ނަސީމާ ވިދާޅުވެފައިވާ ގޮތުގައި ލުތުފީގެ މައުލޫމާތާއި ތަޖުރިބާގެ ހަޒާނާގެ މުއްސަނދިކަން އޭނާގެ ކައިރިއަށް ދިޔަ ކޮންމެ ދަރިވަރަކަށް އިހްސާސް ކުރެވިފައިވާނެއެވެ. ތާރީހު ދިރާސާާކުރަން ޒުވާނުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމަށް ލުުތުފީ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ.
ދިރާސާ ކުރެއްވުމާއި, ހިއްސާާ ކުރެއްވުމުގައި...
ރާއްޖޭގެ ރަށްތަކާއި, ކަނޑުފަޅުތަކަކީ ލުތުފީ ހިތްޕުޅު ދަސް ތަންތަނެވެ. އޭނާ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތެވެ. އެ ރަށްތަކުގައި އޭނާ ދެނެވަޑައިނުގަންނަވާ މިސްކިތެއް, އުސްގަނޑެއް, ދާގަބާއެއް, އާސާރެއް ނެތެވެ.
ލުތުފީ ވަނީ ރާއްޖެއަަށް ދިރާސާ ކުރެއްވުމަށް ވަޑައިގެންނެވި އެކިއެކި މާހިރުންނާއެކީ މަސައްކަތްޕުޅު ކުރައްވައިފައެވެ. އެ ގޮތުން އިންސާނުންގެ ދިރިއުުޅުމާބެހޭ ގޮތުން ދިރާސާކުރައްވާ ނޯވޭގެ ބޭކަލެއް ކަމަށްވާ ތޯރ ހައިދާލް މާލެ ވަޑައިގެން 1983 ގައި ކުރެއްވި ދިރާސާ ދަތުރުގައި ބައިވެރިވެވަޑައިގަތެވެ. އަދި 1984 ގައި ކުރެއްވި ދިރާސާ ދަތުރުގައި ވެސް ލުތުފީ ބައިވެރިވެވަޑައިގަތެވެ. އެ ދަތުރުތަކުގައި ފ.ނިލަންދޫ ހަވިއްތައާއި, ގދ.ގަމުގައި ހުންނަ ހަވިއްތަ ކޮންނަވައި އެ ތަންތަން ބައްލަވައި ދިރާސާ ކުރެއްވިއެވެ.
ލުތުފީއަކީ އުމުރުފުޅުގެ ފަހުކޮޅަށް ދަންދެން ހަގީގީ ސައިންޓިސްޓެއްގެ ގޮތްކޮޅުތައް ގެންގުޅުއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ނަސީމާ ވިދާޅުވެފައިވަނީ, އަމިއްލަފުޅު އީޖާދުތަކެއްގެ އެހީގައި މާމަލުންނާއި, ފަތްފަތުން އަރަގު ނަންގަވައި ހައްދަވައިގެން ބޭސްވެރިކަމުގައި ލުތުފީ އެ ތަކެތި ބޭނުންފުޅު ކުރެއްވި ކަމަށެވެ.
ލުތުފީ ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި ފޮތްތަކުގެ ތެރެއިން ބައެއް ފޮތްތައް ޗާޕުކުރެވިފައިވާއިރު, އަނެއް ބައި ފޮތްތައް އަދި ޗާޕެއް ނުކުރެވެއެވެ.
ލުތުފީ ލިޔުއްވި ފޮތްތަކުގެ ތެރެއިން ޗާޕުކުރެވިފައިވާ ފޮތްތައް:
1.އިބުނު ބަތޫތާ ދިވެހިރާއްޖޭގައި,1991. މަލަސް 32. ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުުމީ މަރުކަޒު.
2.ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު. އެއްވަނަ ބައި އަދި ދެވަނަ ބައި. 1995.
3.އުުތީމު ދަރިކޮޅުގެ ރަސްކަން. 2006. ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުުމީ މަރުކަޒު.
4.މުޚްތަޞަރު ތާރީޚު ދީބާ މަހަލް. (ދިވެހިރާއްޖޭގެ ތާރީޚު ކުރުކޮށް). 2011 . ދިވެހިބަހާއި ތާރީހާބެހޭ މަރުކަޒު.
5.''ތާރީޚު ދީބާ މަހަލް'' އާބެހޭ ދިރާސާ. 2012. ދިވެހިބަހުގެ އެކެޑަމީ.
ޗާޕުނުކުރެވޭ ފޮތްތައް:
1.ލުތުފީގެ ހޯދުންތައް (އެއްވަނަ ބައި)
2.ލުތުފީގެ ހޯދުންތައް (ދެވަނަ ބައި)
މި ފޮތްތަކުގެ އިތުރުން ލުތުފީ ވަނީ ރާއްޖޭގެ ތާރީހާބެހޭ ގޮތުން އަގުހުރި އެތަކެއް މަޒުމޫނުތަކެއް ލިޔުއްވައިފައެވެ. އެ މަޒުމޫނުތައް ވަނީ ''ފަތްތޫރަ'' މަޖައްލާގެ އެކި އަދަދުތަކުގައި ޝާއިއުކުރެވިފައެވެ.
އޭގެތެރެއިން ބައެއް މަޒުމޫނުތަކުގެ ސުރުހީތައް:
1.''ދިވެހި ރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ގެނެސްދެއްވީ ކޮން ބޭކަލެއްބާ''
2.ދިވެހީންގެ ގެއްލިފައި އޮތް ތާރީޚުގެ ތެރެއަށް.
3.ދިވެހި ތާރީހުގެ ތެރެއިން ހޯދުން- ލޯމާފާނު.
4.ދިވެހި ތާރީހުގެ ތެރެއިން ހޯދުން- ތާނަ އަކުރު އުފެދުނީ ކޮން ދުވަސްވަރެއްގައިތަ.
5.ރާއްޖޭގެ އަތޮޅުތަކާއި ނަންތައް.
6.ރާއްޖޭގައި ރަސްކަން ކުރެއްވި އާއިލާތަކާއި ރަސްރަސްކަލުން.
7.ދިވެހި ތާރީހުގެ ތެރެއިން ހޯދުން- ''ކޮއިމަލާ ކަލޯ'' އަކީ ކާކުބާ
8.ސްރީލަންކާގެ މުސްލިމުންގެ ނަޒަރުގައި ދިވެހިރާއްޖެ އިސްލާމްވީ ގޮތް.
9.މަލިކާއި ދިވެހިރާއްޖެއާއި ދެމެދުގެ ގުޅުން.
10.ދަނޑުވެރިކަން ކުރުމާއި އެކަމުގެ އާދަކާދަ.
11.ދުނިޔޭގެ ލިޔުންތެރިންގެ ގަލަމުން ދިވެހިރާއްޖެ.
12.ރާއްޖޭގައި ހިނގަމުން އައި ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވާން ދިމާވި ގޮތް.
13.އަލްޤާޟީ ޙަސަން ތާޖުއްދީން.
14.ތާރީޚީ ނަޒަރަކުން ބަނޑޭރި ހަސަން މަނިކުފާނު.
15.އިހުމާލުކުރެވުނު ތާރީޚުގެތެރެއިިން- ދިވެހިރާއްޖެ ސާރވޭ ކުރުން.
ހަތަރު ކައިވެނިފުޅެއް:
ލުތުފީ ހަތަރު ބޭފުޅުންނާއި ކައިވެނި ބައްލަވައިގަތެވެ. ފުރަތަމަ ކައިވެނިކުރެއްވީ ހާޖަރާގޭ ސިއްތި (އާއިޝަތު ފަރީދާ) އާއެވެ. އެ ބަނޑުފުޅުން ތިން ދަރިކަނބަލުންނާއި ދަރިކަލަކު ލިބިވަޑައިގަތެވެ. އެއީީ ޝީރީން އާއި, ޝިރުމީން އާއި, އަބްދުﷲ ލުތުފީއާއި, ނިސްރީން އެވެ.
ދެވަނައަށް ކައިވެނި ބައްލަވައިގަތީ ( 1957 ގެ ފެބްރުއަރީގައި) ހަވަރު ތިނަދޫ ނާއިބު އިސްމާއީލްދީދީގެ މަރްޔަމް ޒާހިރާއާއެވެ. އެ ބަނޑުފުޅުން ލިބިވަޑައިގަތީ އިބްރާހިމް ލުތުފީއެވެ. އިބްރާހިމް ލުތުފީ ރައްކާވިއިރު ވެސް އޮތީ އަވަހާރަވެފައެވެ.
