ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ފޮޓޯ:މީރާ
މީރާ އަށް މާޗު މަހު ބޮޑު ފައިދާ އެއް
މިދިޔަ މާޗު މަހު މީރާ އަށް 2.18 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން ބުނީ އެ އަދަދަކީ ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 64.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. 

އަދި، މާޗު 2022 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށް ފައިވާ އަދަދަށްވުރެ 32.0 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް މީރާ އިން ބުނެއެވެ.

އިތުރަށް މީރާއިން ބުނެފައި ވަނީ މާޗު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މާޗު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށެވެ. 

އެގޮތުން، ފެބުރުވަރީ 2021 އާއި އަޅާ ބަލާއިރު، ފެބުރުވަރީ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށް ފައިވާ ފަތުރުވެރިންގެ އަދަދު 53.8 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. 

މާޗު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި، އެއީ 50.7އިންސައްތަ ނުވަތަ 1.10 ބިލިއަން ރުފިޔާ ކަމަށްވެސް ބުނެފައި ވެއެވެ. 

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިން އެވެ. އެއީ 24.8 އިންސައްތަ ނުވަތަ 541.19 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ (8.4އިންސައްތަ) ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ (4.8 އިންސައްތަ) އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ (3.0 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ (8.2 އިންސައްތަ) ލިބިފައިވާ ކަމަށް މީރާ އިން ބުނެއެވެ.

މާޗު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 106.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް