ads
މާލެ ސިޓީ
މާލެސިޓީ ކައުންސިލް މުވައްޒަފަކު ދިނީ އިންޒާރު! ފުލުހުން މައްސަލަ ނުބެލި!
މާލެ ސިޓީކައުނސިލްގައި މަސައްކަތް ކުރާ މުވައްޒަފަކު އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އިންޒާރު ދީފައިވާތީ، އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުންވެސް ބަލައިނުގަތް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް މަސައްކަތްކުރަމުންދާ އައިމަން ލަތީފްއަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ބިރުދައްކާ، އިންޒާރުދީފައިވާ ކަމަށެވެ. 

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި ލޭންޑްލައިންތައް ޗެކްކޮށް އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލަން މިހާރު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އެކަން އެނގިފައިވަނީ އެބޭފުޅުން (އެޖަމިއްޔާ) އިން ކުރި ޓުވީޓަކުންކަމަށް މޭޔަރު ވިދާޅުވިއެވެ. 

އެސޯސިއޭޝަން ފޯ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ ނޭޝަނަލް ޑެމޮކްރެޓިކް އިންސްޓިޓިއުޓްއާ ގުޅިގެން ހިންގަމުންދާ 'އާރު.ޓީ.އައި 37' މަޝްރޫއުގައި މަސައްކަތްކުރާ އައިމަން ލަތީފްއަށް މާލެ ސިޓީ ކައުންސިލްގެ ފޯނު ނަންބަރަކުން ފޯނުކޮށް، އެ ކައުންސިލުގެ މުވައްޒަފަކު ވަނީ 6 އޭޕްރީލް 2022 ވީ ބުދަ ދުވަހުގައި އިންޒާރުދީ، ބިރުދައްކާފައި ކަމަށެވެ. އެ ފޯނުކޯލަކީ މައުލޫމާތު ހޯދާ، ލިބިގަތުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް އާއްމުކުރަންޖެހޭ މައުލޫމާތު ފުރިހަމައަށް އާއްމުކޮށްފައި ނުވާތީ އެ މައުލޫމާތު ހޯދުމަށް އެދި މާލެ ސިޓީ ކައުންސިލަށް ހުށައެޅުމުން ލިބުނު ކޯލެއްކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. 

އިންޒާރާއި ބިރުދެއްކުމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅުމުން ޕޮލިސް ސަރވިސްއިން ބުނެފައިވަނީ އެމައްސަލައަކީ ފުލުހުންނަށް ތަހުގީގުކުރެވޭވަރަށް ހެކި ހުރި މައްސަލައެއް ނޫންކަމަށާއި، މައްސަލަ ހުށައަޅަންވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ކަމަށް، ބުނެފައިވާ ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށް އެޖަމްއިއްޔާއިން ގޮވާލާފައި ވެއެވެ. އަދި ތަހުގީގު ނުކުރެވޭނެކަމަށް މައުލޫމާތު ދީފައިވާ ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށައެޅުމާއެކު ލަސްނުކޮށް ބެލުމަށް ވެސް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ނަފުރަތުގެ ކުށާއި، މީހުންނަށް އިންޒާރު ދިނުމާއި ބިރުދެއްކުމަކީ ދިވެހިރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް އޮތް މައްސަލައެއް ކަމަށާއި، އަދި އެ އަމަލުތަކަކީ އެފަދަ ކުށްތަކަށް އަރައިގަތުމަށް މީހުންނަށް ލިބޭ ހިތްވަރެއް ކަމަށެވެ. ވީމާ މިކަމަށް ސަމާލުވެ، އެކަކު އަނެކަކަށް އިންޒާރުދީ، ބިރުދެއްކުމަކީ ދައުލަތުގެ އަދި އަމިއްލަ އެންމެހާ މުއައްސަސާތަކުންވެސް އެއްގޮތަކަށްވެސް ބަލައިނުގަންގާނެ އަމަލުތަކެއްކަން ދައްކައިދިނުމަށް މިޖަމްއިއްޔާއިން ވަނީ ގޮވާލައިފައެވެ.

އިތުރަށް އެޖަމިއްޔާއިން ބުނީ މީހުންނަށް އިންޒާރުދީ، ބިރުދެއްކުމަކީ ގާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ކުށެއް ކަމަށާއި، އަދި ފާއިތުވީ އަހަރުތަކުގައި މީހުންނަށް ބިރުދެއްކުމުގެ މައްސަލަތައް ނުބެލި ދިއުމަކީ ބިރުދެއްކުން އަމާޒުވެފައިވާ މީހުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާއާއި ޒަހަމްތައް ލިބުމަށް މަގުފަހިކޮށްފައިވާ ކަމެއްކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް