރު ގަދަވުން ކަމަށާއި. ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހާރިޖީ ސިޔާސަތާ ގުޅިގެން ނިންމާ ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ މަތިން ކަންކަން ނިންމާ ވަޒީރުން، ވަޒީރުންގެ މަޖިލީހުގައި ތިބި ކަން މި އިސްލާހުން ފެނިގެން މިދިޔައީ. ވަކި ހިސާބަކުން މި އެނގުނީ ފޮރިން ހިދުމަތުގައި ތިބި މީހުންނަށް މުސާރަ ކަނޑައެޅުމާއި، އަދަދު ކަނޑައެޅުމާއި، ހުރިހާ ކަމެއްވެސް މި އޮންނާނީ ސަރުކާރާ ބެހުމެއް ނެތި. ސަރުކާރާ މަޝްވަރާވެސް ކުރުމެއް ނެތި ފޮރިން މިނިސްޓަރު ނިންމަވާ ގޮތަކަށްކަން މި އެނގުނީ 4 މަސް ފަހުން" ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ، މިވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކޮމިޓީތަކުގައި ދެކެވުނު އިރުވެސް، އެކަންކަމަށް ރިޔާއަތް ނުކޮށް ހާރިޖީ ވަޒީރަށް މިފަދަ ބޮޑު ބާރުތަކެއް ދީފައި ފާސްކުރުމުން ވެގެންދިޔަ ގޮތްކަން މިއަދު މިއޮތީ ސާބިތު ވެފައި ކަމަށެވެ އަދި ހިތުހުރިގޮތަކަށް ރައްޔިތުންގެ ފައިސާ އާއި ދައުލަތުގެ ޓެކްސް ފައިސާ ބޭނުން ކުރެވެމުން ދިޔުން މިއީ ހަމައެކަނި ފޮރިން މިނިސްޓްރީން ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިގޮތުން ބައެއް މިނިސްޓަރުން ބޭނުންފުޅުވީމަ ކުންފުނިތައް އުފައްދާ، ބޮޑެތި މުސާރަ ދީފައި ބޯޑުތަަކަށް މީހުން އައްޔަން ކުރައްވަމުން ގެންދަވާ ކަމަށާއި، ވަޒީރުންނަށް ހިފެހެއްޓުމެއް ނެތި ބާރުތައް ނުދިނުމަށް ގާނޫނުތައް ހަދާއިރު މަޖިލީހުގެ މެމްބަރުން ވިސްނަން ޖެހޭ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. 

"ގާނޫނު އަސާސީގައި އެބައޮތް ވަޒީރުން ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް އަދި ސަރުކާރުގެ މަގާމެއް ވިޔަސް ފައިދާ ލިބޭނެ އިތުރު އެހެން އެއްވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށް. ފާޅުގައި އެ ކަން ކުރައްވަން ފުރުސަތު ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ ހުންނަވަނީ" އަލީ ހުސެއިން ވިދާޅުވިއެވެ.

މީގެއިތުރުން އަލީ ހުސެއިން ވިދާޅުވީ، 1968 ގެ ފަހުން ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާވަރަށް ބޮއްސުން ލައިގެން ގޮސްފައި އޮތް ޒަމާނެއް ނުދެކޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އެބަހުރިތޯވެސް ބައެއް ފަހަރު ސުވާލު އުފެދޭ ކަމަށެވެ. 

އެގޮތުން ޔޫއެން ތަންތަނުގައި ބޮޑެތި ވޯޓުތައް ނެގޭއިރު އެ ވޯޓުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމަށް ލާ ވޯޓެއްތޯ ނުވަތަ ފޮރިން މިނިސްޓަރުގެ ނިންމުމަށް ލާ ވޯޓެއްތޯވެސް ސުވާލު އުފެދޭ ކަމަށާއި، ގާނޫނު އަސާސީގައި ކަނޑައެޅިގެން ވަޒީރުންނަށް ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދޫކޮށްލައްވައިގެން ހުންނަވާތަން ފެންނަ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް