ads
ރައީސް ޔާމީން
އާރަށު މައްސަލަ: ޔާމިނު ރިޝްވަތެއް ނުނަގާ, އެއީ ޑޮލަރު ގަތުމުން ލިބުނު ފައިސާ
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމު ރިޝްވަތު ނަންގަވާފައިނުވާ ކަމަށާއި, ރައީސް ޔާމިނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް އެ މަނިކުފާނުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އޭރުގެ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އަތުން އެއްމިލިއަން ޑޮލަރު (ގާތްގަނޑަށް 15.42 މިލިއަން ރުފިޔާ) ނަންގަވައި, އެ ފައިސާ ލޯންޑާރކުރެއްވިކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި, މަނީ ލޯންޑަ ކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ޔާމިންގެ ވަކީލު އަދި އެ މަނިކުފާނުގެ ފުރަތަމަ ނައިބު ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އާރަށް ކުއްޔަށް ދީފައި އޮތީ އޮންނަ އުސޫލުގެތެރެއިން ކަމަށާއި, ޔާމިނަށް ލިިބިވަޑައިގެންނެވި ފައިސާއަކީ އެކަމާ އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫން ކަމަށެވެ. އަދި އެއީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއްކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. ހަމައެހެންމެ އެއީ ސައްހަ މުއާމަލާތަކުން ޔާމިނަށް ލިބިވަޑައިގަތް ފައިސާކަމަށްވާތީ ޔާމިން އެ ފައިސާ ބޭނުންކުރެއްވުމަކީ މަނީ ލޯންޑާކުރުންކަމަށް ނުބެލެވޭނެކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

އެކަމުގެ ރައްދެއްގެ ގޮތުގައި ދައުލަތުން ބުނީ ޔާމިން އޭރު ހުންނެވީ ރައީސްކަމުގެ މަގާމުގައިކަމަށްވާތީ ގާނޫނު އަސާސީގައި އޮންނަ ގޮތުން ވިޔަފާރިކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.  ދައުލަތުން އެ ގޮތަށް ބުނުމުން ޔާމިންގެ ވަކީލުން ވަނީ ދައުލަތުން މައްސަލައާއި ނުގުޅޭ ވާހަކަތައް ދައްކާކަމަށް ބުނެ އިއުތިރާޒް ކޮށްފައެވެ. އެކަން ބަލައިގަނެ ގާޒީ އަހްމަދު ޝަކީލު ވަނީ މައްސަލައިގެ ބޭރުން ވާހަކަ ނުދައްކަން ދައުލަތަށް އަންގަވާފައެވެ.

މި މައްސަލައިގައި ޔާމިނާއި, ޔޫސުފް ނައީމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެތެރޭގައި ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

އެ ގޮތުން ޖަމީލު ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ފިޔަވައި އެ ބޭފުޅުންގެ ބަހަށް ބާރުދޭނެ އިތުރު ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި, އެ ދެ ބޭފުޅުންގެ ބަހަށް އެކަނި ބިނާކޮށް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ކުރިން ނިންމާފަައިވާ ކަމަށެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ބެލިޔަސް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އަދި މަދަނީ މިންގަނޑުން މި މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމާއިރު ބަލަންޖެހޭނީ ހެކިތަކަށް އެންމެ މަތީ މިންގަނޑުން ބުރަދަން ދިނަސް ކުށް ސާބިތުވުމުގެ ފުރުސަތު އޮންނާނެތޯ ނުވަތަ ނޫންތޯކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އަދި އެ ފުރުސަތު ނެތްނަމަ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަންޖެހޭކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޔާމިންގެ މައްސަލައިގައި އަދީބާއި ޒިޔަތު ފިޔަވައި ބާރުދޭނެ އެހެން ހެއްކެތް ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އަދީބާއި ޒިޔަތުގެ ބަހަށް ބާރުދޭނެ އެތައް ހެކިތަކެއް ހުންނާނެ ކަމަށެވެ. އަދި މިއީ އެ ހެކިތައް ބަލައިނުގަތުމަށް ނިންމޭނެ މަރުހަލާ ނޫން ކަމަށާއި, އެކަން ކުރެވޭނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާގައި ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ޝަކީލް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް