އަމީންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ވަނީ އުފުލާފައެވެ. ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި, ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވަނީ ދައުލަތުގެ ހެއްކެއްގެ ހެކިބަސް ނެގުމަށެވެ. ހެކިބަސް ދިން ސިއްރު ހެކިވެރިޔާ ބުނީ އޭނާއަކީ ފުލުހުންގެ އިދާރާގައި ހަރަކާތްތެރިވާ އޮފިސަރެއް ކަމަށެވެ. އަދި ހޯދިފައިވާ މައުލޫމާތުތަކުގެ އަލީގައި އަމީނަކީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން އުޅޭ މީހެއްކަން އެނގޭކަމަށެވެ.
އެ ގޮތުން ޔަމަނުގެ ޔާސިރު ދެފަހަރެއްގެ މަތިން އަމީން ދިރިއުޅޭ ގޭ ކައިރިން ފެނިފައިވާ ކަމަށާއި, އެ ދެ މީހުންގެ މެދުގައި މުއާމަލާތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެ މީހުން ބައްދަލުކުރިކަން އެނގެން ނެތް ކަމަށެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާގައި ދީނީ ހަރުކަށި ފިކުރު ފަތުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ޝިފާޒް ކިޔާ މީހަކާއި, އަލީ އާދަމް ކިޔާ މީހަކާ ވެސް އަމީން ބައްދަލުކުރިކަމަށް ހެކިވެރިޔާ ބުންޏެވެ. ބައްދަލުކުރީ އަޑިޕާކު ސަރަހައްދުގައި 2011 ގައިކަމަށް ހެކިވެރިޔާ ބުންޏެވެ. ޝިފާޒާއި, އަލީ އާދަމަކީ ޖިހާދަށް ދިޔަ ދެ މީހުން ކަމަށާއި, ހަނގުރާމައިގެތެރޭގައި މިހާރު ޝިފާޒް ނިޔާވެފައިވާކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ރާއްޖޭގައި ހުންނަ އައިއެސް ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ, ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށް, ހަނގުރާމަތަކަށް ދިވެހިން ރެކްރޫޓްކުރިކަމުގެ ތުހުމަތުކުރެވޭ އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 30 ގައެވެ.
ޔާސިރަކީ ކާކު:
އޭނާއަކީ އަހްމަދިއްޔާ ސުކޫލާއި, އަރަބިއްޔާ ސުކޫލުގައި އަރަބި މުދައްރިސެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. އޭނާ ހައްޔަރުކުރީ 2017 ވަނަ އަހަރުގެ މާޗުމަހުގެ 03 ވަނަ ދުވަހުގެރޭގެ 11:45 ހާއިރުއެވެ. އޭނާ ހައްޔަރުކުރީ ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވޭތީއެވެ.
2019 ވަނަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާނު ވިދާޅުވި ގޮތުގައި ޔާސިރަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެކެވެ. 2017 ވަނަ އަހަރުން ފެށިގެން އިމިގުރޭޝަންގެ ބެލުމުގެ ދަށުގައި ޔާސިރު ބެހެއްޓީ އޭނާ ދޫކޮށްލާފައި ހުރެއްޖެނަމަ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަމަށް އިމްރާން ވިދާޅުވިއެވެ.
ޔާސިރު ނިޔާވީ އެއްވެސް ޝަރީއަތެއްކުރުމަކާއި ނުލައި އަދި ދައުވާއެއް އުުފުލުމެއްނެތި ބަންދުކޮށްފައި ހުއްޓާ ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް 2020 ވަނަ އަހަރުގެ އޯގަސްޓު ދެވަނަ ދުވަހުގައެވެ.