ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ކަނޑައެޅި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސެއް ކަމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްގެ މިލްކުގެ ތެރޭގައި ހިމެނޭ ތަންތަން ކަން އެނގެން އޮންނަ ކަމަށް އެ އޮފީހުން ބުނެ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅީ މި ސަބަބުތައް މިގޮތައް ހުންނާތީ ކަމަށެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާ ވާހަކައަކީ ވަރަށް ޒަމާންވީ ބާ ވާހަކައެވެ. މަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށަށް ކަންކަން ނުވާ ވާހަކައާއި އެކަން އެގޮތަށް އޮވެގެން ނުވާނެކަމަށް ބަޔަކު އަބަދުވެސް ވަކާލާތު ކުރެއެވެ. އެކަމަކު އެވިސްނުން ގެންގުޅެނީ ކިހާ ބަޔަކު ބާވައެވެ. މަތީގައި މިގެނެވުނީ ހައިކޯޓުން ކޮށްފައިވާ ހުކުމެއްގެ ވާހަކައެވެ. އެހުކުމާ ނުރުހޭތީ އެއޮތީ އިސްތިއުނާފަށް ހުށަހަޅާފައެވެ. ހުކުމްތައް ކުރާނީވެސް ގާނޫނު ތަކަށް ބަލައިގެންނެވެ. އެހެން ކަމަށްވާނަމަ ގާނޫނުތަކުން ހަގީގީ ސިފައެއްގައި ލާމަރުކަޒީ ކުރެވިއްޖެ ހެއްޔެވެ؟ ޝައްކެއް ނެތް މިންވަރަށް އެކަން ކުރެވިއްޖެ ބާވައެވެ. ނޫނީ ހިންގަން ތިބި މީހުން މިކަން ކުރަން ބޭނުން ނުވަނީ ހެއްޔެވެ؟
"ގާނޫނުތަކުންނާއި ގާނޫނު އަސާސީން ލިބިދޭ ބާރުތައް އަދިވެސް އޮތީ ހިފެހެއްޓިފައި . އެބާރުތަކެއް ރަށްރަށަށް ލިބިގެނެއް ނުދޭ. އެބާރުތައް ރަށްރަށަށް ދޫކޮށްލަން ޖެހޭ . އޭރުން ރަނގަޅު ބަދަލުތަކެއް ފެންނާނީ" ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަންއެހެން އޮތުމުގެ ސަބަބުން އޭރަކު ވެރިޔަކަށް ހުންނަ މީހަކު ބޭނުންވާ ގޮތަށް ކަންކަން ނިންމަމުން ގެންދިއުމުގެ ބާރު އެމީހަކަށް ލިބިގެންދާކަމަށެވެ. އެހެން ކަމުން އެ ފުރުސަތުގެ ބޭނުން ކޮންމެ މީހަކު ވެސް ހިފާނެ ކަމަށެވެ. އެކަން އެގޮތަށް އޮތުން ބަދަލުކޮށް ސަރަހައްދީ ތަރައްގީގެ ޕްލޭން ތަކެއް ހެދުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ތެދެކެވެ. އެކަން އޮތީ އަދިvވެސް އެހެންނެވެ. ބާރުތައް އޮތީ އަދިވެސް ބަހާ ނުލެވި އެވެ. ލާމަރުކަޒު ކުރުމުގައި ސިޔާސީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، އިދާރީ ގޮތުންނާއި އަދި މިނޫން ކަންކަމަށް ބަލަ އެވެ. އަދި މީގެ ތެރެއިން ބައެއް ކަންކަން ލާމަރުކަޒު ކޮށް އަނެއްބައި ކަންކަން ހިފަހައްޓާފައިވެސް ބައެއް ގައުމުތަކުގައި ހުރެ އެވެ. ލާމަރުކަޒީ ކުރުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި މަރުކަޒީ ސަރުކާރުގައި ހުރި ބާރުތައް އެހެނިހެން ސަރަހައްދުތަކަށް ބަދަލު ކުރުމެވެ. ކުރުކޮށް ބުނާ ނަމަ ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭ ގޮތް ހެދުމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ސީނާ އަހްމަދު ޒާހިރު ސީއެންއެމް އަށް ވިދާޅުވީ ފައިސާއާއި އެކު ހުރިހާ ބާރުތައް ރަށްރަށަށް ދޫކޮށްލުމަކީ ދެކެވަޑައިގަންނަވާ ގޮތެއް ނޫންކަމަށެވެ. އެހެން ނަމަވެސް ބައެއް ކަންކަން ދޫކޮށްލައި، މަރުކަޒީ ސަރުކާރުން ވެސް ކުަރަންޖެހޭ ނުވަތަ ބަލަންޖެހޭ ކަންކަން ވެސް ހުންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"މިސާލަކަށް ރަށެއްގެ ނެރެއް ހަދާނެތަން ކަނޑައެޅިދާނެ ކައުންސިލަށް . އެކަމަކު އެކަމުގެ ސައިންޓިފިކް ކަންކަން ބަލާނެ ބަޔަކު ތިބެންޖެހޭނެ . އެކަން ބަލަހައްޓަން ޖެހޭނީ މައި ސަރުކާރުން" ޒާހިރު ވިދާޅުވި އެވެ.
ހަގީގީ މާނައިގައި ލާ މަރުކަޒީ ސަރުކާރެއް ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަނީ މިސަރުކާރުންނެވެ. މިސަރުކާރު އައީ ވެސް އެމަސައްކަތް ކުރުމަށްޓަކަ އެވެ. އެއީ މުހިއްމު އެއް ވާހަކައެވެ. ނަމަވެސް އެކަން އެހާ ގަދައަށް ހިނގާ ތަނެއް ނުފެނެ އެވެ. ފެންނަނީ އަދިވެސް ބާރުތައް ޖަމާކޮށް އެބާރުތައް ބޭނުން ކުރާ މަންޒަރެވެ. ބާރުތައް ޒާހިރު އެވިދާޅުވި މިންވަރަށް ވެސް ބެހިގެންދާ ތަނެއް ނުފެނެ އެވެ.
އެހެން ނަމަވެސް ރިޔާސީ ކެމްޕޭންގައި ރައީސް ސޯލިހް ވިދާޅުވީ އަތުގައި ބާރުތައް ހިފަހަށްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އެމްޑީޕީގެ އެބައޮތް ކަމަށާއި އެއީ އޮތް ނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތަށް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރަށްޔިތުންނަށް ދޫކޮށްލުން ކަމަށެވެ.
ރައީސް އެވިދާޅުވީ ރަނގަޅަށެވެ. އެކަން ހަމަ ކުރެވޭނީ އެގޮތަށެވެ. ރައްޔިތުންނަށް ބާރުތައް ދޫކޮށްލައިގެން މެނުވީ ރަނގަޅު ހެޔޮ ވެރިކަމެއް ނުކުރެވޭނެ އެވެ. އެކަމަކު ދޫކޮށްލާނީ ކޮން ހިސާބަކުން ހެއްޔެވެ؟ މިވެރިކަމަކީ ބާރުތައް ދޫކުރުމަށްޓަކައި އައި ވެރިކަމެވެ. ވެރިކަމުގެ ތިން އަހަރު ނިމި ދިޔައީއެވެ.
ރައީސް ވިދާޅުވީ އަތޮޅުތަކާއި ރަށްތަަކަށް ބާރުލިބިދޭ ވާހަކަ މަޖިލީހުގެ ތެރޭގައި ދެކެވުނުއިރު، އެޔާ ދެކޮޅަށް ހުރި އޮއިވަރު އެމަނިކުފާނު ދެކެވަޑައިގަތް ކަމަށެވެ. އޭރު އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއިއެކީ ކުރާ ވެރިކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ ނިޒާމް ލާހިކުވެ ފައްކާ ވުމަށްޓަކައި އެންމެ ފުރަތަމަ މިކަމަށް ރުހި ގަބޫލްވެ ދަސްވި އަހުލުވެރިވާން ޖެހޭ ކަމަށާއި އެމްޑީޕީއަކީ އެމީހުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
މިއީ ރައީސް ސޯލިހުގެ ވާހަކަ ފުޅެވެ. ރައީސް ވިދާޅުވަނީ މަޖިލީހުގެ މެޖޯރިޓީ އޮތީ ވެސް އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ. ކަމެއް ބަދަލު ކޮށްލުމަށްޓަކައި ބޭނުންވާނީ މަޖިލީހާއި ރައީސް އެވެ. ދިވެހި ވެށީގައި ކަންހިނގާ ގޮތަށް ބަލާއިރު އެވެ. އެހެން ކަމަށްވާ ނަމަ ލާމަރުކަޒީ ބާރުތައް އޭގެ ހަގީގީ މާނައިގައި ނުދެވޭންވީ ސަބަބެއް މިހާރަކު ނެތެވެ. އެކަމަށްޓަކައި އެންމެ ބޮޑަށް ވަކާލާތު ކުރަނީ ވެސް އެމްޑީޕީންނެވެ. ރައީސް ސޯލިހަކީ އެމްޑީޕީގެ އެންމެ އިސް ވެރިޔާއެވެ.
ސިޔާސީ ތަޖްރިބާކާރުން ބުނާ ގޮތުގައި ލާމަރުކަޒު ކުރުމުން ލިބޭ ގެއްލުމަށްވުރެ ގިނަ ފަހަރަށް ބޮޑީ ފައިދާއެވެ. އެކަމަކު ރައީސް ވިދާޅުވާހެން އެކަމަށް ތައްޔާރުވުމުމާއި އަހުލުވެރި ވުމަކީ މުހިއްމު ކަމެކެވެ. ކަންކަން ފުރިހަމަ ނުވެ ހުރި ވަރަކަށް ލިބޭ ގެއްލުން ބޮޑުވެގެން ހިނގައިދާނެ އެވެ.
ކުއްލިއަކަށް ބާރުތަކެއް ދޫކޮށްލުމުންވެސް ލިބޭ ގެއްލުން ތަކެއް ހުރެދާނެއެވެ. އެކަމަކު އެކަން ނުކޮށް ތިބެގެން ލިބޭ ގެއްލުމަށް ވުރެ އެކަން ކުރުމުން ލިބޭ ގެއްލުން ކުޑަކަމަށް ވާނަމަ ނުކުރަން ޖެހޭ ސަބަބެއް ނެތެވެ. ބާރުތައް ދޫކުރަންވީ އެވެ. އެކަންކުރަން ޖެހެނީ މޮހޮނަށް އޮޑި ދިން އުސޫލަކުން ނޫނެވެ.