ads
ފްލައިން ސްކޫލަށް މޯލްޑިވިއަނުން ގެނައި ފުރަތަމަ ބޯޓު -- ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ ބޯޓުތައް ގެނައުން ލަސްވެ، ދަރިވަރުން އުދުހުން ފަސްވެއްޖެ!
ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވްސް އޭވިއޭޝަން އެކަޑެމީއަށް ގެންނަ ބައެއް ބޯޓުތައް ގެނައުމުގައި ލަސްތަކެއް ދިމާވެ، ދަރިވަރުންގެ ފްލައިން ސެޝަންތައް ފަސްކޮށްފިއެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، ބޯޓުތައް ރާއްޖެ ގެނައުމަށް ލަސްތަކެއް ދިމާވީ ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ކަމަށާއި، ކުރިންވެސް ބޯޓުތައް ގެނައުމަށް ލަސްތަކެއް ދިމާވެދާނެކަން ލަފާކުރެވުނު ކަމަށެވެ. 

ނަމަވެސް، ބޯޓުތައް މިއަދު ސްރީލަންކާ ބަނދަރަށް ގެނެވިފައިވާކަން ފާހަގަކުރައްވާ ޖެނިފާ ވިދާޅުވީ، މި މަހުގެ 11 ދުވަހު އެ ބޯޓުތައް ރާއްޖެ ގެނެވި، 15 ވަނަ ދުވަހު އައްޑޫއަށް ފޮނުވާލެވޭނެ ކަމަށެވެ. އަދި ދަރިވަރުންގެ ފްލައިން ސެޝަންތައް މި މަހުގެ 28 ވަނަ ދުވަހު ފެށޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

"މޯލްޑިވްސް އެވިއޭޝަން އެކަޑަމީއަށް ގެންނަ ތިން ބޯޓެއް މިވަގުތު އޮތީ ސްރީލަންކާ ބަނދަރުގައި. އެ ބޯޓުތައް މި މަހުގެ 11 ގައި ރާއްޖެ ގެނެސް، 15 ވަނަ ދުވަހު އައްޑޫއަށް ފޮނުވާލެވޭނެ. ސްރީލަންކާގައި ހިނގާ ކަންކަމުން ބޯޓު ގެނައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ. ބޯޓު ގެނައުމަށް ލަސްވީ ރަޝިއާ އާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން" އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ ވިދާޅުވިއެވެ.

ކުރިން ބެލެވިފައި އޮތީ އައްޑޫގައި ހިންގާ މި ފްލައިން ސްކޫލަށް ހުސްވި މަހުގެ 29 ވަނަ ދުވަހު ބޯޓުތައް ގެނެއުމަށް ކަމަށްވާއިރު، ދަރިވަރުންގެ ފްލައިން ސެޝަންތައް ފެއްޓުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ. 

މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާއެކު ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. 

ރިފްރެޝާ ޕްރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި 10 ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދާއިރު، ތިއަރީ ބައިތައް ކުރިއަށް ގެންދާނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަހުގަ އެވެ. އަދި ފްލައިން ކުރިއަށް ގެންދާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ފުރަތަމަ ބޯޓު މިދިޔަ މަހު އައްޑޫ އަށް ގެންގޮސްފައިވާއިރު، އައްޑޫގައި ކުރިން ފްލައިން ސްކޫލު ހިންގި އެކެޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން ބޭނުންކުރި ދެ ބޯޓެއްވެސް މޯލްޑިވްސް އޭވިއޭޝަން އެކެޑަމީ އަށް ވަނީ ގަނެފަ އެވެ.

މިއާއެކު، މޯލްޑިވްސް އެވިއޭޝަން އެކަޑަމީގެ ފްލައިން ސެޝަންތައް ހިންގާނީ ޖުމްލަ ހަ ބޯޓާއެކުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް