ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ މިދިޔަ މަހުގައި އެ މުއައްސަސާއަށް ހުށަހެޅި މައްސަލަަތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ދައުވާކުރުމަށް އެދި އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް މިދިޔަ މަހުގައި 244 މައްސަލަ ހުށަހެޅުނެެވެ. އޭގެތެރެއިން 60 މައްސަލަ ބަލައިގަތްއިރު, އިތުރު މައުލޫމާތު ސާފުކުރުމަށް 125 މައްސަލަ އަނބުރާ ފޮނުވާލިއެވެ. އަދި އެކިއެކި ސަބަބުތަކާހުރެ 26 މައްސަލައެއްގައި ދައުވާ ނުކުރަން ނިންމިއިރު 33 މައްސަލައެއް ދިރާސާކުރަމުންދާކަމަށް ތަފާސް ހިސާބުގައި ބުނެފައިވެއެވެ.
ތަފާސްހިސާބުތައް ޓްވިޓާގައި ހިއްސާ ކުރައްވައި ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ މަަހަކީ މި އަހަރު އެންމެ ގިނަ މައްސަލަ ނިންމި މަސް ކަމަށާއި, އެ މަހު ނިންމި 149 މައްސަލައިގެ ތެރެއިން 113 މައްސަލަ (%75.8) ސާބިތުވި ކަމަަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅުނީ މަސްތުވާތަކެތީގެ މައްސަލައެވެ. އޭގެ އިތުރުން ވައްކަމުގެ މައްސަލަތަކާއި, ކުޑަކުދިންނާއެކު ބަދުއަހްލާގީ އަމަލު ހިންގުމުގެ މައްސަލަތަކާއި, މާރާމާރީ ހިންގުމުގެ މައްސަލަތަކާއި, މަކަރާއި ހީލަތުގެ މައްސަލަތަކާއި, ބިރުދެއްކުމުގެ މައްސަލަތައް ހިމެނެއެވެ.