ރިޕޯޓުތައް ބުނާގޮތުން މެޑިޓްރޭނިއަން ކަނޑާއި އެތައް ސަތޭކަ މޭލު އުތުރުން ހެދެމުންދާ މި އޯކިޑްތަކަށް މީޓަރެއްހާ ދިގުވެއެވެ.
އޮކްސްފޯޑްޝަޔާގެ ޑިޑްކޯޓް ކައިރީގައި އޮންނަ ވިނަގަނޑުތަކެއްގެ ތެރެެއިން މި ގަސްތައް ފެނިފައިވަނީ، އުމުރުން 29 އަހަރުގެ ޓްރެއިނީ ނަރުހެއް ކަމަށްވާ ހަމްޒާ ނޯބެސްއަށެވެ. ނަމަވެސް އެ އޯކިޑްތައް ހެދެމުންދާ ސީދާ ސަރަހައްދު އޭނާ ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.
ހިނގާލަން ނުކުމެ އުޅުނު ނޯބްސް ގާތްގަނޑަކަށް ފަސް މީޓަރު ދުރުން ފިޔާތޮށި ކުލައިގެ މާތަކެއް ފެނި އޭނާ ފުރަތަމަ ހީކުރީ އެއީ ބަޓަބާ ގަހެއް ކަމަށެވެ. ނަމަވެސް ޔަގީންކޮށްލަން ވިނަގަނޑު ތަކާއި ކައިރި ވުމުން އޭނާ އަށް އަސްލު ފެނުނީ ކޯއްޗެއްކަން އެނގިގެން ދިޔައެވެ. ފޮނި ވަހެއް ދުވާ މި އޯކިޑްގެ ސްޓެމްގައި ދަނބު-ރަތް ކުލައަކަށްދާ ބައިވަރު މާ ހުރެއެވެ. އަދި މި އޯކިޑްގެ ފަތްތައް ފުޅާވެފައި ވިދުމެއް ހުރެއެވެ.
އާންމު ގޮތެއްގައި ޔޫރަޕުގެ ދެކުނުން އަދި މެދުތެރެއިން ފެންނަ މި ޖަޔަންޓް އޯކިޑްތައް އުތުރުން ފެންނަން ފަށާފައި މިވަނީ މޫސުން ހޫނު ވުމާއި ގުޅިގެންނެއެވެ. މީގެ ސަބަބުން މި ގަސްތައް ފްރާންސްގެ އުތުރުގަ އާއި ނެދަލޭންޑްސްގައި ހެދުމުގެ ގާބިލުކަން ހުރިކަން ރެކޯޑްތަކުން ދައްކައެވެ.
މި ގަސްތައް އައިސްފައިވަނީ ގުދުރަތީ ގޮތުން ކަމަށް ނުބެލެވޭ އިރު، އެކޯލަޖިސްޓުން ލަފާކުރާ ގޮތުގައި މިއީ އެމީހުން މިފަދަ ގަސްތައް އެކިތަންތަނުގައި ފެޅުވުމަށް ކުރިމަސައްކަތުގެ ތެރެއިން މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން މީހަކު މި ގަހުގެ އޮށްތައް އުކާލާފައި ހުރުމުން ފެޅި ގަސްތަކެއް ކަމަށް ބެލެވެއެވެ. ބެލެވޭ ގޮތުގައި މި ބާވަތްތައް ނެދަލެންޑްސްއާ ހަމައަށް ވެސް ދިޔައީ މިގޮތަށެވެ. މި ދެ ދިމާލުގައިވެސް މި ގަސްތައް އުފެދިފައިވާ އިރު މިހާރު މި ގަސްތައް ދަނީ އާލާވަމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މި ގަސްތައް ޔޫކޭއިން ފެނިފައިވެއެވެ. ނަމަވެސް ފަހުން މި ގަސްތައް ގެއްލިފައިވާއިރު، ގަސްތައް ފެނިފައިވާ ކަމުގެ ރަސްމީ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ. މިއަހަރު ހޫނު މޫސުމުން ފައިދާ ހޯދާ މި އޮކިޑްތަކުގެ މާ އަޅާ ނުވަ ގަސް އެބަހުއްޓެވެ. އަދި މާ ނާޅާ ގަސްތަކުގެ 10 ގަސް ހުރި އިރު އެންމެ ދިގު ގަހުގައި 30 ސެންޓިމީޓަރު ހުރެއެެވެ.
ބޮޓޭނިކަލް ސޮސައިޓީ އޮފް ބްރިޓަން އެންޑް އަޔަލެންޑްގައި ލޯކަލް ރިކޯޑްތައް ބަލަހައްޓާ މީހުންގެ ނެޓްވޯކެއް އޮންނަ އިރު، މި ފެނުނު ބޮޑު އޯކިޑްތައް އެމީހުންގެ ސަމާލުކަމަށް ގެނެސްފައިވެއެެވެ. މިފަދަ ބޮޑު އޯކިޑް ތަކަކީ އެ ގަސްތައް އުފެދިފައިވާ ތަން ނޫން އެހެން ތަންތަނުގައި ހެދޭ ގަހަކަށް ވުމުން އެ ގަހަށް ލިބެން ޖެހޭ ފުރިހަމަ ރައްކާތެރިކަމެއް ނުލިބެއެވެ.
އޯކިޑްއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މިހާރު ދަނީ މި ބޮޑު އޯކިޑްތައް ފެނުނު ތަނުގެ ވެރިފަރާތާ މުއާމަލާތްކޮށް، އެ ތަން ހިމާޔަތް ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ މަޝްވަރާ ކުރަމުންނެވެ.