
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ދެ ދުވަހަކުކަމަށެވެ.
އެގޮތުން ޖަލްސާ އޮންނަނީ ޖުލައިމަހުގެ 27 އަދި 28 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސޯޝަލް ސެންޓަރުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ވެސް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާ ބާއްވާ ސޯޝަލް ސެންޓަރުގެ ހޯލުގެ ޖާގައަކީ 1،500 ކަމަށް ވާއިރު އެ އަދަދަށް ދައުވަތު ދޭނެ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ވަރަށް ކުލަގަދަކޮށް މިފަހަރު ބާއްވާ އިރު، ސަރުކާރުން ވަނީ މިފަހަރު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފައެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވަން ވަނީ ނިންމައިފައެވެ. އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ގައެވެ.