ads
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން
ޕާކިސްތާންގެ އާ ބޮޑުވަޒީރަކަށް ދެން އައްޔަން ކުރާނީ ކޮން ބޭފުޅެއް؟
ރޭ ދަންވަރުގެ ވަގުތެއްގައި އިދިކޮޅު ޕާޓީތަކުން ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަށް ވެއްދި ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓުގައި 174 މެމްބަރުންގެ ވޯޓާއިއެކު އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. މިއީ 342 މެމްބަރުން ތިއްބަވާ އެމަޖިލީހުގައި ބޮޑުވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ބޭނުންވާ 172 ވޯޓަށް ވުރެވެސް ގިނަ އަދަދެކެވެ. އަދި މިއީ ޕާކިސްތާންގެ ތާރީހުގައިވެސް ބޮޑުވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓާއިއެކު މަގާމުން ދުރުވެގެންދިޔަ ފުރަތަމަ ބޮޑު ވަޒީރެވެ.

އާ ބޮޑުވަޒީރަކު އައްޔަންކުރުމަށް މާދަމާ މަޖިލީހުގެ ތަޅުމުގައި އަލުން ވޯޓެއް ނެގުމަށް މިއަދުގެ 11ގެ ކުރިން ނަންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، އެގައުމުގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދެން އެމަގާމަށް އައްޔަން ކުރެވިގެންދާނީ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް އެވެ. މިކަން އެޕާޓީން ކަަށަވަރުކޮށްދީފައި ނުވިނަމަވެސް ރޭ ދަންވަރު އިމްރާން މަގާމުން ދުރުކުރުމާއިއެކު އެގަމުގެ ގިނަ ނޫސްތަކުންވެސް ދަނީ އާ ޕީއެމް އަކަށް ވާނީ ޝެހްބާޒް ކަމަށް ރިޕޯޓު ކުރަމުންނެވެ. އިތުބާރު ނެތްކަމުގެ ވޯޓަކާއިއެކު އިމްރާން މަގާމުން ދުރުކުރެވިގެން ދިޔަ މަގުސަދުގެ ފަހަތުގައިވެސް އޮތީ ޝެހްބާޒް އެމަގާމަށް ގެނެއުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

އަދި މާދަމާ ނަގާ ވޯޓުގައި ޝަހްބާޒުގެ ނަން އޮވެއްޖެނަމަ އެ މަގާމު އޭނާއަށް ކަށަވަރުވެގެންދާނެ ސަބަބުތައް ބައިވަރެވެ. އެއީ މިވަގުތު މަޖިލީހުގެ އަގުލަބިއްޔަތު އޮތީ އެމަނިކުފާނުގެ ޕާޓީގައި ކަމަށްވުމުންނާއި، ޝެހްބާޒްއަކީ ޕާކިސްތާނުގެ ނުފޫޒު ގަދަ އަސްކަރިއްޔާއާއި، ގުޅުންތައް ރަނގަޅު ބޭފުޅެއް ކަމަށް ވުމުން ކަމަށް ތަޖުރިބާ ކާރުން ދެކެވެ. އެއީ ޕާކިސްތާނުގެ ހާރިޖީ އަދި ދިފާއީ ސިޔާސަތުގައި އަސްކަރިއްޔާގެ ނުފޫޒު ބޮޑުކަމުން ނެވެ.

އުމުރުން 70 އަހަރުގެ ޝެހްބާޒްއަކީ ޕާކިސްތާނުގައި ތިން ފަހަރަށް ބޮޑު ވަޒީރުކަން ކުރައްވާފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.

ޝެހްބާޒް ސިޔާސީ ހަރަކާތުގެ ތެރެއަށް ވަދެވަޑައިގަތީ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރެއްގެ ގޮތުގައި  1997 ވަނަ އަހަރު އެވެ. ނަމަވެސް އަސްކަރީ ބަގާވާތެއްގައި އެމަނިކުފާނު ޖަލުގައި ބަންދު ކުރުމަށްފަހު، 2000 ވަނަ އަހަރު ސައުދީ އަރަބިއްޔާއަށް އަރުވާލި އެވެ. އެނބުރި ގައުމަށް ވަޑައިގެން، ސިޔާސީ މަސައްކަތް އަލުން ފެއްޓެވީ 2007 ވަނަ އަހަރު އެވެ.

ޝެހެބާޒުގެ ހިންގުމުގެ އުކުޅުތައް އެންމެބޮޑަށް ފާހަގަކުރެވިގެންދިޔައީ ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން ޗައިނާއާއިއެކު ބެއިންޖިން ފަންޑު ޕްރޮޖެކްޓުގެ މަސައްކަތް ކުރި ދުވަސްވަރުއެވެ.

އިމްރާން މަގާމުން ދުރުކުރުމަށް ނެގުނު ވޯޓު ކާމިޔާބު ވުމަށްފަހު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ޝެހެބާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މި ސަލާމަތް ވީ ވަރަށް ބޮޑު ކާރިސާއަކުން ކަމަށާއި، މުޅިން އާ ފަތިހަކަށް އަލިވިލިއްޖެ" ކަމަށެވެ.

އިމްރާން މަގާމުން ދުރުކުރުމާއިއެކު އާ ބޮޑު ވަޒީރެއް ކަނޑައެޅުމަށް މާދަމާ މަޖިލީހުގައި ނަގާ ވޯޓުން އެމަގާމަށް ހޮވޭ ބޭފުޅެއްގެ އަތުގައި ބޮޑުވަޒީރު ކަމުގެ މަގާމުގެ ބާރުތައް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އިންތިހާބާ ޖެހެންދެން އޮންނާނެވެ.

ގާތްގަނޑަކަށް 220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާންގައި އަސްކަރީ ވެރިންގެ ސީދާ ނުފޫޒުން، ތިން ފަހަރަށް ސަރުކާރު ވައްޓާލާފައިވެ އެވެ. އަދި އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތުމަށްފަހު 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން، އެއްވެސް ބޮޑު ވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއްވެސް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް