ads
މިނިސްޓަރު އަހްމަދު ނަސީމް
ހޮސްޕިޓަލުތަކަށް ދީފަ ބާކީ ވާވަރަށްވެސް ސާމާނު އެބަހުރި، ގެންދަވާ: ނަސީމް
އެކި ހޮސްޕިޓަލުތަކަށް ބޭނުންވެ، ލިބުމުގައި ތާށިކަން އުޅޭ ސާމާނުތައް މިނިސްޓްރީގައި ވަރަށް ގިނަ އަދަދަކަށް އެބަހުރި ކަމަށާއި، ހޮސްޕިޓަލުތަކުން ބޭނުންވާ ތަކެތި ބައްލަވާފައި ނަމަވެސް ގެންދިއުމަށް ވަރަށް ބޮޑަށް އެދޭކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ.
Advertisement

ހެލްތު މިނިސްޓަރާއި ސުވާލުކުރެއްވުމުގެ ފުރުސަތު މިއަދު މަޖިލީހުގައި ލިބިވަޑައިގަތުމުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވިދާޅުވީ، ގައްދޫ ހެލްތު ސެންޓަރުގެ ހާލަތު ވަރަށް ދަށްކޮށް ދާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ހޮސްޕިޓަލުގައި ގެންގުޅޭ ސާމާނުތަައް ވެސް ހުރީ ހަލާކުވެފައި ކަމަށެވެ. 

އެފަދަ އެއްޗެއް ހޯދަން ބޭނުންވެގެން އެދެންޖެހެނީ އަތޮޅު ވެރިކަން ކުރާ ތިނަދޫގައި ހޮސްޕިޓަލުގައި ކަމުން، ތިނަދޫ ހޮސްޕިޓަލުގައި އެފަދަ އެއްޗަކަށް އެދިގެން ގައްދޫ ހޮސްޕިޓަލަށް އެއެއްޗެއް ލިބެނީ ވަރަށް ލަހުން ކަމަށެވެ. އަދި އެހެން ލިބޭ އެއްޗިއްސަކީވެސް ބާ އެއްޗެހި ކަމަށް އޭނާ ވިދާޅުވިއެވެ.

" އެހާ ގިނަ އުދަގުލާއިއެކު އެކަން ވަނީ ހޮސްޕިޓަލުގައި ރިކުއެސްޓު ކޮށްގެން އަދި ފޮނުވާއިރު، އާ އެއްޗެހި އެމީހުން ބަހައްޓާފަ ބާ އެއްޗެހި ފޮނުވަނީ އެހެންވީމަ އަޅުގަނޑުގެ ސުވާލަކީ ގައްދޫ ހޮސްޕިޓަލު އެޅޭނީ ކޮން ދުވަހަކުން ތޯ؟" މެމްބަރު ޒާހިރު ވިދާޅުވިއެވެ.

ސާމާނު ނެތިގެން ކުރެއްވި ސުވާލަށް ޖަވާބު އަރުވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، މިނިސްޓްރީގައި އެފަދަ ސާމާނު ވަރަށް ގިނައިން އެބަހުރި ކަމަށާއި، އޮފީހާއި ގުޅައިގެން ބޭނުންވާ ސާމާނު ގެންދަވަން އެދޭ ކަމަށެވެ. އެފަދަ ވަރަށް ގިނަ އެއްޗެހި އެބަހުރި ކަމަށާއި ތާށިކަން އުޅެނީ އެތަކެތި ރަށްރަށަށް ފޮނުވުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އަދި މިނިސްޓްރީގެ އެންމެ ގުދަނެއްވެސް ނުހުންނާތީ އެތަކެތި ރައްކާތެރި ކުރަން އުނދަގޫ ވާ ކަމަށާއި، މިނިސްޓްރީގައި ހުރި އެފަދަ ތަކެތި ބޭރުކޮށްލަން މިނިސްޓްރީންވެސް އެދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން އަތުގައި ވަރަށް ގިނަ އެކިއުޕްމެންޓް އެބަހުރި. އެހެންވީމަ މަދުވާ އެއްޗެއްނަމަ އަޅުގަނޑުމެންނަށް ފޯރުކޮށްދެވިދާނެ. ތިބޭފުޅުން އެތަކެތި ބެލުމުގެ ފުރުސަތުވެސް އަޅުގަނޑު ހަމަޖައްސަދޭނެ. އަަޅުގަނޑުމެންވެސް ބޭނުން އެތަކެތި ބޭރުކުރަން ގުދަން ކުރާނެ ތަނެއްވެސް ނެތް. މިނިސްޓްރީގެ އެންމެ ގުދަނެއްވެސް ނެތް." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ އެތަކެތި މިހާރު މިނިސްޓްރީން ގުދަން ކުރަމުންދަނީ ފަރުކޮޅުފުށީގައި ހުރި ބާ ތަނެއް މަރާމާތު ކޮށްގެން ކަމަށެވެ. 

ހޮސްޕިިޓަލުތައް ބޭނުންވާ ވަރަށް މިނިސްޓްރީގައި ސިއްހީ ސާމާނު ހުރިކަމަށް މިނިސްޓަރު ވިދާޅުވިއިރު، ހޮސްޕިޓަލުތަކުގެ ހާލަތު ގޯސްވެ، އެކަށީގެންވާ ސާމާނު ހޮސްޕިޓަލުތަކުގައި ނެތުމާއި، ތަކެތީގައި ދަބަރު ޖަހާ ބާވެފައިވާ ތަކެތި ހޮސްޕިޓަލުތަކުގައި ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް އަބަދުވެސް ކުރެއެވެ. އަދި އެފަދަ ތަކެއްޗަށް މިނިސްޓްރީގައި އެދެމުންދިޔަނަމަވެސް އެފަދަ ތަކެތި ލިބުމުގައި ދިގު މުއްދަތުތަކެއް ހޭދަވެގެންދާ ފަހަރާއި ނުލިބޭ ފަހަރުތައް ހުންނާތީ އެކަމުގެ ޝަކުވާ ވެސް އެ ތަންތަނުން ކުރެއެވެ. 

އެގޮތުން މިއަދުގެ މަޖިލީހުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވެސް ވަނީ ހއ. އަތޮޅު ހޮސްޕިޓަލަށް ޑިޖިޓަލް އެކްސްރޭ މެޝިނެއް ލިބޭނެއޭ ބުނާތާވެސް ވަރަށް ގިނަ ދުވަސްވެެއްޖެކަން ފާހަގަކުރައްވާފައެވެ. އަދި އެ މެޝިން ލިބޭނީ ކޮން އިރަކުންތޯވެސް ސުވާލުކުރެއްވިއެވެ. 

މީގެ އިތުރުން މިއަދުގެ މަޖިލީހުގައި ތަކެތި މިނިސްޓްރީގައި ހުރިކަމާއި، އެތަކެތި ގެންދެވުމަށް އެދުމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ ވެސް ވަނީ އެ ސާމާނުތައް ހޯދަން ހަދަންޖެހެނީ ކިހިނެތްތޯއާއި، ކިއު ހަދަންވީ ކިހާ ހިސާބަކުންތޯވެސް ސުވާލުކުރައްވާފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް