ads
އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރެވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުން ފައިދާވާނެ: މާރިޔާ
އެމެރިކާގެ ސްޓޭޓް ޕާޓްނަރޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖޭގެ ދިފާޢީ ދާއިރާގެ ގާބިލްކަމާއި، ހުޝިޔާރުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، މޮންޓޭނާ ނެޝަނަލް ގާޑް ސްޓޭޓް ޕާރޓްނަރޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެންޑީއެފް އިންޓަރގްރޭޓަޑް ހެޑްކުއާޓަރޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވާ މިޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވިކަމީ، ދިވެހިރާއްޖެ އާއި އެމެރިކާ ސަރުކާރާ ދެމެދު، ދިފާއީ އަދި ސަލާމަތީގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި، 2020 ވަނަ އަހަރު ސޮއިކުރި ފްރޭމްވަރކް އެގްރީމެންޓަށް އަމަަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމެރިކާ ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ މާހައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ، މިނިސްޓަރު މާރިޔާ ވިދާޅުވީ، މިޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ސަލާމަތާ ގުޅޭ ތަފާތު ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރަން މަގުފަހިވެގެންދާނެކަމަށެވެ. 

މީގެއިތުރުން މި ދާއިރާތަކުގެ ތެރޭގައި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުމާއި ލީޑާޝިޕްގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން، ސައިބާ ސެކިއުރިޓީ އާއި ކޮމިއުނިކޭޝަން ސެކިއުރިޓީ، މެރިޓައިމް ޑޮމައިން އެވެއާނަސް، އޭވިއޭޝަން ސެކިއުރިޓީ، މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިންގް، އޮޕަރޭޝަނަލް ލޮޖިސްޓިކްސް އަދި ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސް އަދި ރެސްޕޮންސް ފަދަ ދާއިރާތައް ހިމެނޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޮންޓޭނާ ނެޝަނަލް ގާޑުގެ މޭޖާ ޖެނެރަލް ޖޯން ރޮނިކްއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ ވަފްދުގެ ބޭފުޅުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދު ﷲ ޝަމާލާއި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަނާއި، ޑިރެކްޓާ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ އަލީ ޖައިޝަން އާމިރާއި ހުރިހާ ރޭންކެއްގެ ސިފައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް