
މަންމާއެވެ! އަހަންނަށް މާފު ކުރާށެވެ. މިއަދު މަންމަ އެންމެ ބޭނުންވާ ކަހަލަ ދަރިއަކަށް އަހަރެން ވީކަމުގެ އިހުސާސް ކުރެވެއެވެ. އެހެން ނަމަވެސް މަންމާއެވެ! އަހަންނަށް މާފު ކުރާށެވެ. އޭރު މަންމަ އާއި މެދު ބޭބެ މެން ކަންކަން ކުރިގޮތް އަހަރެންނަށް ނޭނގުނީއެވެ. އެ ބޭބެމެންގެ ނުލަފާ އަނިޔާތަކަށް މަންމަ ކެތްކުރިވަރު އަހަރެންނަށް ނޭނގުނީއެވެ. އަހަރެންނަށް އެ މީހުންގެ އަނިޔާތަކުން މަންމަ ސަލާމަތް ނުކުރެވުނީއެވެ.
އަދިވެސް އެދުވަސް އަހަރެންގެ ހިތުގައި ވަނީ އިއްޔެ މެންދުރު ވީކަމެއް ފަދައިން ބިންވަޅު ނެގިފައެވެ. ބައްޕަގެ ލޯބި ނުލިބި ހަ ދަރިން ބަލާބޮޑު ކުރި މަޔަކަށް އެމީހުން ކަންކަން ކުރިގޮތް އަހަރެންގެ ލޯ މައްޗަށް ފެނުނު ދުވަހަކީ އަހަރެންގެ ފައިތިލަ ދަށުން ބިންގަނޑު ދޫވެގެން ދިޔަ ދުވަހެވެ. މައިމީހާގެ ފައިތިލަ ދަށުން ސުވަރުގެ ވަދެވޭކަން އެމީހުންނަށް ނޭނގުނީ ކަންނޭނގެއެވެ. ނޫނީ އެމީހުން ހަމަ ނުލަފައީ ކަންނޭނގެއެވެ.
އެ ދުވަހަކީ އަހަރެން ގައުމުން ބޭރުން ތައުލީމް ހާސިލްކުރުމަށްފަހު އެނބުރި ރާއްޖެއައި ދުވަހެވެ. އެ ދުވަހު އަހަރެން މަންމަ އާއި އާއިލާ މީހުންނަށް "ސަޕްރައިޒް" އެއް ދޭން ނުބުނެ ގެއަށް ވަދެވުނު އިރު އަހަރެންނަށް އަހަރެންގެ މަންމަ ފެންނަން ނެތުމުން ގޭތެރެ ހޯދާލީ އެއްވެސް ހާލެއްގައި މަންމަ އެ ހާލުގައި އޮންނާނެ ކަމަށް ހިތުގައި އެއްވެސް ވަރަކަށް ބާއްވައިގެނެއް ނޫނެވެ. މަންމަ އަކީ ގައިބާރު ދެރަވެ އުމުރުން ދުވަސްވެފައިވާ މީހެއް ކަމުން އަބަދުވެސް ކޮންމެސް ދަރިއެއްގެ އެހީތެރިކަން ހޯދަން ޖެހެއެވެ. އެހެން ނަމަވެސް އެ ދުވަހު ފެނުނީ ބަނޑުއަޅާ ވިހޭ މައިމީހާ އާއި ދޭތެރޭ ބޭބެމެން ބެހެއްޓި އަނިޔާވެރިކަމެވެ.
ގޭގައި ޖުމްލަ ހަ ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން އެއް ކޮޓަރިއަކީ، ފަސް ފޫޓު ފަސް ފޫޓުގެ ތަންކޮޅެކެވެ. އެތަން ބޭނުން ކުރަމުން ދިޔައީ، ތަކެތި ރައްކާ ކުރާ ގުދަނެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެދުވަހު އެ ލޯބި ލޯބި މަންމަ އޮތީ އެ ގުދަނުގެ ތެރޭ ތުނޑު ކުނަލެއް މަތީއެވެ. ދަރިން ބޮޑުކޮށް ރަނގަޅު ވަޒީފާ ތަކުގައި ފޯރައިގެން އުޅުނަސް މަންމަ ބާއްވާލަން އެނދެއްވެސް ހޯދައި ނުދެވުނީއެވެ. އެންމެ ކުޑަމިނުން ތަޅުމުގައި އަޅާލާނެ ގޮދަޑިއެއްވެސް ނުލިބުނީއެވެ.
ކަން ދިމާކުރި ގޮތުން އެ ދުވަހަކީ އަހަރެންގެ ބޮޑަށް ތިބި ފަސް މީހުންނާއި އެމީހުންގެ އަނބިން ކައިރި ރަށަކަށް ދަތުރު ދިޔަ ދުވަހެކެވެ. އެއީ ފަހަރުގައި އަހަރެންނަށް މަންމަގެ ހާލު އެނގެން މެދުވެރިވި ސަބަބު ކަމަށް ވެދާނެއެވެ. އަހަރެން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަތާ ތިން މަސް ފަހުން މަންމަ އަހަނަށް ގުޅައި، ބޭބެމެން ކަންކަން ކުރާގޮތް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ. އަދި ކިޔަވާ ނިމުމުން ނޫނީ އެނބުރި ރާއްޖެ ނައުމަށް އެދުނެވެ. އެ ދުވަހު އެ މަންމަ އެހެން އެބުނީ، މަންމަ އުޅެމުންދިޔަ ވޭނީ ދިރިއުޅުން އަހަރެންނަށް އެނގިދާނެތީކަން މިއަދު އަހަނަށް އެނގެއެވެ. މަންމަގެ އެންމެ ކުޑަ ދަރިކަމުން އެ މަންމަ އުޅެމުންދިޔަ ވޭނީ ދިރިއުޅުން އަހަރެންނަށް އެނގިއްޖެނަމަ ކިޔެވުން ހުއްޓާލައި އެނބުރި ރާއްޖެ އަންނާނެކަން މަންމަ އަށް އެނގޭތީ އެ ކަންކަން މަންމަ އަހަރެންނަށް ސިއްރު ކުރީއެވެ. ބޭބެމެން ދެމުން ދިޔަ އަނިޔާތައް ފިރުމުން ތަކަކަށް ހެދުމަށްފަހު އެކަންވެސް އަހަރެންނަށް ސިއްރު ކުރީއެވެ.
އެ ދުވަހު މަންމަ ގުދަނުގެ ތެރޭ ހާލުގައި އޮތް މަންޒަރު ފެނި އަހަރެން މަންމަ ނަގައިގެން ގޮސް އަހަރެން ދިރިއުޅެމުން ދިޔަ ކޮޓަރިއަށް ވަންނަން ބެލިއިރު އެތަން ހުރީ ތަޅުލާފައެވެ. ގޭގެ ހުރިހާ ކޮޓަރިއެއް ހުރީ ތަޅުލާފައެވެ. އެހެން ނަމަވެސް މަންމަގެ ހާލު ފެނި އަހަރެންގެ އެކުވެރިއެއް ގެޔަށް މަންމަ ގޮވައިގެން އަހަރެން ދިޔައީ، ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ނޭނގިއެވެ. އަހަރެންނަށް ފުރަތަމަ މުހިއްމުވީ، އަދި އަބަދުވެސް މުހިއްމުވާނީ އަހަރެންގެ މަންމަ ކަމަށް ވުމުންނެވެ.
މަންމަ އެ އެކުވެރިޔާގެ ގެއަށް ގެންގޮސް މަންމަ އަށް މިހާލު ޖެހުނީ ކީއްވެތޯ އަހަރެން އެހީމެވެ. މަންމަގެ ލޮލުން ކަރުނައިގެ ކޯރެއް ބަންޑުން ކޮށްލާ އަހަރެންނަށް އެ ހުރިހާ ދުވަހެއްގައި މަންމަ އުޅެމުންދިޔަ ވޭނީ ހިތްދަތި ދިރިއުޅުން ކިޔައިދޭން ފެށިއެވެ. އަހަރެން ރާއްޖެއިން ބޭރަށް ދިޔަތާ ދެ މަސްފަހުން މަންމަ އެ ކުޑަ ކޮޓަރިއަށް ބަދަލުކުރި ވާހަކައާއި، މަންމަ އެއްކޮށްފައި ހުރި ހުރިހާ ފައިސާއެއް އެ ދަރިން ބޭނުން ކުރި ވާހަކަތައް ކިޔައިދިނެވެ.
މަންމަ އަށް ކާންދެނީ، އެހެން ހުރިހާ އެންމެން ކައި ނިމުނު އިރަކުން ކަމަށާއި، ގިނަ ދުވަސްދުވަހު ކާންދެމުން ދިޔައީ، ކިރިޔާ ދުނިޔޭގައި ހުރެވޭ ވަރަށް ކަމަށް މަންމަ ކިޔައިދިނެވެ. ލޯބިން ބަލައިބޮޑު ކުރި ދަރިން އެގޮތަށް އަނިޔާތައް ދޭން ފެށީ، މަންމަ ބަލިވެ ގޭގެ ކަންކަން ކުރުމަށް އުޒުރުވެރިވުމުން ކަމަށް މަންމަ ބުނީ، އަސަރާއިއެކުއެވެ. އެ ދަރިން މަންމަ ގެންގުޅެން ބޭނުންވީ، ގުލާނު ކުރުވާ މީހެއްގެ ގޮތުގައެވެ. ދުނިޔޭގެ ލަދަށް ގެއިން ބޭރަށް އެއްލާލަން ބޭނުން ނުވީއެވެ.
އެ ވާހަކަތައް މަންމަ އަހަރެންނަށް ކިޔައިދިނުމުން އަހަރެން އެވަގުތު އާއިލާގެ ބޮޑަށް ތިބި މީހުންނަށް ގުޅާ ކަމުގެ ހަގީގަތް އަހަރެންނަށް އެނގުނުކަން އެންގީމެވެ. އަދި ދެން އެމީހުންނަށް މަންމަގެ "އުނދަގުލެއް" ނުޖައްސާނެ ކަމާ، މަންމަގެ އެއްވެސް ކަމެއްގައި އެމީހުން އުޅެން ނުޖެހޭނެ ކަން އަހަރެން ބުނީމެވެ.
މަންމަގެ ހުރިހާ ޒިންމާއެއް އަހަރެން ނަގައިގެން މަންމަ އާއި އެކު އުފަލުގައި އަހަރެންނަށް ހޭދަ ކުރެވުނީ، އެންމެ 12 ދުވަހެއެވެ. މަންމަ މި ފަނާކުރަނިވި ދުނިޔެއާއި ވަކިވެގެން ދިޔައީ، އެ ހުރިހާ ދަރިންނަށް މަންމަގެ ހިތް ހަލާލު ކުރުމަށް ފަހުއެވެ. ފަހު ވަގުތުވެސް އެ ދަރިންނާއި ދޭތެރޭ މައިވަންތަ ކަމުގެ ލޯބި އެ މަންމަ ދެއްކިއެވެ.
މިއަދު މިއީ މަންމަ މަރުވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ. މިއަދު މަންމަ ފެންނާކަށް ނެތެވެ. މިއަދު އެ ފިރުމުންތައް ލިބޭކަށް ނެތެވެ. މަންމާއެވެ! އަހަރެންނަށް މާފު ކޮށްދޭށެވެ. އަހަރެންނަށް މަންމައަށް ކުރަމުންދިޔަ އަނިޔާތައް އެނގުނުނަމަ އެ ނުލަފާ މީހުންގެ ކިބައިން އަހަރެން މަންމަ ސަލާމަތް ކުރީމުހެވެ. އެހެން ނަމަވެސް މިއަދު އަހަރެންގެ މަންމަ ފެންނާކަށް ނެތެވެ. މިއަދު އަހަރެންނަށް އޮތީ މަންމަ އަށްޓަކައި ހެޔޮ ދުއާ ކުރުމެވެ. އެ މަންމަ އާއިއެކު ޖަންނަތުގައި އުޅުމުގެ ތައުފީގް ދެއްވާތޯ އަހަރެން އަބަދުވެސް ދުއާ ކުރަމެވެ.
ނޯޓް: މިއީ ރާއްޖޭގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.