
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ، ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅާފައިވާ ސަފީރު ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.
އެ ވާހަކަތައް ސާފުކޮށް ދެއްވަމުން ހަލީލް ވިދާޅުވީ، ޔޫރަޕިއަން ޕާލިމެންޓުން ސަފީރާއި ކުރައްވާފައި ވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތް ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ސަފީރު ވިދާޅުވި ކަމަށް ހަލީލުގެ ޕޯސްޓުގައިވެ އެވެ.
ދިވެހިރާއްޖޭގެ ދެކުނަށް އޮންނަ ފޯޅަވަހި ސަރަހައްދަކީ އެއްޒަމާނެއްގައި ދިވެހިރާއްޖޭގެ ބައެއް ކަމަށާއި މިއަދު ވެސް މި ސަރަހައްދުގެ މައްޗަށް ދިވެހިރާއްޖެއަށް ހައްގުތަކެއް އޮތް ކަމަށް ތާރީހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދަނީ ދައުވާކުރަމުންނެވެ. އަދި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި އެވެ.
އެކަމަކު އެ ސިޓީއަށް އިޖާބަނުދީ އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ މިދިޔަ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ.