ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ރޭ ތިން ފަތުރުވެރިއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާގެ ޒިންމާ، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖެ ގޮފިން ނަގާފައިވާކަމުގެ ވީޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ދިވެހި ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ މެދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން އަޅާނެ ކަމަށެވެ.
އޭގެ އިތުރުން އިމްރާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.
އެ ހަމަލާގެ ޒިންމާ ނަގައި އައިއެސްގެ ދިވެހި ގޮފިން ވަނީ އެމީހުން ޓެލެގްރާމުގައި ހިންގަމުން އަންނަ ގްރޫޕަށް ވީޑިއޯ އާންމުކޮށްފަ އެވެ.
މޫނު ނިވާކޮށްގެން ހުރެ އެމީހާ ވާހަކަ ދައްކާއިރު އޭނާ ވަނީ ފަތުރުވެރިންނަށް ވަޅިން ދެވުނު ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށް ބުނެފަ އެވެ. އަދި ބޭރުގެ ކާފަރުންނަށް ރާއްޖެއަކީ ސުވަރުގެ ކަމަށް ދައްކާ ދެއްކުން އަވާމެންދުރަކަށް ވެއްޖެކަމަށާއި އެމީހުންނަށް ދެން މިތަނުގައި ލާނެ ރަހައަކީ "އަލިފާނު" ގެ ރަހަ ކަމަށް ވެސް ބުނެފަ އެވެ.
އޭގެ އިތުރުން "ދީން ވިއްކާލި" ޝޭހުން ކަމަށް ބުނެ އެމީހާ ވަނީ ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް ދީން އޮޅުވާލަމުން އަންނަ ކަމަށެވެ. އަދި އެގޮތްތައް ދޫކޮށްލައިފިނަމަ އެމީހުންނަށް ވެސް ހެޔޮކަން ބޮޑު ކަމަށް ބުނެ އެވެ.
ރޭ ތިން ފަތުރުވެރިއަކަށް ހަމަލާދީފައި ވަނީ ހުޅުމާލޭގައި ހުންނަ ރެޑްބުލް ދަނޑު ކައިރިންނެވެ. އެގޮތުން އެމީހުންނަށް ހަމަލާދީފައިވަނީ ހެލްޓްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
އާންމުވި ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.