ads
ޖެންޑާ މިނިސްޓަރު ޝިދާތާ -- ފޮޓޯ: ވަން އޮންލައިން
ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ޒުވާނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި
އަހްމަދު ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ނުކުޅެދުންތެރިކަން ހުންނަ ޒުވާނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގ. ނީރުވީކް އަހްމަދު ހިޝާންއާ ގުޅުންހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. އެގޮތުން އެމީހާއާ ހިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށްވެސް ބަޔާނުގައިވެ އެވެ. 


އެ މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައި އިރުވެސް މައްސަލައިގައި ހިމެނޭ ޒުވާނާއަށް 18 އަހަރު ފުރިފައިވާތީ، އޭރު ޖެންޑާ މިނިސްޓްރީން އެހެން ވެސް ބޮޑެތި މީހުންނާ މެދު އަމަލުކުރާ އުސޫލުން އޭނާއާ މެދު އަމަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. 

ހިޝާންގެ ބެލުމުގައި ދަށުގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާގެ މައްސަލަ ޝަރުއީ ކޯޓަކަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައަކީ އެ ޒުވާނާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ގާނޫނީ ބެލެނިވެރިކަން ހިޝާންއާ ހަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. 

މިބަޔާނުގައި ބުނެފައިވަނީ އޭރު ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން އެ މިނިސްޓްރީން އެ މައްސަލައިގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާގެ ސިއްހީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ހަދާފައި ނުވާ ކަމަށެވެ. ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އެ ޒުވާނާ އަކީ "އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ސިއްހީ އަދި އެހެނިހެން މައުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ މިނިސްޓްރީގެ ފަރާތުން އޭނާއާ މެދު އަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށް" ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

ދެހާސް އަށާރަ ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވި ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދެވޭ، އެ މީހެއްގެ އަމިއްލަ ކަންކަން އަމިއްލަ އިހުތިޔާރުގައި ނިންމުމާއި އެފަދަ އެންމެހައި ހައްގުތަކާއި މިނިވަންކަން މިއަދާ ހަމައަށް ވެސް އޭނާއަށް އޮތީ ލިބިދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ. 

"އޭނާގެ މަންމަ ވެސް ހިމެނޭ ގޮތަށް އާއިލާގެ ރުހުމާއެކު އޭނާގެ އަމިއްލަ އިހުތިޔާރުގައި ދިރިއުޅެމުން އަންނަނީ ހިޝާން ދިރިއުޅޭ އެޕާޓްމަންޓުގަ އެވެ." މިމަހު 22 އަހަރުވާ ޒުވާނާއާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

މިބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހު ހިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަން
ފަށާފައިވާތީއާއި ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ހާލަތާ ގުޅޭގޮތުން މި މިނިސްޓްރީގައި އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އޭނާއަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ ތަހުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި މި ވަގުތު އޭނާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ސަރުކާރުގެ ސިޔާސަތަކީ ކުރީއްސުރެ ހިނގަމުން އަންނަ މިފަދަ މައްސަލަތަކާ ގުޅޭ ގޮތުން ކުރިން ނިންމައިފައިވާ ނިންމުންތަކުގެ ސަބަބުން ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ނުވަތަ ހައްގަކަށް އުނިކަން ލިބޭކަން ފާހަގަކުރެވޭނަމަ، އެ މައްސަލައެއް އަލުން މުރާޖާކޮށް އިތުރަށް އަޅަންވާ ފިޔަވަޅެއް އޮތްނަމަ ލަސްނުކޮށް އެ ފިޔަވަޅެއް އެޅުން ކަމުގައި ވެސް މި ފުރުސަތުގައި ދެންނެވީމެވެ" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް