ads
ޕީޖީ ހުސެއިން ޝަމީމް.
ޕްރޮސެކިއުޓާ ޖެނެރަލާއި ކޯޓަށް ގަޑި ގުނަން ނޭނގެނީތަ؟
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި އޮންނަނީ, މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް, ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ, އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެ ކަމަށެވެ.

އެކަން އެހެން އޮތް ނަމަވެސް ފެނިގެން މިދަނީ އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރަން ހުށަނޭޅޭތީ ބޮޑެތި މައްސަލަތައް ކޯޓުތަކުން ބޭރުވެ, ކަންބޮޑުވުންތައް އިތުރުވެގެންދާ މަންޒަރެވެ.

ހިޔާނާތްތެރިވުމުގެ ތުހުމަތުގައި 42 ދައުވާއެއް އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި ވ.ތިނަދޫ ރެޑްހައުސް އަހްމަދު މޫސާ މުހައްމަދު (އަންމަޓީ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ 20 މާރިޗު 2022 ދުވަހުގައެވެ. ކްރިމިނަލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅީ 23 މާޗުގައެވެ. އެ ގޮތުން މި މަހުގެ ހަވަނަ ދުވަހު ހައިކޯޓުން ބުނީ އެ މައްސަލަ ހުށަހެޅިފައި އޮތީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ނޫން ކަމަށާއި, އެހެންވެ އެ މައްސަލަ ބަލައިގަނެ ހިންގޭން ނެތް ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ނިންމެވުން ބިނާކުރެއްވި ގާނޫނީ އަސާސްތައް ކަމުނުދާތީ އެ ނިންމެވުން ރަނގަޅުކަމަށް ފެނިވަޑައިނުގަންނަވާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެ ގޮތުން އެކަން ޝަރަހަކުރުމަށްޓަކައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތް) ގެ (ހ) ގައި އޮތް އެއްޗެއް ކިޔައިލަންޖެހޭކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

169 ވަނަ މާއްދާ: ''ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިނަމައެވެ."

އޭގެ މާނައަކީ 48 ގަޑިއިރު ގުނާނީ ކޯޓުން އަމުރު ނެރުނު ދުވަހާއި, މުއްދަތު ހަމަވާ ދުވަހާއި, އެ ދެމެދަށް ބަންދު ދުވަހެއް އަތުވެއްޖެނަމަ އެ ދުވަސްވެސް ނުލާކަމަށް ޝަމީމް ވިދާޅުވިއެވެ. 

މި މައްސަލައިގައި މި ގޮތަށް ދިމާވެފައި އޮއްވާ މި މަހުގެ 10 ވަނަ ދުވަހު ވެސް ހައިކޯޓުން ވަނީ މައްސަލައެއްް ބޭރުކޮށްލާފައެވެ. އެއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމާއި ގުޅިގެން ބެލި މައްސަލައެކެވެ.

މި މައްސަލައިގައި ހައިކޯޓުން ބުނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާއިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިސްތިއުނާފުކުރުމުގެ މުއްދަތު ގޮތުގައި ކަނޑައެޅިފައިވާ "ގަޑި" ގުނާނެ ގޮތެއް ސާފުކޮށް އެނގެން ނެތްކަމަށް އެ ކޯޓުގެ ''ޕްރޮސިކިއުޓާ ޖެނެރަލް ވ އަހްމަދު މޫސާ'' ގަޒިއްޔާގައި ކަނޑައެޅިފައިވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގެ ދަށުން 

އިސްތިއުނާފުގެ 48 ގަޑިއިރު ގުނުމުގައި ބަލަންޖެހޭނީ އަމުރު ނެރުނުތާ 48 ގަޑިއިރަށް ކަމަށާއި, އެއީ އެހާރުން ފެށިގެން ހުއްޓުމެއް ނެތި ގުނަމުން ގޮސް 48 ގަޑިއިރު ހަމަވުމާއި ހަމައަށް ކަމަށް ކަނޑައެޅިފައިވާ ކަމަށެވެ.

އެ އުސޫލު މި މައްސަލައިގެ މައްޗަށް ތަތުބީގުކުރާއިރު މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޯޓު އަމުރު ނެރެފައިވަނީ 21 މާޗް 2022 ވީ ހޯމަ ދުވަހުގެ 16:20 ގައި ކަމަށާއި, އެ ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއް ކަމަށެވެ. އެހެންނަމަވެސް އެ އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ އެ އަމުރު ނެރުނުތާ 48 ގަޑިއިރު ފާއިތުވި ފަހުން މާޗު 24 ވީ ބުރާސްފަތި ދުވަހު ހެނދުނު 10:10 ގައި ކަމަށެވެ. އަދި އެ ދެމަދަށް ރަސްމީ ބަންދު ދުވަހެއް އައިސްފައިނުވާ ކަމަށެވެ.

ހަމައެހެންމެ ދައުލަތުން އެ ކޯޓަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށާއި, އިސްތިއުނާފަށް ހުށަހެޅުމުގައި ކޯޓު އަމުރު ލިބުން ލަސްވުން ނުވަތަ އެ ނޫން ވެސް މައްސަލަ ލަހުން ހުށަހެޅުމުން ހުއްދަވާ ފަދަ މަގުބޫލޫ ސަބަބެއް އޮތްކަމަށް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އެ ގޮތުން މި މައްސަލައަކީ ވެސް އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނުފެންނަކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އަގްލަބިއްޔަތުން ކޯޓުން ބޭރުކޮށްލި ނަމަވެސް, އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔު ތަފާތެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ (ރ) އަށް އިޝާރަތްކުރައްވައި ހާތިފް ވިދާޅުވީ އެ މާއްދާގައި އިސްތިއުނާފުގެ މުއްދަތު ފެށޭނީ އަމުރު ނެރޭ ވަގުތު ނުވަތަ ގަޑިކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ މާއްދާގައި ލިޔެފައިވަނީ އެ އަމުރެއް ނެރޭ ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ކަމަށާއި, މިއީ ދުވަހަށް ކޮށްފައިވާ އިޝާރާތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް