އިއްޔެ މާފުށީ ޖަލުގައި ފެށިގެންދިޔަ ތަމްރީނު ކޯހަކީ ޕްރިޒަން އޮފިސަރުންގެ 29 ވަނަ ބެޗެވެ. މިއީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ހިންގާ ކޯހެކެވެ.
މި ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފެވެ.
މި ރަސްމިއްޔާތުގައި އައިކޯސްޓްގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުލް ޣަނީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި ޖަލުގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުންނާއި އީއެސްޖީގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު އަބްދުލް ވައްޙާބު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކޮމިޝަންޑް އޮފިސަރުންނާއި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ވެސް ބައިވެރިވި އެވެ.
މި ތަމުރީނު ޕްރޮގްރާމަކީ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ޕްރިޒަން އޮފިސަރުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
8 މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ޕްރިޒަން އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދެވޭނެއެވެ. އަދި މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.
15 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ކޯހުގައި 16 އަންހެން ޕްރިޒަން އޮފިސަރުންނާއި 26 ފިރެހެން ޕްރިޒަން އޮފިސަރުން ހިމެނޭހެން ޖުމްލަ 42 އޮފިސަރުން ބައިވެރިވާ ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެ އެވެ.