ads
ފޮޓޯ: ރައީސް އޮފީސް
ބަންގްލަދޭޝްގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއާ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
Advertisement

ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އާއި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން ދެ ގައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކޮވިޑް-19ގެ ވެކްސިންދިނުމުގެ ކަންކަމާއި މީހުން ބިނާކުރުމާއި ސިއްހީ ދާއިރާ ތަރައްގީކުރުމާއި އަދި ތައުލީމީ ދާއިރާއާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެއްބާރުލުންފަދަ ދެ ގައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވައި ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކުގައި ހިއްސާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވައި، ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ސަފީރު ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ސޯލިހު އަދި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ގައުމުގެ ޒަމާންވީ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް