
''ސީއެންއެމް'' އާއި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީގެ މާނައަކީ ތިން ބާރު ވަކިވެފައި އޮތުމެއް ނޫން ކަމަށާއި, އެއީ ޑިމޮކްރަސީގެ ވަކި ސިސްޓަމެއް ކަމަށެވެ. އަދި ޑިމޮކްރަސީގައި އެތައް ނިޒާމެއް އެބަ އޮންނަ ކަމަށާއި, އޭގެތެރޭގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު ވެސް ހިމެނޭ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހި ގައުމަކީ ޑިމޮކްރެޓިކް ވެރިކަމެއް ކުރާ ގައުމެއް ކަމަށާއި, ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސަކީ ރައްޔިތުންނަށް މިނިވަންކަން އޮތުން ކަމަށެވެ. އަދި އެ މިނިވަންކަން އެބައޮތްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ޑިމޮކްރަސީގެ މާނައަކީ ތިން ބާރު ވަކިވެފައި އޮތުމެއް ނޫންކަމަށާއި, އެއީ ވަކި ސިސްޓަމެއްގައި އޮންނަ ކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް, ކޮންމެ ނިޒާމެއްގައި ވެސް ތިން ބާރު ވަކިވެފައި އޮންނަން ވާނެ ކަމަާށާއި, ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި ވެރިކަން ކުރުމުގެ ބާރާއި, އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރާއި, ގާނޫނު ހެދުމުގެ ބާރު ވަކި ކުރެވިފައި އޮންނަންޖެހޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.