އެ މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ހިމާޔަތް ކޮށްފައިވަނީ، ލ. އަތޮޅުގެ ހިތަދޫ ކަނޑު ސަރަހައްދާއި، ގާދޫ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދުގެ އިތުރުން އެ އަތޮޅު ބޮޑުފިނޮޅާއި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު ކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، ގާދޫ ވެލާ އަރާ ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ އެއީ މޫދު ވިނައިން މުއްސަނދިވެފައިވާ އަދި ކަހަނބާއި ވެލާ ބިސްއަޅައި ވިހާ އާލާވާ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދަކަށް ވާތީ ކަމަށާއު، ގާދޫ ވަށައިގެންވާ ފަރާއި ފަޅަކީ ވެލާއި ކަހަނބާ އަދި އެ ސަރަހައްދުގައި ދިރިއުޅޭ 91 ބާވަތެއްގެ ދިރުންތަކަށް ބޭނުންވާ ކާނާއާއި އަދި ވިހައި އާލާވުމަށް ހާއްސަ ސަރަހައްދެއް ކަމަށެވެ. މީގެ އިތުރުން ގާދޫގެ އިރުމަތީގައިވާ ޗަސްބިން ސަރަހައްދުގެ މީރު ފެންކުޅި އަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދިނުމާއެކު މޫސުމީ ދިރުންތައް ދަމަހައްޓައިދޭ ސަރަހައްދެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގާދޫ ހިތަދޫ ކަނޑު ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެއް ކަމަށާއި، ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަހަނބާއި ވެލާ އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތަކުގެ އިތުރުން މަޑި އާއި ތަފާތު ބާވަތްތަކުގެ މިޔަރު ވެސް ގާދޫ ހިތަދޫ ކަނޑު ސަރަހައްދުން ފެންނަ ކަމަށް އެންވާރަމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެނެ އިރު، ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުން މި ސަރަހައްދުވެސް ހިމާޔަތް ކޮށްފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އަލަށް ހިމާޔަތް ކުރި ތިން ސަރަހައްދާއި އެކު މިހާރު ލ. އަތޮޅުގެ ޖުމްލަ ހަ ސަރަހައްދެއް ވަނީ ހިމާޔަތް ކޮށްފައެވެ.