ތިންވަނައަށް ކައިވެނި ބައްލަވައިިގަތީ (1961 ގެ ޖުލައި 06 ގައި) އެއްގަމުގޭ ތުއްތު ދޮންގޮމާ (އައްނަބީލާ އާއިޝަތު ޒުބައިރު) އާއެވެ. މި ކައިވެނި ކުރެއްވީ މަރްޔަމް ޒާހިރާއާއި ދެ އަންބަށެވެ. މި ބަނޑުފުޅުން ލިބިވަޑައިގަތީ ސައުސަން ލުތުފީއެވެ. މަރްޔަމް ޒާހިރާ ވަރިކުރެއްވީ 1982 ޖޫން 11 ގައެވެ.
ހަތަރުވަނައަށް ކައިވެނި ބައްލަވައިިގަތީ (1979 ނޮވެމްބަރު 26ގައި) ގއ.ވިލިނގިލީ މުރީދުގޭ ތުއްތު މަނިކެ (އާތިފާ ދޮންމަނިކު) އާއެވެ. މި ކައިވެނި ކުރެއްވީ ތުއްތު ދޮންގޮމާއާއި ދެ އަންބަށެވެ. އޭރު ތުއްތު މަނިކެގެ އުމުރުން 21 އަހަރެވެ. 2000 ވަނަ އަހަރުގެ ޖެނުއަރީ 10 ގައި ތުއްތު މަނިކެ ވަރިކުރެއްވުމަށްފަހު, ޖެނުއަރީ 31 ގައި ދެވަނަ ފަހަރަށް ކައިވެނި ބައްލަވައިިގަތެވެ. ލުތުފީ އަވަހާރަވިއިރު އިންނެވި އަނބިކަނބަލަކީ ތުއްތު މަނިކެއެވެ. މި ބަނޑުފުޅުން ލިބިވަޑައިގަތީ ދެ ދަރިކަނބަލުންނާއި, ހަތަރު ދަރިކަލުންނެވެ. އެއީ އާތިފް އާއި, ދިފްލީން އާއި, މާޖިދު އާއި, ޒާކިރު އާއި, ނާފިއު އާއި, ފާތިމަތު އެވެ.
ހަގު ދަރިކަނބަލުން ފާތިމަތު ވިދާޅުވެފައިވާ ގޮތުގައި ބައްޕާފުޅަކީ ދީނީ ކަންކަމަށް ލޯބިކުރެއްވި ބޭފުޅެކެވެ. މީހުންނާއި މުއާމަލާތް ކުރެއްވުމުގައި މަޑުމައިތިރިކަމާއި އޯގާވެރިކަން އިސްކުރެއްވިއެވެ. ރަހްމަތްތެރިންނާއި މެހެމާނުންނަށް ކަމޭ ހިތްތެވިއެވެ. އޮފީސް މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަތަސް, އާއިލާއަށް އެހީތެރިވުމުގައި ބައްޕާފުޅަކީ ނަމޫނާއެކެވެ.
ސީއެންއެމް'' އަށް ލުތުފީ ސިފަކޮށްދެއްވި ގޮތް:
މިދިޔަ ބުރާސްފަތި ދުވަހުގައި ''ސީއެންއެމް'' އާއި ވާހަކަފުޅު ދައްކަވަމުން ނަސީމާ ވިދާޅުވީ ލުތުފީއަކީ ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ. އަދި ލުތުފީގެ މަސައްކަތްޕުޅު އަބަދުވެސް ''އަޅުގަނޑުމެންނަށް ފާހަގަކުރެވޭނޭ'' ކަމަށާއި, ލުތުފީއަކީ ''ވަރަށް ވަރަށް ވަރަށް ތާރީހީ ކަންތައްތަކަށް ކުޅަދާނަ ބޭފުޅެއް'' ކަމަށް ވެސް ނަސީމާ ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު ކަށިމާ އަހްމަދު ޝާކިރު ''ސީއެންއެމް'' އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ލުތުފީއަކީ ރާއްޖޭގެ ތާރީހަށް ފަަހަކަށް އައިސް އެންމެ ބޮޑު ހިދުމަތްކޮށްދެއްވި އެއް ބޭފުޅާ ކަމަށެވެ. އަދި އެ ހިދުމަތްކޮށްދެއްވީ ގަލަމުން ފޮތްތަކެއްގައި އެއްޗެހި ލިޔުއްވުމަކުން ނޫންކަމަށް ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ. އެ ގޮތުން ލުތުފީއަކީ ރަށްރަށަށް ދަތުރުފުޅު ކުރައްވައިގެން އެ ރަށްރަށުގެ މަހާނަ ގާތައް ވެސް ކިޔުއްވާ ހައްދަވައިގެން, އަދި ރާއްޖެއިން ބޭރުން ވަޑައިގެންނެވި އެ ފަންނުގެ މާހިރުންގެ އަރިހުގައި ރަށްރަށަށް ޒިޔާރަތް ކުރައްވައި, އާސާރީ ތަންތަން ހުރިތަން ބައްލަވައިގެން އެ ތަންތަނުގަ ހުރި ހިރިގާތައް ވެސް ބައްލަވައި ހައްދަވައިގެން ދިރާސާ ހެއްދެވި ބޭފުޅެއްކަން ޝާާކިރު ފާހަގަކުރެއްވިއެވެ.
''މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް'':
ލުުތުފީ އާލަސްކަންފުޅާ އުޅުއްވިއިރު އޭނާގެ އަރިހަށް ރައީސް މައުމޫނު ވަޑައިގަތެވެ. ރައީސް މައުމޫނު ވިދާޅުވެފައިވާ ގޮތުން ލުުތުފީގެ އަރިހަށް ޒިޔާރަތްކުރެއްވީ އޭނާ އަވަހާރަވުމުގެ ވަރަށް ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަޖަލުގައިވާ ދުވަސް ހަމަވުމުން އިތުރަކަށް ދުނިޔެއަކު ނުހުރެވޭނެކަން ލުތުފީ ވަނީ ވަރަށް ފުރިހަމައަށް ގަބޫލުކުރައްވާފައިކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ލުތުފީ އަވަހާރަވުމުގެ ދެތިން ހަފުތާއެއްހައި ދުވަސް ކުރިން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ އޭރުގެ ރައީސް އައްބާސް އިބްރާހިމް, ލުތުފީގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. މިހާ ހިސާބުން މި ބަޔާންކުރަނީ އެ ދުވަހުގައި އައްބާސްގެ އަރިހުގައި ލުތުފީ ވިދާޅުވި ބަސްފުޅަކާއި, އައްބާސް (2001) އެއަށް ޖަވާބުދެއްވި ގޮތެވެ.
ތެދުފުޅެކެވެ. އުސްތާޒު ލުތުފީގެ ހަނދާން އާކުރަން ޖެހެއެވެ. ޖެހިއްޖެއެވެ. ޖެހޭނެމެއެވެ. ފަރުދީ ފެންވަރުގައެވެ. ގައުމީ ފެންވަރުގައެވެ.
ސަރުކާރުގެ ހިދުމަތުގައި 42 އަހަރު އުޅުއްވި ލުތުފީ އަވަހާރަވީ 2001 ވަނަ އަހަރުގެ ފެބްރުއަރީ 27 ވީ ބުދަވިލޭރޭ 19:25 ގައި އިިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ. އަވަހާރަވީ އުމުރުފުޅުން 79 އަހަރުގައެވެ. ފަސްދާނުލެވުނީ އާސަހަރާގައެވެ.
ހަވާލާ ލިސްޓު:
1.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި އޭރުގެ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.
2.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އޭރުގެ ރައީސް އައްބާސް ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.
3.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އޭރުގެ މުޝީރު ނަސީމާ ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.
4.ލުތުފީ އަވަހާރަވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ އޭރުގެ ރައީސް އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ހަމީދު ދެއްކެވި ވާހަކަފުޅު. 16 އޭޕްރީލް 2001. ދަރުބާރުގޭ ފާށަނާ މާލަން.
5.ހަނދާނާއި ތާރީހަށްޓަކައި ދިވެހިރާއްޖެ 04.
6.ދިވެހިބަހުގެ އެކެޑަމީ.
7.ފަތްތޫރަ މަޖައްލާ.
8.ނަސީމާ މުހައްމަދުގެ ބަސްދީގަތުން. 07 އޭޕްރީލް 2022.
9.ކަށިމާ ޝާކިރުގެ ބަސްދީގަތުން. 08 އޭޕްރީލް 2022.